ސިއްހަތު

"ހެލްތު އިންފޮރމޭޝަން ސިސްޓަމް ޤާއިމްކުރުމަށް އެހީބޭނުންވޭ"


ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާބެހޭ މަޢުލޫމާތު އެއްކުރެވޭނެ ހެލްތު އިންފޮރމޭޝަން ސިސްޓަމް ރާއްޖޭގައި ޤާއިމްކުރެއްވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނުއޭޝިޔާގެ ސަރަޙައްދީ ކޮމެޓީގެ 69 ވަނަ ބައްދަލުވުމުގައި ހިމެނޭ "މިނިސްޓީރިއަލް ރައުންޑް ޓޭބަލް ކޮންފެރެންސް އޮން ސަސްޓެއިނަބަލް ޑެވެލޮޕްމަންޓް ގޯލްސް އެންޑް ޔުނިވަރސަލް ހެލްތު ކަވަރޭޖް" ސެޝަންގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާބެހޭ މަޢުލޫމާތުތައް އެއްކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ރަނގަޅު ހެލްތު އިންފޮރމޭޝަން ސިސްޓަމެއް ޤާއިމުކުރުމަކީ މުހިންމު ކަމެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.

މިބައްދަލްވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ސާސްކަފުގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ދިވެހިރާއްޖެ ހޯދި ކާމިޔާބީތައް ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނދުދަނޑިތައް ޙާޞިލްކުރުމަކީ ހުރިހާ ފަރާތެއްގެ އެއްބާރުލުން ބޭނުންވާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި، ދިވެހި ސަރުކާރުގެ މިހާރުގެ ޞިއްޙީ ސިޔާސަތުތަކުގެ ދަށުން ތަންފީޒުކުރަމުންދާ 21 ވަޢުދު ތަންފީޒުކުރުމުގައި ޔުނިވަރސަލް ހެލްތު ކަވަރޭޖް ނުވަތަ ހަމަހަމަކަމާއެކު އެންމެނަށް ޞިއްޙީ ޚިދުމަތް ދެއްވުމަށް ކުރަން ބޭނުންވާ ކަންތައްތަކަށް މިނިސްޓަރ އޮފް ހެލްތު އަލިއަޅުވާލެއްވިއެވެ.