ޚަބަރު

އަލްޖަޒީރާގެ ތުހުމަތު އެމްއެމްއޭއިން ދޮގުކުރައްވައިފި


އަލްޖަޒީރާއިން ރާއްޖެއާއި ބެހޭގޮތުން ނެރެފައިވާ ރިޕޯޓްތަކުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ, އެމްއެމްއޭ އާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތުތަކަކީ، އެއްވެސް އަސާސެއް ނެތް މުޅިން ދޮގު ތުހުމަތުތަކެއްކަމަށް އެއޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭ އިން މިކަމާއި ގުޅިގެން ނެރިފައިވާ ނޫސްބަޔާނުގައި އަލްޖަޒީރާއިން ނެރުނު ރިޕޯޓާއި ގުޅިގެން އެ އޮތޯރިޓީއަށް ނުވަތަ ގަވަރުނަރު އާ ގުޅާފައިނުވާކަމަށް ވިދާޅުވެފައިވެއެވެ. އަދި އެ ތުހުމަތުތަކާ ގުޅޭގޮތުން ގުޅިކަމަށް ބަޔާންކޮށްފައިވާތީ، އެކަމާ އެ އޮތޯރިޓީން ކަންބޮޑުވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރަށް އެ އޮތޯރިޓީ މެދުވެރިކޮށް 'މަނީ ލޯންޑަރ' ކުރާ ކަމަށް ކުރާ ތުހުމަތަކީ އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމުގައި އެމްއެމްއޭ އިން ވިދާޅުވެއެވެ.

ދައުލަތުގެ ޚަޒާނާއަށް ފައިސާ ވެއްދުމާއި ނެރުމަކީ ވަރަށް ހަރުދަނާ ނިޒާމެއްގެ ދަށުން ހިނގާ ކަމެއްކަމަށާއި، އެކަންތައްތައް ކުރިއަށް ދަނީ ދައުލަތުގެ ހަތަރު އިދާރާއެއްގެ އިސް ބޭފުޅުންގެ ހާޒިރުގައި އެ ބޭފުޅުންގެ ބެއްލެވުމުގެ ދަށުންކަމާއި، އެ ހަތަރު ބޭފުޅުންގެ ހާޒިރުގައި މެނުވީ ހަޒާނާ އަށް އެއްވެސް ފައިސާއެއް ވައްދާ އަދި ނެރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އެމްއެމްއޭ އިން ވިދާޅުވެފައިވެއެވެ.

އަދި އެމްއެމްއޭ އިން ބޭންކިންގް ޚިދުމަތްތައް ފޯރުކޮށްދެނީ ހަމައެކަނި ސަރުކާރަށާއި މާލީ އިދާރާތަކަށްކަމަށާއި، އަލްޖަޒީރާގެ ރިޕޯޓްތަކުގައި ބަޔާންކޮށްފައިވާ މުއާމަލާތެއް އެ އޮތޯރިޓީ މެދުވެރިކޮށް ހިންގާފައެއް ނުވާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި، އެ ރިޕޯޓްތަކުގައި ބަޔާންކޮށްފައިވާ 1.5 ބިލިއަން ޑޮލަރުގެ ފައިސާ މި އޮތޯރިޓީއަށް ވަދެފައެއް ނުވާނެކަމަށްވެސް މިބަޔާނުގައި އެމްއެމްއޭ އިން ވިދާޅުވެއެވެ.

އަލްޖަޒީރާ ރިޕޯޓްތަކުގައިވާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމުގައިވާތީ، އެފަދަ ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމާ މެދު އާންމުންގެ ހިތުގައި އޮންނަންޖެހޭ އިތުބާރު ދެމެހެއްޓުމަށް ބުރޫއަރާނެތީ، އެފަދަ ދޮގު ވާހަކަތައް މީޑިއާތަކުން ނުފެތުރުމަށްވެސް އެމްއެމްއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.