ކުޅިވަރު

އަމާޒަކީ ދެވަނަ ނުވަތަ ތިންވަނައިގައި އޮވެ ލީގު ނިންމާލުން: ނިޒާމް


މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކުލަބުގެ އަމާޒަކީ ލީގުގެ ދެވަނަ ނުވަތަ ތިންވަނަ ހޯދުންކަމަށާއި މޮޅުވުމުގެ ރޫހުގައި ޓީމުން ގަދައަޅާ މަސައްކަތްކުރަމުންދާކަމަށް އެޓީމުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ނިޒާމް މިހެން ބުނެފަވަނީ މިމަހުގެ 6 ވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސް އަތުން 3-1 ލަނޑުން މޮޅުވި މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުންނެވެ.

ބުރުގެ ފަރާތުން މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް އުފެއްދި މެޗަށްފަހު ނިޒާމް ބުނީ ލީގުގައި މިހާރު ބުރުން ހިފާފައިވާ އަމާޒަކީ މޮޅުވުމުގެ ރޫހުގައި ނުކުމެ ކޮންމެ މެޗެއްވެސް ކާމިޔާބުކުރުމުގެ އަމާޒުކަމަށެވެ. ވަކި ޓީމެއްވެގެން ވާދަކުރުމަށް ނުވިސްނާ ކަމަށާއި ކޮންމެ ބަޔަކާއި ދެކޮޅަށްވެސް ނުކުންނާނީ މޮޅުވުމުގެ ރޫހުގައިކަމަށް ނިޒާމް ބުނެފަވެއެވެ.

"އެއްގޮތަކަށްވެސް ވަކި ކުލަބަކަށް ޓާގެޓު ކުރާ ހިސާބެއްގައެއް ނޫން ޓީމު މިއޮތީ. މިވިސްނަނީ ކުރިއަށް އޮތް ކޮންމެ މެޗެއްވެސް ވިންކުރަން ކުޅުންތެރިން ތަންކޮޅެއް ބޮޑަށް ވިނިން މެންޓަލިޓީއަށް ހާނުވަން. އެޔަށް ބޮޑަށް މި ފޯކަސްކުރަނީ. އަނެއްހެން ވަކި ޓީމަކާއި އެހެން ވާދަކުރުމެއް ނޫން. ކޮންމެ ޓީމަކާއި ކުޅުނަސް ރަނގަޅަށް ކުޅެ ނަތީޖާ ނެރެވޭތޯ މަސައްކަތްކުރާނީ" ނިޒާމް ބުންޏެވެ.

ލީގުގަ މިހާތަނަށް ކުޅުނު 14 މެޗުގެ ތެރެއިން 8 މެޗު ކާމިޔާބުކޮށް 2 މެޗުން އެއްވަރުވެފައިވާ ބުރު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައިއެވެ. އަދި 37 ގޯލާއިއެކު އެޓީމުންވަނީ މިހާތަނަށް ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ޓީމުގެ ޝަރަފުވެސް ހޯދާފައެވެ.

ރަނގަޅު ފޯމެއްގައި އޮވެ މޮޅު ކުޅުމެއް ދައްކަމުންދާ ބުރުން އެންމެ ބޮޑު ސަމާލުކަމެއްދެނީ ކުޅުންތެރިންނަށް އަނިޔާނުވެ ސީޒަން ނިންމާލުމަށްކަމަށް ނިޒާމްވަނީ ބުނެފައެވެ. ލީގާއި ކުޅުންތެރިން ކުރިމަތިލީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ތިބެފައިކަމަށްވުމުން އަނިޔާގެ މައްސަލަތައް ކުލަބަށްދިމާވެދާނެކަމުގެ ބިރު އޮތްކަމަށާއި އެހެންކަމުން އެކަމަށް ރައްކާތެރިވެ ފިޔަވަޅު އެޅިކަމަށް ނިޒާމް ބުންޏެވެ.

"އެންމެ ބޮޑަށް ފޯކަސްކުރީ ބޮޑު އިންޖަރީތަކެއް ނައިސް، ކުޅުންތެރިން މެއިންޓެއިންކޮށްގެން ސީޒަންގެ ފަހުކޮޅާއި ހަމައަށް ގެންދެވޭނެ ގޮތަކަށް. އިރާދަކުރެއްވިއްޔާ މިދަނީ ވަރަށް ރަނގަޅަށް. ޓީމުގައި އަނެއްހެން ބޮޑު އެއްވެސް އިންޖަރީއެއް ނެތް ޓްރޭނިންގައި ނޫނީ ޓީމުގައި ކުޅެގެންނެއް" ނިޒާމް ބުންޏެވެ.

ނިޒާމް ބުނީ ޓީމުން ދައްކަމުންދާ ކުޅުމާއި މެދު ހިތްހަމަޖެހޭކަމަށާއި، މިގޮތަށް ކުޅުންތެރިން ތިބެއްޖެނަމަ ރަނގަޅު ވަނައަކާއި އެކު ލީގު ނިންމާލެވިދާނެކަމަށް ބެލެވޭކަމަށެވެ. ބުރުގެ އަމާޒަކީ ދެވަނަ ނުވަތަ ތިންވަނަ ހޯދުންކަމަށާއި އެޓާގެޓަށް ކުޅުންތެރިން އަމާޒު ހިފާފައިވާކަމަށް އޭނާ ބުނެފަވެއެވެ.

"ބޭނުން ހަމަ، ލިބޭ އެންމެ ގިނަ ޕޮއިންޓެއް ހޯދަން. ކުޅުންތެރިންނަށްވެސް ވިސްނައިދެމުން މިދަނީ ދޭއް، ތިނެއްގެ ތެރޭއަށް ހިނގާށޭ މަސައްކަތްކުރަން. އެއީ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ޓާގެޓެއްދީގެން މަސައްކަތްކުރަނީ. ހީވަނީ މިހާރު މިދާގޮތުން ރަނގަޅު ހިސާބެއްގަ ނިންމާލެވޭނެހެން" ނިޒާމް ބުންޏެވެ.

ލީގާއި ބުރުން ކުރިމަތިލީ އެޓީމުގެ މުހިންމު ހަތަރު ކުޅުންތެރިޔަކަށް ފުޓްސަލްއިން ދިމާވި އަނިޔާތަކަކާއި ގުޅިގެން ސްކޮޑުގައި ނުހިމަނައެވެ. އެހެންނަމަވެސް ލީގުގެ މިހާތަނަށް އައިއިރު ގިނަ ކުޅުންތެރިން ފިޓްވެފައިވާކަމަށާއި ކުޅުންތެރިންގެ ހިތްވަރުން ލީގުގެ މިހާ ހިސާބަށް އާދެވުމަކީވެސް ބޮޑު ކާމިޔާބީއެއްކަމަށް އޭނާ ސިފަކުރިއެވެ.

މިމަހުގެ 16 ވަނަ ދުވަހު ބުރުން ވިކްޓްރީއާއި ދެކޮޅަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު އެމެޗަކީ ފަސޭހަ މެޗަކަށް ނުވާނެކަމަށް ނިޒާމް ފާހަގަކުރިއެވެ. އެމެޗު އޭނާ ސިފަކުރީ "ޓެކްޓިކަލް ބެޓްލް"އެއްގެ ގޮތުގައެވެ.

"ވަރަށް ބޮޑަށް ތައްޔާރުވާނަން. ކުރިއަށް އޮތް މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ. ވަރަށް މަސައްކަތްކޮށްގެން ކުޅުންތެރިން ވަރަށް ހިތްވަރުލައިގެން ކުޅެންޖެހޭ. ޓެކްޓިކަލް ބެޓްލްއަކަށް ދާންޖެހޭނީ. އެހެންވީމަ ވަރަށް ބޮޑަށް ޕްރިޕެއަރ ވާނަން" ވިކްޓްރީއާއި ބައްދަލުކުރާ މެޗާއި ގުޅޭގޮތުން ނިޒާމް ބުނެފަވެއެވެ.

ލީގުގަ ބުރު ސްޕޯޓްސް ކުލަބާއި ވިކްޓްރީ ބައްދަލުކުރާ މެޗު އޮންނާނީ ހުކުރުދުވަހުގެ ހަވީރުއެވެ. ލީގު ތާވަލަށް ބަލާއިރު ވިކްޓްރީ މިވަގުތު އޮތީ ކުޅުނު 14 މެޗުގެ ތެރެއިން 6 މެޗުން ހޯދި މޮޅާއިއެކު 20 ޕޮއިންޓު ހޯދާ ތާވަލުގެ ހަވަނައިގައެވެ.