މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 99،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 99،350 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 90،659 ފަތުރުވެރިންނާ އަޅާބަލާއިރު %9.6 އިތުރު އަދަދެކެވެ. މިމަހުގެ މިހާތަނަށް އެއްދުވަހެއްގެތެރޭގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު 9،596 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމުގައިވީ ނަމަވެސް، މިއަހަރުގެ ފުރަތަމަ 14 ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.
ރަޝިއާ - 16،868 ފަތުރުވެރިން
އިޓަލީވިލާތް - 11،987 ފަތުރުވެރިން
އިނގިރޭސިވިލާތް - 8،159 ފަތުރުވެރިން
ޖަރުމަނުވިލާތް - 6،245 ފަތުރުވެރިން
ޗައިނާ - 5،404 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 7096 އެއްހާ ފަތުރުވެރިން އާދެއެވެ. ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.