ޚަބަރު

ދެވަނަ ހާފުގައި ޖެހި ފަސް ލަނޑާއެކު ބަޔާންގެ ވަރުގަދަ އެނބުރި އައުމެއް


ޖަރުމަނު ބުންޑަސްލީގާގެ ގަދަބާރު ބަޔާން މިއުނިކުން، އާރުބީ ލައިޕްޒީގުގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު، ލީގު ތާވަލުގެ އެއްވަނައިގައި ބޮޑު ފަރަގެއް ހޯދައި ހަމަޖެހިލައިފިއެވެ. ރަށުން ބޭރުގައި ކުޅެ ބަޔާނުން މި މެޗު ކާމިޔާބުކުރީ 1-5ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ލައިޕްޒީގުންނެވެ. ފުރަތަމަ ހާފުގައި، މެޗުގެ 20 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮމޫލޯ ކާޑޯސޯއެވެ. މިއީ މި ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑެވެ.

މެޗުގައި ބަޔާނުން ޖެހި ފަސް ލަނޑަކީ ވެސް މެޗުގެ ދެވަނަ ހާފުގައި ޖަހާފައިވާ ފަސް ލަނޑެވެ. މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު، 50 ވަނަ މިނެޓުގައި ޖެހީ ސާޖް ގްނަބްރީއެވެ. އޭގެ 17 މިނެޓު ފަހުން ހެރީ ކޭން ވަނީ ބަޔާންގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގައި ބަޔާންގެ ބާކީ ތިން ލަނޑު ޖަހައިދިނީ ޖޮނަތަން ޓާއާއި އެލެކްސަންޑާ ޕަވްލޮވިޗް އަދި މައިކަލް އޮލީސޭއެވެ.

މި މެޗުން ހޯދި މޮޅާއެކު ލީގު ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ 11 ޕޮއިންޓުގެ ލީޑަކާއެކުއެވެ. ބަޔާންއަށް، ކުޅުނު 18 މެޗުން 50 ޕޮއިންޓު ލިބިފައިވާއިރު ދެވަނައިގައި އޮތް ޑޯޓްމަންޓަށް ލިބެނީ 18 މެޗުން 39 ޕޮއިންޓެވެ. މެޗުގައި ބަޔާން އަތުން ބަލިވި ލައިޕްޒީގަށް ތާވަލުގެ ހަތަރުވަނަ ލިބެނީ 17 މެޗުން 32 ޕޮއިންޓާއެކުއެވެ.