ޚަބަރު

ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރުމުގައި ކުޅިވަރު މުޙިއްމު ދައުރެއް އަދާކުރޭ: ވަޒީރު ރާފިޢު


ހެޔޮލަފާ ރަނގަޅު ތަރުބިއްޔަތެއްގައި ކުޅިވަރު މުހިންމު ދައުރެއް އަދާކުރާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފަވަނީ ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" މި ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާ ރާއްޖޭގައި ކުރިއަރާ ދިއުމުގައި ވަޒީރުގެ ތަޞައްވުރާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ހަށިހެޔޮ މުޖުތަމައެއް ބިނާކުރުމުގައި ކުޅިވަރު މުހިންމު ދައުރެއް އަދާކުރާކަމަށެވެ. ކުޅިވަރުގެ ޒަރީޢާއިން ކުދި ބޮޑު އެންމެންނަށް ފިލާވަޅުތަކެއް ދަސްކޮށްދޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ހެޔޮ ލަފާ ރަނގަޅު އިންސާނުންތަކެއް ތަރުބިއްޔަތުވުމުގައިވެސް ކުޅިވަރު އަދާކުރާ ދައުރު ބޮޑުކަމަށެވެ.

"ކުޅިވަރަކީ އެގައުމެއްގެ ރައްޔިތުންނަށް ހަށިހެޔޮ، ދުޅަހެޔޮ ސިއްހަތެއް ގެނެސްދޭނެ އެންމެ ބޮޑު އެއް ވަސީލަތް، އެންމެ ބޮޑު އެއް ކޮންޓްރިބިއުޝަން އަޅުގަނޑުމެންނަށް ދެވޭނެ. ސަބަބަކީ ކުޅިވަރުގެ ޒަރީއާއިން ކުދިބޮޑު އެންމެންނަށްވެސް މިދަސްކޮށްދެނީ މާހައުލުގައި ރަނގަޅު އިންސާނުންތަކެއް ތަރުބިއްޔަތުކޮށް ގެންގުޅުން" ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ހެޔޮ ލަފާ ޖީލެއް ބިނާވެގެން ދިއުމުގައި ކުޅިވަރު އަދާކުރާ ދައުރު ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުޅިވަރުގެ ސަބަބުން އަޚްލާޤީ ގިނަގުނަ ފިލާވަޅުތަކެއް ފޯރުކޮށްދޭކަމަށެވެ. އެގޮތުން ސަގާފަތާއި އާދަކާދައާއި، އިޖުތިމާޢީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢުން ބަލައިގަނެފައިވާ އަޚްލާޤީ ރިވެތި މިންގަނޑުތައް އިންސާނުންގެ ކިބައިގައި ކުޅިވަރުގެ ސަބަބުން ގާއިމުވެގެންދާކަމަށް ވަޒީރު ހާމަކުރެއްވިއެވެ. ކުޅިވަރުން ދަސްކޮށްދެނީ އެކެއް އަނެކަކަށް އިހުތިރާމުކޮށް ޓީމެއްގެ ގޮތުގަޔާއި ވަކިން އުޅެން ޖެހުނުކަމަށްވިޔަސް އެންމެ ރިވެތި ސިފަތަކުގައި ސާބިތުވުންކަމަށްވާއިރު މިއީ ގަޑިއަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް ބާރުއަޅާ ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އޭގެ ތެރޭގައި ރަނގަޅު ވެލިއުސްތައް ހިފެހެއްޓުމާއި، އަޚްލާޤީ މިންގަނޑު ހިފެހެއްޓުމާއި އެކެއް އަނެކަކަށް އިހްތިރާމުކުރާއި، ވަކިން އުޅުމާއި، ޓީމެއްގެ ގޮތުގައި އުޅެން ދަސްކޮށްދިނުމާއި، ގަޑިއަށް ހުރުމަތްތެރިކޮށް ހިތުމާއި މިކަހަލަ ރަނގަޅު ސިފަތައް އަޅުގަނޑުމެންގެ ކުދި ބޮޑު އެންމެންގެ މެދުގައި ކުޅިވަރުގެ ޒަރީއާއިން ގާއިމުވެ ފޯރުކޮށްދެވޭ" ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރުގެ ޒަރީއާއިން އަދުގެ ކުޑަކުދިންނަށްވެސް އަޚްލާޤީ ރަނގަޅު ސިފަތައް ދަސްކޮށްދޭންޖެހޭކަމަށް ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދުގެ ތުއްތުކުދިންނަކީ މުސްތަގުބަލުގެ ހަރު މީހުންކަމަށްވާއިރު އެކުދިންގެ ކިބައިގައި އަޚްލާޤީ ރިވެތި ސިފަތައް އަށަގެންނެވުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެފަދަ ޖީލެއް ބިނާކުރެވިއްޖެނަމަ މޮޅެތި ކުޅުންތެރިންތަކެއް އުފެދި، ހަށިހެޔޮކަމަށް ލޯބިކުރާ ޖީލެއް މުސްތަގުބަލުގައި ފެނިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މުސްތަގުބަލު މިއޮތީ އަޅުގަނޑުމެންގެ ޅަދަރީންނަށް ޒުވާނުންގެ އަތް މަތީގައި. އަޅުގަނޑުމެންގެ ދަރިންނަކީ އަޅުގަނޑުމެންގެ މުސްތަގުބަލު. ހުރިހާ ކުދިންނަކީވެސް ކުޅިވަރުގެ ކަންތައްތަކުގައި އުޅޭ ހިތްވާކުދިންކަމަށްވާތީވެ، ކުޅިވަރުގެ ޒަރީއާއިން އެކަންކަން ދަސްކޮށްދިނުމަކީ އެންމެ ރަނގަޅު، އެންމެ ހެޔޮ ގޮތްކަން އަޅުގަނޑުމެންނަށް އެނގިތިބެ، އެހެނިހެން ކަންކަން ކުޅިވަރުން ހޯދަން މިއުޅެނީ، އޭގެ ތެރޭގައި މޮޅެތި ކުޅުންތެރިން އުފެއްދުމާއި، ކަސްރަތަށް ބޮޑަށް އަހުލުވެރިކުރުވުމާއި، އެކްޓިވްކޮށް އުޅެން ދަސްކޮށްދިނުން" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ ދުޅަހެޔޮ އާބާދީއަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވާއިރު، ކުޅިވަރު ވުޒާރާއިން ގެންދަވަނީ އެއަމާޒަށް ވާސިލުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފިޓްނެސް ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ ބިޔަ މަޝްރޫޢެއް ފައްޓަވާފަވާއިރު، އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައްވެސް އަތޮޅުތައް ހިމެނޭހެން ދަނީ ފަހިކޮށްދެއްވަމުންނެވެ.