ވިޔަފާރި

އެސްއެމްއީ ލޯނުގެ އިންޓްރެސްޓް ރޭޓު ކުޑަކުރައްވައިފި


ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކުރައްވައިގެން ސަރުކާރުން ދޫކުރައްވަން ނިންމާފައިވާ 50 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނުގެ އިންޓްރެސްޓް 7 ޕަސަންޓަށް ކުޑަކުރައްވައި، އެ ލޯނު ދޫކުރުމުގެ ކަންކަން ބޭންކް އޮފް މޯލްޑިވްސްއާއި ޙަވާލުކުރައްވައިފިއެވެ. މީގެ ކުރިން މި ލޯނުގެ އިންޓަރެސްޓް ރޭޓު ހުރީ 9 އިންސައްތައިގައެވެ.

ޕީއެސްއެމްގެ ސެނެކޯރޭޑިއޯ މާލަމުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އެސްއެމްއީ ލޯނުދޫކުރުމުގެ ކަންކަން ބޭންކް އޮފް މޯލްޑިވްސްއާއި ޙަވާލުކުރައްވައި، އެކަމާގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙުމަދު މުނައްވަރެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވީ 50 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނުގެ އިންޓަރެސްޓް ރޭޓް ދަށްކުރައްވަން ނިންމެވީ ރައިސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެދިވަޑައިގަތުމުގެ މަތިން ކަމަށާއި އިންޓްރެސްޓް ރޭޓު ކުޑަކުރައްވަން ރައިސުލްޖުމްހުރިއްޔާ އެދިވަޑައިގަތީ، މި ލޯނަކީ ކުދި ވިޔަފާރިތަކަށް ދޫކުރައްވާ ލޯނަކަށް ވުމުން ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން، ކުރިއަށް އޮތް ޢީދު ބަންދަށްފަހު، މި ލޯނު ލިބޭ ފަރާތްތަކަށް ބީއެމްއެލުން ލޯނު ދޫކުރަން ފަށާނެ ކަމަށްވެސް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އެންޑްރޫ ހީލީ ވިދާޅުވީ، ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އެފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފައްސޭހައިން ލިބޭނެ ގޮތްތައް އެ ބޭންކުން މަގުފަހިކޮށްދެމުން އަންނަ ކަމަށެވެ.

ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށް ޒުވާނުންނަށް އަމާޒުކުރައްވައިގެން ހިންގަވާ އެސްއެމްއީ ލޯން ޕްރޮގްރާމްގެ ލޯނަށް އެދި ހުށަހެޅުމަށް ހުޅުއްވާލެއްވުމުން 445 ޕްރޮޕޯޒަލް ލިބިވަޑައިގެންނެވި ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ. އަދި އޭގެ ތެރެއިން އެންމެ ރަނގަޅު 60 ޕްރޮޕޯސަލަށް ލޯން ދެއްވަން ނިންމާފައިވާއިރު، އެސްއެމްއީ ލޯނަށް އެދޭ އަމިއްލަ ފަރުދަކަށް އެންމެ ގިނަވެގެން 500،000 ރުފިޔާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. މިގޮތުން ގިނަ ބަޔަކު ޙިއްޞާވާ ވިޔަފާރިތަކަށް ދޫކުރައްވަން ނިންމަވާފައިވާ އެންމެ މަތީ ޢަދަދަކީ، 1.5 މިލިއަން ރުފިޔާއެވެ.

ލޯނު ދޫކުރައްވާ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި ދަތުރުފަތުރާއި މަސްވެރިކަމާއި ދަނޑުވެރިކަން ހިމެނެއެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާއާއި ކޯޕަރޭޓިވްތަކާއި ޚިދުމަތްދޭ ފަރާތްތަކާއި ވޭސްޓްމެނޭޖްމަންޓް ދާއިރާގެ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިއަށް ލޯނު ދެއްވަންވެސް ކަނޑައަޅުއްވާފައިވެއެވެ.

މި ލޯނު ނެގުމަށް ރަހުނެއް ބަހައްޓަން ނުޖެހެއެވެ. އެސްއެމްއީ ލޯނަކީ، ޒުވާނުންނަށް ޚާއްޞަކުރައްވައިގެން، ޒުވާން ވިޔަފާރިވެރިން އުފެއްދެވުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާގެ އިޤްޠިޞާދީ ސިޔާސަތުގެ ދަށުން ހިންގަވާ ލޯން ސްކީމެކެވެ.