ޚަބަރު

ފިއްލަދޫ އަތޮޅު ސެމީއަށް، ހއ. ގެ ވާދަވެރިކަން ބޮޑު


ގޯލްޑަން ފުޓްސަލް ޗެލެންޗުގެ ހއ. ގެ ދެ ގުރޫޕުގެ ވެސް ވާދަވެރިކަން ބޮޑުވެފައިވާއިރު، ފިއްލަދޫއިން އަތޮޅު ސެމީގެ ފުރަތަމަ ޖާގަ ޔަގީންކޮށްފިއެވެ.

މުބާރާތުގައި ހއ. އަތޮޅުން ޖުމްލަ އަށް ޓީމު ބައިވެރިވެފައިވެއެވެ.

ފިއްލަދޫ ހިމެނޭ ގުރޫޕު އޭގެ އެއްވަނައިގައި، ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް އެ ޓީމު އޮތްއިރު ދެވަނައިގައި ކެލާ އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ބާރަށް، ދެ މެޗުން ތިން ޕޮއިންޓު ހޯދައިގެން އޮތްއިރު ހަތަރުވަނައިގައި އޮތް ހޯރަފުއްޓަށް އެއް ޕޮއިންޓު އަދި ޕޮއިންޓެއް ނުލިބި ފުލުގައި އޮތް ތުރާކުނުން ވެސް ވަނީ ދެ މެޗު ކުޅެފައެވެ.

މުބާރާތުގައި ރޭ ފިއްލަދޫއިން ވަނީ ކެލާގެ މައްޗަށް 1-2 އިން ކުރިހޯދާފައެވެ. ފިއްލަދޫއިން މެޗުގައި ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އާދަމް ޝައީދު މުޙައްމަދެވެ. ކެލާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާޙީމް ރަޝަލް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފިއްލަދޫގެ މުޙައްމަދު ޔާމީންއެވެ.

މި ގުރޫޕުގައި ދެން ހިމެނޭ ބާރަށުން ވަނީ ހޯރަފުށީގެ މައްޗަށް 1-6 ގެ ފަރަގު ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ. ބާރަށުގެ މުޙައްމަދު މާއިސް މެޗުގައި ދެ ލަނޑު ޖެހިއިރު އަހްމަދު ފައިޒާން އާއި އަބްދުﷲ މިސްބާހު އަދި މުޙައްމަދު ޒައިދު އަލީ ވަނީ މެޗުގައި ބާރަށަށް ލަނޑު ޖަހައިދީފައެވެ. ހޯރަފުށީގެ ހަމައެކަނި ލަނޑު މެޗުގައި ކާމިޔާބުކޮށްދިނީ އާދަމް މާހިލްއެވެ.

ހއ. އަތޮޅުގެ ދެވަނަ ގުރޫޕަށް ބަލާއިރު މި ގުރޫޕުގައި އުތީމަށް ކިތަންމެ ފުރުސަތު ކުޑަ ނަމަވެސް، އެ ޓީމު ހިމެނޭހެން ހުރިހާ ޓީމަކަށް ވެސް ސެމީއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ގުރޫޕުގެ އެއްވަނައިގައި ތިން މެޗުން ހަ ޕޮއިންޓު ހޯދައިގެން ވަށަފަރު އޮތްއިރު ދެވަނައިގައި އެއް މެޗު މަދުން ކުޅެ އޮތް މުރައިދޫއަށް ވެސް ހަ ޕޮއިންޓު ލިބިފައިވެއެވެ. ތިންވަނައިގައި ދެ މެޗުން ތިން ޕޮއިންޓާއެކު މާރަންދޫ އޮތްއިރު އެއްމެޗު އިތުރަށް ކުޅެފައިވާ ދިއްދޫ ހަތަރު ވަނައިގައި އޮތީ ވެސް ތިން ޕޮއިންޓު ހޯދައިގެންނެވެ. ފުލުގައި އޮތް އުތީމަށް، ދެ މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ރޭ މި އަތޮޅުގެ ގްރޫޕް ބީގައި މާރަންދޫގެ މައްޗަށް މުރައިދޫއިން ވަނީ 0-1 އިން ކުރިހޯދާފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުރައިދޫގެ އިޔާން އަޙްމަދު ރަޝީދެވެ. މޮޅު ކުޅުންތެރިޔަކީ މުޙައްމަދު މާހިލް މުފީދެވެ.

މި ގުރޫޕުގައި ދެން ހިމެނޭ ދިއްދޫގެ މައްޗަށް ވަށަފަރުން ވަނީ 0-4 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މެޗުގައި ވަށަފަރުގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ސިނާން (ޗަކު) އަޙްމަދު މަޚްތޫމް މުސަތަފާ (މައްތު) ގެ އިތުރުން އަލީ ރިސްވާން އަޙްމަދު އެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ޗަކު އެވެ.

މި އަތޮޅުގެ މެޗުތައް ދެން އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.