ކުޑަކުދިން ހެދިބޮޑުވަނީ އެކުދިންގެ ވިސްނުމާއި ޚިޔާލުތަކަށް ބަލައިގަންނަ، ރައްކާތެރި މާހައުލެއްގައިކަން ކަށަވަރުކުރުމަކީ ދިވެހި ސަރުކާރުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު މިހެން ވިދާޅުވީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން ރާއްޖޭން ހުށަހެޅި ރިޕޯޓު މުރާޖައާކުރުމަށް އދ. ގެ ކުޑަކުދިންނާ ބެހޭ ކޮމިޓީން ބޭއްވި ޚާއްސަ ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖެނީވާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ، ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލު ކަމަށްވާތީ، ކޮންމެ ކުއްޖަކަށްމެ އަމާންކަމާއި ކަރާމާތް ލިބިގެންވާ މާހައުލެއް ހޯދައިދިނުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުދިންގެ އަޑު އަހާ، އެކުދިންނަށް އިހުތިރާމްކުރާ މުޖުތަމައެއް ބިނާކުރުމަކީ ދައުލަތުގެ އަމާޒެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާއަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ސިޔާސަތުތަކާއި، ތަރައްޤީގެ މަސައްކަތްތަކަށް މަގުދައްކައިދޭ މުޢާހަދާއެއްކަން ފާހަގަކުރައްވައި، ކަމާބެހޭ ނިޒާމުތައް ހަރުދަނާކޮށް، ކުޑަކުދިންނަށް ރައްކާތެރި، އެކުދިންނަށް އިޙްތިރާމްކުރާ، އަދި އެކުދިންގެ ކުރިއެރުމަށް ބާރުވެރި މާހައުލުތައް ހޯދައިދިނުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
މި ސެޝަންގައި މުރާޖައާކޮށްފައިވަނީ 2016 އިން ފެށިގެން 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ މައްޗަށް އެކުލަވާލައި، 2021 ވަނަ އަހަރު ހުށަހެޅި ރިޕޯޓެވެ. މިއީ 1991 ވަނަ އަހަރު ރާއްޖޭން ބައިވެރިވި ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން، އދ. ގެ ކޮމިޓީން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ރިވިއު ސެޝަންތަކުގައި، މުއާހަދާ ތަންފީޒުކުރުމާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ތަފްސީލީ ސުވާލުތަކަށް ރާއްޖޭގެ ވަފުދުން ވަނީ ޖަވާބުދީފައެވެ. މި ވަފުދުގައި ބަންޑާރަނައިބުގެ އިތުރުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ދައުލަތުގެ ކަމާބެހޭ އެކި ވުޒާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ވަފުދުގައި ބަންޑާރަނައިބުގެ އޮފީހާއި، ޚާރިޖީ ވުޒާރާ، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ އިތުރުން ތައުލީމީ ވުޒާރާގެ އިސް އޮފިޝަލުންނާއި ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މިއީ ރާއްޖޭގެ ކުޑަކުދިންގެ ހައްގުތަކުގެ ހާލަތު ބައިނަލްއަގުވާމީ ފެންވަރުގައި ވަޒަންކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.
މި ރިވިއު ނިމުމުން، ރާއްޖޭން ހުށަހެޅި މައުލޫމާތުތަކަށް ރިއާޔަތްކޮށް، ކުޑަކުދިންގެ ހައްގުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކޮމިޓީގެ ފަރާތުން ހުށަހަޅާ 'ކޮންކްލޫޑިންގ އޮބްސަވޭޝަންސް' ތަކާއި އިސްލާހީ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައި ދިވެހި ދައުލަތާ ހިއްސާކުރާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތުދެއެވެ.