ޚަބަރު

ފެންފުށީ ކްލާސްރޫމް އިމާރާތް ދިރާސީ އަހަރަށް ނިންމަނީ


  • މިއީ 2 ފަންގިފިލާގެ 4 ކްލާސްރޫމުގެ އިމާރާތެއް

  • މަސައްކަތް ނިންމަނީ އާރްޑީސީއާ ޙަވާލުކޮށްގެން

އދ.ފެންފުށީ ކްލާސްރޫމު އިމާރާތުގެ މަސައްކަތް ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިމޭނެ ކަމަށް މިމަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން ވިދާޅުވެއްޖެއެވެ.

އާރްޑީސީން ވިދާޅުވީ، މި އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.

2 ފަންގިފިލާއަށް ތަރައްޤީ ކުރާ މި ސްކޫލު އިމާރާތަކީ 4 ކްލާސްރޫމުގެ އިމާރާތެކެވެ. އދ.ފެންފުށީ ސްކޫލު އިމާރާތުގެ މަސައްކަތް އެންމެ ފުރަތަމަ ޙަވާލުކޮށްފަވަނީ، 2021 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާއެވެ. އެ މަސައްކަތް އޭރު ޙަވާލުކޮށްފަވަނީ، 5 މަސް ދުވަހުން ނިންމާ ގޮތަށް 4.6 މިލިޔަން ރުފިޔާއަށެވެ.

ނަމަވެސް ފަހުން އެ މަސައްކަތް ލަސްވެ، މިދިޔަ އަހަރާ ޖެހެންދެންވެސް މަސައްކަތް އޮތީ ނުނިމިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ފެންފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުން ވަނީ، އެ މަސައްކަތް އަވަސް ކޮށްދިނުމަށް އެދިފައެވެ. 1200 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ފެންފުށީ ސްކޫލުގެ ޖާގައިގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. ރައްޔިތުން އެދިފައިވާ ގޮތަށް، ފެންފުށީ ސްކޫލުގެ ކްލާސްރޫމް އިމާރާތުގެ މަސައްކަތް، ދިރާސީ އަހަރުގެ ކުރިން ނިންމަންދޭނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއްވެފައި އޮތުމަށްފަހު، އެކަން އަވަސް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއި ޙަވާލު ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. އަދި ޢަމަލީގޮތުން އެ މަސައްކަތް ފެށީ، ޖުލައި މަހުގައެވެ.

މިހާރު ވަނީ އިމާރާތުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިމި، އިންޓީރިއަރ އަދި އެކްސްޓީރިއަރގެ މަސައްކަތްތައްވެސް ފަށާފައެވެ. އާރްޑީސީން ވިދާޅުވީ، މި މަސައްކަތް ނިންމާ މިއަހަރުގެ ދިރާސީ އާ އަހަރަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.