ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ކުރަމުންދާ މަސައްކަތުގެ ސަބަބުން ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ހޭދަކުރަންޖެހޭ ޢަދަދު އެތައްގުނައެއް އިތުރުވެ، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ހޭދަކުރެވިދާނެ ފައިސާ އެކަމަށް ހޭދަކުރަންޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ޓޫރިޒަމް ހަލާކުކޮށްލުމަށް ކުރާ މަސައްކަތްތައް ސަރުކާރުން ނާކާމިޔާބުކުރަމުންދާކަމަށެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކުން ބޭރު ޤައުމުތަކުގައި ރާއްޖެއާގުޅޭގޮތުން ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރަމުންދާތީ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ކުރަމުންދާކަމަށް ސަރުކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން ރާއްޖޭންބޭރުގައި ދައްކަމުންދާ ވާހަކަތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އަދި ރާއްޖެއަށް އެންމެ ގެއްލުން ހުރި ވާހަކައަކީ ދިވެހި ސަރުކާރުން ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކަށް މީހުން ފޮނުވާކަމަށާއި، ސަރުކާރަކީ ޓެރެރިޒަމަށް ވާގިދޭ ސަރުކާރެއްކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކެވެ. މީގެ އިތުރުން ޓޫރިސްޓުންނަށް ރާއްޖޭގައި ރައްކާތެރިކަމެއް ނެތްކަމަށާއި، ދައުލަތުގެ ބާރުތައް ކޮރަޕްޓްވެ ޤައުމުތެރޭގައި ހަމަނުޖުހުންތަކާއި ފަސާދަ އުފެދިފައިވާކަމަށް ބުނެ އެފަރާތްތަކުން ދަނީ ޙަޤީޤަތެއްނެތް މަޢުލޫމާތު ބައިނަލްއަޤްވާމީ ދުނިޔޭގައި ފަތުރަމުންނެވެ. މީގެތެރެއިންވެސް އެންމެ ފަހުން ދައްކަން ފަށާފައިވާ ވާހަކައަކީ ރާއްޖޭގެ ވެރިކަން ވެއްޓެނީކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކެވެ.
ޕަބްލިކް ސަރވިސް މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ދިވެހިރާއްޖޭގެ ޓޫރިޒަމަށް މިހާރު ހުރި އެންމެ ބޮޑު ގޮންޖެހުމަކީ އިދިކޮޅު ފަރާތްތަކުން ރާއްޖެއިން ބޭރުގައި ފަތުރަމުންދާ މިފަދަ ހަޤީޤަތާ ޚިލާފު ވާހަކަތައްކަމަށެވެ. އެގޮތުން އެކަންކަމުގެ ހަޤީޤަތް ބޭރުގެ ފަރާތްތައް މެދުވެރިކޮށް އޮޅުންފިލުވައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިއީ ވަރަށް ޚަރަދު ބޮޑުކަމެއް. އެހެންޏާ އަޅުގަނޑުމެން ކޮންމެވެސް ރަށެއްގެ ބަނދަރު ކޮންނަން ނޫނީ ކޮންމެވެސް ރަށެއްގެ ނަރުދަމާއަށް ޚަރަދުކުރަންޖެހޭ ފައިސާ މިހާރު އަޅުގަނޑުމެން މިޖެހެނީ ޕީ.އާރ ކުންފުނިތަކަށް ޚަރަދުކުރަން. އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުން ގޯސްގޮތެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން މިޖެހެނީ އެޤައުމުތަކުން ޕަބްލިކް ރިލޭޝަންސް ކުންފުނިތަކަށް ފައިސާދީގެން ރަނގަޅު މަޢުލޫމާތު ފޯރުކޮށްދޭން. އެހެންވީމަ އެގޮތަށް ފޮނުވުމަށްޓަކައި ވަރަށްބޮޑު ޚަރަދެއް މިހާރު ދައުލަތުން ކުރަންޖެހޭ." މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަކީ ސީދާ ރާއްޖޭގެ ޓޫރިޒަމް ހަލާކުކޮށްލައި އިޤްތިޞާދު ބަލިކަށިކޮށްލުމަށް ކުރަމުންދާ މަސައްކަތްތަކެއްކަމަށެވެ. އެހެންނަމަވެސް އެފަރާތްތަކުން ކޮށްފައިވާ އެފަދަ އެތައް މަސައްކަތްތަކެއް ސަރުކާރުން ނާކާމިޔާބު ކޮށްލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އޭގެ ފަހުން ވާހަކަދައްކަމުން އައީ ރާއްޖެއަކީ ޓެރެރިޒަމްއަށް ތާއީދުކުރާ ބައެކޭ ނޫނީ ޓެރެރިޒަމް ރެކްރޫޓްމަންޓް ގްރައުންޑެކޭ ރާއްޖެއަކީ. ރާއްޖޭގައި ހުންނަ ސްކޫލްތަކާ ތަންތާގައި ދީދީ ހައްދުފަހަނައަޅާފައިވާ ވިސްނުން ޕްރޮމޯޓް ކުރަނީއޭ. ދެން އަޅުގަނޑުމެން އެއަށްވެސް ޗެލެންގްކޮށްގެން، އަޅުގަނޑުމެންގެ ސްޓެރެޓަޖީސް ބޭނުންކޮށްގެން އެވެސް އަޅުގަނޑުމެން ނާކާމިޔާބުކޮށްލިން. އެކަމަކު ހަޤީޤަތުގައި ޓޫރިޒަމް އެންމެ އެކަށީގެންވާ ގޮތުގައި ފުޅާ ނުކުރެވޭ އެއްސަބަބު އެއީ. އޭއީދެން ވަރަށް އުނދަގޫކަމެއް އެއަށް (ޓެރެރިޒަމާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް) ޗެލެންޖް ކުރުމަކީ." މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
"ވިޒިޓް މޯލްޑިވްސް އިއަރ 2016" ގެ ގޮތުގައި މިއަހަރު ފާހަގަކުރަމުންދާއިރު މިއަހަރުގެ ނިޔަލަށް 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެހެންނަމަވެސް އިދިކޮޅުފަރާތްތަކުން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުންނާއި އެހެނިހެން އެކި ސަބަބުތަކާ ގުޅިގެން ވިޒިޓް މޯލްޑިވްސް އަހަރުގެ އަމާޒު ދައްކުރަން ވިސްނުން ގެންގުޅުއްވާކަމަށް ޓޫރިޒަމް މިނިސްޓަރ ކުރިންވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އިޤްތިޞާދުގެ ބޮޑުބައެއް ޙިއްޞާ ކުރަނީ ޓޫރިޒަމުން ލިބޭ ޢާމްދަނީ ކަމަށްވުމުން ޓޫރިޒަމަށްލިބޭ ކޮންމެ ބަލިކަށިކަމަކީ ރާއްޖޭގެ މުޅި އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމެކެވެ.