ޚަބަރު

ނަޢީމްގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ފަނޑުވުމެއްނެތި ދެމިހުންނާނެ: ރައީސް


  • ނަޢީމްއަކީ ރާއްޖޭގެ ފުރަތަމަ އެއަރ ޓްރެފިކް ކޮންޓްރޯލަރ

  • ރައީސް ވިދާޅުވީ ރާއްޖޭގައި ބައިނަލްއަޤުވާމީ ދަތުރުތައް އިތުރުކުރުމުގެ ހަނދާންތައްވަނީ ނަޢީމްއާއި ގުޅިފައިކަމަށް

އަލްމަރުޙޫމް މުޙައްމަދު ނަޢީމް ޙުސެއިންގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއްނެތި ދެމިހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރގެ މަޤާމު ފުރުއްވި މުޙައްމަދު ނަޢީމް ޙުސެއިން އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ބައި ޤަރުނުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ފަތުރުވެރިންނަށް ހުޅުވާލުމަށްފަހު ބައިނަލްއަޤުވާމީ ދަތުރުތައް އިތުރުކުރުމަށް ޤައުމި ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ޚިދުމަތް ދޭން ފެށުން ގުޅިފައިވަނީ ނަޢީމްގެ ހަނދާނާކަމަށެވެ. އެހެންކަމުން ނަޢީމްގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއްނެތި ދެމިހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ރާއްޖޭގެ ފުރަތަމަ އެއަރ ޓްރެފިކް ކޮންޓްރޯލަރ އަވަހާރަވުމުގެ ހިތާމައިގައި އެޢާއިލާއަށާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ވެރިންނަށާއި މުވައްޒަފުންނަށް ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި އެޕޯސްޓުގައިވަނީ ނަޢީމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުންއެދި ދުޢާދަންނަވާފައެވެ.

ނަޢީމްވަނީ 1967ވަނަ އަހަރު އެއަރޕޯޓުގެ ޚިދުމަތަށް ނުކުންނެވުމަށްފަހު ރިޓަޔަރވުމާއި ހަމައަށް ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގައި ޚިދުމަތްކުރައްވާފައެވެ.