ސިއްހަތު

ޞިއްޙީ ނުރައްކާތަކާމެދު ޢަމަލުކުރާނެ ގޮތާބެހޭގޮތުން މަޝްވަރާކޮށްފ


ޞިއްޙީ ނުރައްކާތަކާ ކުރިމަތިލާންޖެހޭ ޙާލަތުތަކުގައި މި ސަރަޙައްދުގެ ޤައުމުތަކުން ޢަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ޞިއްޙީ ދާއިރާގެ އޮފިޝަލުން މަޝްވަރާކުރައްވައިފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯގެ ދެކުނުއިރުމަތީ އޭޝިޔާގެ ސަރަޙައްދީ 69 ވަނަ ބައްދަލުވުމުގެ އިއްޔެ ދަންފަޅީގައި ރާއްޖެ ހިމެނޭގޮތުން މި ސަރަޙައްދުގެ 11 ޤައުމަކުން ވަނީ މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ. އޭގެތެރޭގައި ޞިއްޙީ ނިޒާމްގެ ކަންކަން ހިންގައި ބެލެހެއްޓުމާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާއާ ބެހޭގޮތުންނާއި ޞިއްޙީ ޚިދުމަތް ހަރުދަނާކޮށް ހިންގުމުގައި ދަމަހައްޓަންޖެހޭ ގުޅުންތައް ހިމެނެއެވެ.

އިއްޔެގެ ސެޝަންތަކުގައި ދިވެހި ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ޑިރެކްޓަރ ޖެނެރަލް ހެލްތު ސަރވިސަސް ޝީޒާ ޢަލީ ވިދާޅުވީ މި ސަރަޙައްދުގެ ޤައުމަކަށް ދިމާވާ ޞިއްޙީ ބަލިމަޑުކަމެއް، މުޅި ސަރަޙައްދަށް ފެތުރުނަ ނުދިނުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތައް ރިޢާޔްތްކޮށް، މިހާރަށްވުރެ މިފަދަ ކަންކަން ހަރުދަނާކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

ޅަފަތުގައި މަރުވާ ކުދިން އަދި ވިހެއުމުގެ ކުރިން އަދި ފަހުން މައިން މަރުވާ މިންވަރު މަދުކުރުމާ ބެހޭގޮތުންވެސް މިސަރަޙައްދުގެ 11 ޤައުމުން އިއްޔެ ވަނީ މަޝްވަރާކޮށްފައެވެ. އަދި ޖަޒީރާ ޤައުމުތަކުން ފެންނަ، ފަރުވާކުޑަކުރެވިފައިވާ ބަލިތައް މި ސަރަޙައްދުން ނައްތާލުމާ ބެހޭގޮތުން މުހިންމު މަޝްވަރާތައް މި ބައްދަލުވުމުގައި ކުރިޔަށް ގެންދިޔައެވެ.

އަދި މެލްނިއުޓްރިޝަން ނުވަތަ ފައިދާހުރި ކާނާ ހަށިގަނޑަށް ބޭނުންވާ ވަރަށް ނުލިބުމުން އަނަރޫފަވެގެން ލިބޭ ގެއްލުންތައް ޙައްލުކުރުމަށާއި މާގިނައިން ކެއުމާއި ގުޅިގެން ދިމާވާ މައްސަލަތައް ޙައްލުކުރުމާ ބެހޭގޮތުންވެސް މުހިންމު މަޝްވަރާތަކެއް ކޮށްފައިވެއެވެ.

ޑރ. ޝީޒާ ވިދާޅުވީ މި މަޝްވަރާތަކުގެ ތެރޭގައި ދަތުރުވެރިންގެ ސަބަބުން އެއް ޤައުމުން އަނެއް ޤައުމަށް ތަފާތު ބަލިތައް ފެތުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.