ވިޔަފާރި

އިޤްތިޞާދީ ހަމަޖެހުން ނަގާލުމަށް ކުރާ މަސައްކަތް ކުށްވެރިކޮށްފި


އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ރޫޙު ފެތުރެމުންދާ މި ދަނޑިވަޅުގައި، އެކަމަށް ހުރަސްއަޅައި، ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ނަގާލުމަށް ސިލްސިލާ ގޮތެއްގައި ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖެ ބަދުނާމުކޮށް އަގުވެއްޓޭފަދަ ގޮތްގޮތަށް ހިންގަމުންދާ ޢަމަލުތައް ރާއްޖޭގެ އިކްނޮމިކް މިނިސްޓްރީން ކުށްވެރިކުރައްވައިފިއެވެ.

މިކަން ކުށްވެރިކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ސަރުކާރަށް އަމާޒުކޮށް، ބައިނަލްއަޤްވާމީ މީޑިއާގައި ފަތުރަމުންދާ އިލްޒާމުތަކާއި ކުރަމުންދާ ދޮގުތުހުމަތުތަކަށް ރިޢާޔަތްކުރައްވައި މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓުން ނެރުއްވި ނޫސްބަޔާނެއްގައެވެ. މިނިސްޓްރީ އޮފް އިކޮނަމިކް ޑިވޮލޮޕްމަންޓުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، މިއީ ފަރުދީ އަދި ބައިނަލްއަޤްވާމީ އިންވެސްޓަރުން މިރާއްޖޭގައި އިންވެސްޓްކުރުމުގެ ރޫޙު ފެތުރެމުންދާ ދަނޑިވަޅެއްކަމަށާއި، މި ދަނޑިވަޅުގައި، އެކަމަށް ހުރަސްއެޅުމުގެ ގޮތުން، ސަރުކާރަށް އަމާޒުކޮށް، ބައިނަލްއަޤްވާމީ މީޑިއާގައި ފަތުރަމުންދަނީ، އެއްވެސް އަސާސެއް ނެތް އިލްޒާމްތަކަކާއި ތުހުމަތުތަކެއްކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ނަގާލުމަށް ސިލްސިލާ ގޮތެއްގައި ކުރަމުންދާ މަސައްކަތްތަކާއި، ދިވެހިރާއްޖެ ބަދުނާމުކޮށް އަގުވެއްޓޭ ފަދަ ގޮތްގޮތަށް ހިންގަމުންދާ ހުރިހާ ޢަމަލެއް އިކޮނޮމިކް މިނިސްޓްރީން ކުށްވެރިކުރަށްވާކަމަށް އެމިނިސްޓްރީގެ ބަޔާނުގައިވެއެވެ.

img:http://s1.psmnews.mv/images/660x400/14638587333258.jpg|އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ޕެސެންޖަރ ޓަރމިނަލް ބޮޑުކުރުމުގެ ރަސްމިއްޔާތުގައި / ފޮޓޯ: ޕީއެސްއެމް

މި ދަނޑިވަޅަކީ، އިޤްތިޞާދީ އަދި ޢުމްރާނީ ގޮތުން މި ޤައުމު މުޅިން އައު އުސްމިންތަކަކަށް ގެންދިއުމަށް ސަރުކާރުން ހިފި އަމާޒުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ޙާޞިލުވަމުން އަންނަ ހަމައެހެންމެ އެކަމަށް މުހިންމު ކާމިޔާބީތަކެއް ލިބެމުން އަންނަ ދަނޑިވަޅެއްކަން މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން، ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން އެޅުއްވި އެކިއެކި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓްމަންޓްތައް އަންނަނީ އިތުރުވަމުންނެވެ. މީގެތެރެގައި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ގެދުރުވެރިކަމާއި އިޤްތިޞާދީ ގޮތުން ރާއްޖެއަށް ފައިދާކުރުވަނިވި އެތައް އިންވެސްޓްމަންޓްތައް ހިމެނޭކަން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އިޤްތިޞާދީ އާ ޙަރަކާތްތަކެއް ފެށި، ޒުވާނުންނަށް ޚާއްޞަކުރެވިފައިވާ ވަޒީފާގެ ގިނަ  ފުރުޞަތުތަކެއް ހުޅުވާލެވިފައިވާކަންވެސް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރައްވައެވެ. ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިންގ އެޖެންސީތަކުގެ ތެރޭގައި ހިމެނޭ އެޖެންސީ، "މޫޑީސް އިންވެސްޓަރސް ސަރވިސް" ގެ ފަރާތުން ތައްޔާރުކޮށް ދާދިފަހުން  ރާއްޖެއަށް ދިން ކްރެޑިޓް ރޭޓިންގގެ ސަބަބުން، ދިވެހިރާއްޖޭގެ ތަރައްޤީގެ ކުރިމަގު އުޖާލާވެ، ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގެ އިތުބާރު ވަރުގަދަ ވެފައިވާކަމާއި، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަސާސްތައް އަދިވެސް އޮތީ ސާބިތުކަންމަތީގައި ކަމަށާއި، ހަމައެހެންމެ، އިޤްތިޞާދީ ކުރިއެރުމުގެ ކުރިމަގުވެސް އޮތީ ހެޔޮ ފާލެއްގައިކަން އިކޮނޮމިކް މިނިސްޓްރީން ބަޔާންކުރައްވައެވެ. 

img:http://s4.psmnews.mv/images/660x400/14630432104620.jpg|ސަރުކާރުގެ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

މޫޑީސްއިން ރާއްޖެއަށް ދީފައިވަނީ "ބީ.ޓޫ" ރޭޓިންގއެކެވެ. މިރޭޓިންގގައި ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމުތަކާއި، އަވަށްޓެރި ޤައުމުތަކާއި، ކުދި ޖަޒީރާ ޤައުމުތައްވެސް ހިމެނެއެވެ. ޕީ.އެސް.އެމްއަށް ދެއްވި އިންޓަވިއުއެއްގައި އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ، ކްރެޑިޓް ރޭޓިންގ ޝާޢިއުކުރުވެމުންވެސް ސަރުކާރުން އިޤްތިޞާދު ހަރުދަނާ ކުރެއްވުމައްޓަކައި ދެފުށްފެންން ގޮތަށް ކަންކަން ކުރިއަށް ގެންދަވާކަން އެނގިގެންދާކަމަށެވެ.

ދިވެހި ސަރުކާރުގެ އިންވެސްޓްމަންޓް ސިޔާސަތަކީ މިނިވަން، އަދި ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތީން ތަންފީޒުކުރާ ސިޔާސަތުތަކަކަށްވީއިރު، ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ރައްކާތެރިކުރުމަށްޓަކައި ހަރުދަނާ ނިޒާމްތަކެއް ރޭވިފައި އޮތުކަމުގެ ޔަޤީންކަން، މި ދަނޑިވަޅުގައި ޢާންމު ފަރުދުންނާއި އިންވެސްޓަރުންނަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ދެއްވާއްވާފައެވެ.