ޚަބަރު

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ޕޮލިޓިކަލް ޑިރެކްޓަރު މަޤާމުން ވަކިކޮށްފި


  • ޕޮލިޓިކަލް ޑިރެކްޓަރު ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ތެރެއިން

  • އޭނާއާއެކު އިތުރު 3 މީހަކުވެސް ވަނީ ހައްޔަރުކޮށްފައި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިނގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ސަރުކާރުގެ ޕޮލިޓިކް ޑިރެކްޓަރެއްގެ މަޤާމުގައި ހުރި ގއ.ވިލިނގިލީ އައިޒަން އަޙްމަދު އަނާމް އިބްރާހީމް މަޤާމުން ވަކިކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން، ގއ.އަތޮޅުގެ 10 ތަނެއްވަނީ ބަލާ ފާސްކޮށްފައެވެ. މިމައްސަލައިގައި ފުލުހުންވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމުގައި ހުރި، ގއ.ވިލިނގިލީ އައިޒަން އަޙްމަދު އަނާމް އިބްރާހީމްވެސް ހިމެނެއެވެ. މިމައްސަލައިގައި ހިމެނޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން، ކޯޓުންވަނީ ޝަރީޢަތް ނިމެންދެން އަނާމް ބަންދުކުރުމަށް މުއްދަތު ޖަހައިދީފައެވެ.

މިމައްސަލައާއި ގުޅިގެން ސަރުކާރުންވަނީ މިހާރު އަނާމް ވަޒީފާއިން ވަކިކޮށްފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުވަނީ އަނާމް ވަކިކޮށްފައިވާކަން ޕީއެސްއެމްނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ. މީގެ ކުރިންވެސް ޤާނޫނާއި ގަވާއިދާ ޚިލާފަށް އެކި ކަންކަމުގައި ހަރަކާތްތެރިވެފައިވާ ސަރުކާރުގެ އިސް މީހުންނާމެދު ސަރުކާރުންވަނީ ފިޔަވަޅު އަޅުއްވާފައެވެ. ސަރުކާރުންވަނީ ޤާނޫނާއި ގަވާއިދާ ޚިލާފަށް އުޅޭ މީހުންނާ މެދު ފިޔަވަޅުއެޅުމަށް ސަރުކާރު ފަސްނުޖެހޭނެކަމަށް ވިދާޅުވެފައެވެ.