ކުޅިވަރު

ވެލެންސިއާގެ ސޮކާ ކޭމްޕުން ހުނަރާއި އުފާވެރިކަން


ސްކޫލު ބަންދާއި ދިމާކޮށް ކުލަބު ވެލެންސިއާ އެކެޑަމީގެ ފަރާތުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ސޮކާ ކޭމްޕަކީ ބަންދުތެރޭގައި ފުޓުބޯޅަ ކުޅެން ބޭނުންވެފައި ތިބި ގިނަ ކުދިންތަކަށް އުފާވެރިކަން ގެނެސްދިން ކޭމްޕެކެވެ. 5 އަހަރާއި 12 އަހަރާއި ދެމެދުގެ 60 ވަރަކަށް ކުދިން މި ކޭމްޕު ފުރިހަމަކޮށްފަވާއިރު މި ކޭމްޕުގައި ބައިވެރިވުމަށް އަތޮޅު ތެރެއިންވެސް ކުދިންވަނީ އައިސްފައެވެ.

މިމަހުގެ 4 އިން 9 އަށް ކުރިއަށް ދިޔަ މިކޭމްޕުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރޭގައި ޓްރެކް ޓްރެއިނިންތަކުގެ އިތުރުން ހުޅުމާލޭ ބީޗްގައި ކުރިއަށްދިޔަ ހަރަކާތްތައްވެސް ހިމެނެއެވެ.

ސްކޫލް ބަންދާއި ދިމާކޮށް ވެލެންސިއާ އެކަޑަމީއިން މިފަދަ ހަރަކާތެއް އިންތިޒާމުކުރުމުގެ ބޭނުމަކީ ބަންދު ދުވަސްވަރު އެކަޑަމީތައް ބަންދުވުމާއިއެކު ފުޓުބޯޅަ ކުޅެން ބޭނުންވެފައި ތިބޭ ކުދިންނަށް އެފުރުސަތު ފަހިކޮށްދިނުންކަމަށް އެއެކަޑަމީގެ ތަޖުރިބާކާރު ކޯޗު އަހުމަދު ސަލީމް (ހީނާ) ވަނީ ޕީއެސްއެމްއާއި ވާހަކަދައްކަމުން ބުނެފައެވެ.

"މި ކޭމްޕަކީ ސްކޫލް ހޮލިޑޭއަށް އަމާޒުކޮށްގެން ބޭއްވި ކޭމްޕެއް. މިވާގޮތަކީ ސްކޫލް ބަންދުގައި ކުދިން ރަށްތަކަށްދާނެ. އެހެންނަމަވެސް ނުގޮސް އެތިބޭ ކުދިން އެބަޖެހޭ މީގެ ތެރޭގަ ގެންގުޅެން. އެހެންވީމަ އެކަމަށް އަމާޒުކޮށްގެން ބޭއްވި ކޭމްޕެއް މިއީ" ހީނާ ބުންޏެވެ.

ހުޅުމާލޭގައި މިކޭމްޕު ބޭއްވި ނަމަވެސް އެންމެ ފުރަތަމަ ވިސްނީ ކޭމްޕު މާލޭގައި ބާއްވަންކަމަށާއި އެހެންނަމަވެސް މާލޭގައި އެކަންކުރުމަށް އުނދަގޫތަކެއް ހުރުމުން ހުޅުމާލޭގައި ކުރިއަށް ގެންދިޔައީކަމަށް ހީނާ ފާހަގަކުރިއެވެ. ކޭމްޕުގައި ބައިވެރިވުމަށް 200 ވަރަކަށް ކުދިން ނަންނޯޓު ކުރިކަމަށާއި އެހެންނަމަވެސް ޖާގައިގެ ދަތިކަމުގެ ސަބަބުން މިފަހަރު ފުރުސަތު ދެވުނީ 60 ވަރަކަށް ކުދިންނަށްކަމަށް ހީނާ ބުންޏެވެ.

މިކޭމްޕުގެ ބައިވެރިންނަށް ރާއްޖޭގައި ފާހަގަކުރެވޭ ތަޖުރިބާކާރު ކޯޗުންކަމަށްވާ ފަސްޓު ޑިވިޝަނުގެ ކޯޗު ނިޒާމް އަދި ޕްރޯ ލައިސަންސް ކޯޗު ޝާޒްލީ ފަދަ ކޯޗުން ތަމްރީނުދީފައިވާއިރު މިކޭމްޕުގެ ތެރެއިން ހުނަރުވެރި މޮޅެތި ކުދިން ފާހަގަކުރެވުނުކަމަށް ވެލެންސިއާ އެކަޑަމީގެ ކޯޗު އަހުމަދު ޝިޔާން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ފާހަގަކުރިއެވެ. އޭނާ ބުނީ މިފަދަ ކޭމްޕެއް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ފުޓުބޯޅައާއި ގުޅުންހުރި ތަފާތު ގިނަ ހަރަކާތްތަކާއިއެކު ކުޑަކުދިން މިކުޅިވަރަށް ލޯބިޖެއްސުންކަމަށެވެ.

"މި ކޭމްޕުގެ މައިގަނޑު މަގްސަދަކީ ކުދިންނަށް ތަފާތު ލޮކޭޝަންތަކުގަ ތަފާތު އެކްޓިވީޓީސްތަކާއިއެކު އެކްސްޕީރިއަންސްތައް ދިނުން. މިކޭމްޕުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލާނީ ރާއްޖޭގައި ތިބި އެންމެ ޕްރޮފެޝަނަލް ކޯޗުން މިދަނޑަށް އައިސް މިކުދިންނަށް ޓްރޭނިންތައްވަނީ ނަގާދީފަ" ކޯޗު ބުންޏެވެ.

ހުޅުމާލޭ 4 ނަމްބަރު ދަނޑުގައި ނިމިގެންދިޔަ ސޮކާ ކޭމްޕުގެ ސަބަބުން ކުދިންނަށް އުފާވެރި މަޖާ މާހައުލެއްގައި ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ލިބިގެންދިޔަކަން ފާހަގަކުރަމުން ކޭމްޕުގެ ބައިވެރިއެއްގެ ބެލެނިވެރިއެއްކަމުގައިވާ ޝިފާނާ ބުނީ މިއީ ވެލެންސިއާއިން ކުރިއަށްގެންދިޔަ ވަރަށް ރަނގަޅު ހަރަކާތެއްކަމަށެވެ.

"މިއީ ވެލެންސިއާގެ ފަރާތުން ރޭވި ވަރަށް ރަނގަޅުކަމެއް. މި ހޮލިޑޭސްތެރޭގައި ފުޓުބޯޅައަށް ލޯބިކުރާ މިއުމުރުފުރައިގެ ކުދިންނަށް ވަރަށް އެންޓަޓެއިނިން، ވަރަށް ހިތްހަމަޖެހޭ ވަރަށް މަޖާ ދުވަސްކޮޅަކަށް ވެގެން މިދިޔައީ މިކޭމްޕު" ޝިފާނާ ބުނެފަވެއެވެ.

ކޭމްޕުގެ ބައިވެރިއެއްގެ މަންމަކަމަށްވާ ޑރ. އަބްހާވެސްވެސް ބުނެފަވަނީ މި ކޭމްޕަކީ ކުދިންނަށް ވަރަށް އުފާވެރި މަޖާ ތަޖުރިބާއަކަށްވިކަމަށެވެ. ކޭމްޕުގެ ކަންކަން ވެލެންސިއާ އެކަޑަމީއިން އިންތިޒާމުކޮށްފައިވަނީ ވަރަށް ފުރިހަމައަށްކަމަށާއި މިކޭމްޕާއި މެދު އޭނާ ވަރަށް ހިތްހަމަޖެހޭކަމަށް ޑރ. އަބްހާ ފާހަގަކުރިއެވެ.

"ސްކޫލު ބަންދުގައި ގޭގައި ކުދިން ފޫހިވެފަ ތިއްބާ މިފަދަ ޕްރޮގްރާމެއް ވެލެންސިއާ އެކަޑަމީއިން ބޭއްވިކަމީ ވަރަށް ރަނގަޅުކަމެއް. ކޭމްޕުގެ އިންތިޒާމުތައްވެސް ދިޔައީ ވަރަށް ރަނގަޅަށް. ކޭމްޕަށް އަންނަ ހިތުން ކުދިން ތިބެނީ މުޅި ދިވަހު އިންތިޒާރުގައި" ޑރ. އަބްހާ ބުންޏެވެ.

އުމުރުން 5 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މިކޭމްޕުގެ ބައިވެރިންވެސްވަނީ ޕީއެސްއެމް ނިއުސްއަށް އެކުދިންނަށްގެ ތަޖުރިބާ ހިއްސާކޮށްފައެވެ. މިއީ އުފާވެރި ތަޖުރިބާއެއްކަމަށް ހުރިހާ ކުދިންވެސް އިއްތިފާގުވެފަވާއިރު ތަފާތު ގިނަ އިތުރު އުކުޅުތައް މި ކޭމްޕުން ދަސްވެގެންދިޔަކަމަށް އެކުދިން ފާހަގަކުރިއެވެ. އޭގެ އިތުރުން ސްކޫލު ބަންދު ދުވަސްވަރު އެކުވެރިންނާއި އެކު މަޖާކޮށްލާ ކޭމްޕުގެ ތެރެއިން މެޗުތަކެއް ކުޅެލަން ލިބުމުން ވަރަށް އުފާވިކަމަށް އެކުދިންވަނީ ބުނެފައެވެ.

ކުރިއަށް އޮތްތަނުގައިވެސް މިފަދަ ކޭމްޕުތައް ކުރިއަށް ގެންދިއުމަށް ވެލެންސިއާ އެކަޑަމީއިން ވިސްނާފައިވާއިރު އެއެކަޑަމީގެ އަމާޒަކީ ވީހާވެސް ގިނަ ކުދިންނަށް ފުރުސަތު ފަހިވާނެފަދަ ގޮތަކަށް ކުރިއަށް ހުރި ކޭމްޕުތައް އިންތިޒާމުކުރުމެވެ. ކާމިޔާބުކަމާއިއެކު ނިމިގެންދިޔަ ސޮކާ ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކޭމްޕުގެ ބައިވެރިންނަށް މެޑަލް ހަވާލުކޮށްދެއްވާފަވަނީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.