ޚަބަރު

ޑިމާންޑް ބޮޑުވުމުން، ބެންކުން ޑޮލަރު ދޫކުރާ އަދަދު އިތުރުކޮށްފި


ޑޮލަރުގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އިން ޑޮލަރު ދޫކުރާ އަދަދު އިތުރުކޮށްފިއެވެ. ޑޮލަރު ދޫކުރާ އަދަދު އިތުރުކޮށްފައިވަނީ ކުރިއަށް އޮތީ ޢީދު ބަންދަށްވުމުން ގިނަ ބަޔަކު ޑޮލަރު ހޯދަން ބޭނުންވާނެތީކަމަށްވެސް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ބީއެމްއެލް އިން ބުނީ، މި ހަފްތާ ތެރޭގައި ޑޮލަރު ވިއްކާ އަދަދު އިތުރުކޮށް 700 ޓިކެޓަށް ޑޮލަރު ވިއްކަން ފަށާފައިވާ ކަމަށެވެ. ހައްޖު މޫސުމާ ދިމާކޮށް އެ އަދަދު އިތުރު ކުރީ، 500 ޓިކެޓާ ހަމަޔަށް ޑޮލަރު ވިއްކާ ގޮތަށެވެ. ބީއެމްއެލް އިން ބުނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމަޔަށް 1.1 މިލިއަން ޑޮލަރު އާންމުންނަށް ވިއްކާފައިވާ ކަމަށެވެ. އަދި މިޑޮލަރު ވިއްކާފައިވަނީ އެމްއެމްއޭ އިން ބޭންކަށް ދޫކުރާ ޑޮލަރުގެ އިތުރުން، ބޭންކްގެ އަމިއްލަ ޑޮލަރު ވެސް ހިމަނައިގެން ކަމަށް ބޭންކުން މައުލޫމާތުދެއެވެ.

ބޭންކުން ބުނީ، މި ހިދުމަތް ދެމުން ދަނީ، އާންމު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެއްވެސް ފީ އަކާ ނުލައި ކަމަށެވެ. ބީއެމްއެލް އިން މިހާރު ޑޮލަރު ވިއްކަނީ ބާޒާރު ބްރާންޗުން އެކަންޏެވެ.