ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު އީގަލްސްގެ ޒައިން ޒަފަރް ޖެހި ދެ ލަނޑާއެކު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް އީގަލްސް ލީގުގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފިއެވެ. އީގަލްސް މެޗު ކާމިޔާބު ކުރީ 4-1 ލަނޑުންނެވެ.
މި ނަތީޖާ އެކު އީގަލްސް ވަނީ ވިކްޓަރީ ފަހަތަށް ޖައްސާލާ ތާވަލުގެ ފަސްވަނަ އަށް ކުރިއަށް ޖެހިލާފައެވެ. ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން އީގަލްސް ވަނީ 22 ޕޮއިންޓް ހޯދާފައެވެ. ވިކްޓަރީ މި ހަފްތާގަ މާޒިޔާ އަތުން ބަލިވި އިރު އެޓީމު ހަވަނައިގަ އޮތީ 20 ޕޮއިންޓާއެކުވެ. ތާވަލުގެ ހަތަރުވަނައިގަވާ ބުރު ސްޕޯޓްސް ކުލބާ ޕޮއިންޓަކާ ގާތަށް މި މޮޅާއެކު އީގަލްސް ޖެހިލިއިރު ބުރު ހަތަރުވަނައިގަ އޮތީ 23 ޕޮއިންޓާއެކުއެވެ.
ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނުއިރު އެޓޭކުގައި ދެ ޓީމުން ވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ 8 ވަނަ މިނިޓުގައި އީގަލްސްގެ އިބްރާހިމް މަހުދީ ހުސެއިން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅައެއް ކީޕަރު ވަނީ އަތުލާފައެވެ.
ފުރަތަމަ ހާފުގެ 26 ވަނަ މިނިޓގައި ޔޫވީގެ ޒުވާން ކުޅުންތެރިއާ ނާހިލް ނާފިއު ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ އީގަލްސްގެ ކީޕަރު މުހައްމަދު އަޝްވާންއެވެ. އީގަލްސް އިން މެޗުގެ ފުރަތަމަ ލަނޑުޖެހީ 32 ވަނަ މިނިޓުގައި ލައިބީރީއާ މިޑްފީލްޑަރ މާވިން ލެބޭ އޭރިއާ ބޭރުން އަރިމަތިން ނަގައިދިން ބޯޅައެއް އޭރިއާ ތެރޭގަ ހުރި ޒައިން ގޯލަށް ވައްދާލައިގެންނެވެ.
އީގަލްސް އިން ލަނޑުޖެހިތާ މިނިޓެއް ފަހުން އިސްމާއިލް އީސަ އޭރިއާ ތެރެއިން މަހުދީ އަށް ދިން ބޯޅައެއްގައި ކީޕަރު ކައިރިން ނައްޓާލާފަ ފޮނުވާލުމުން ސަލާމަތްކޮއްދިނީ ޔުވީގެ ޑިފެންޑަރ ސޮލާހު އަލީއެވެ.
އީގަލްސް އިން ޖެހި ދެވަނަ ލަނޑަކީ ފުރަތަމަ ހާފުގެ 41 ވަނަ މިނިޓުގައި އީސަ މުހަންމަދު ސޮބާހު މަންސޫރަށް ދިން ބޯޅައެއްގައި ސޮބާހު ގޯލަށް ވައްދާލީ ކީޕަރަށް ވެސް ފުރުސަތު ނުދީއެވެ.
ދެވަނަ ހާފުފަށައިގެން އެޓޭކްގައި ޔުވީން ތަންކޮޅެއް ރަނގަޅަށް ހަރަކާތްތެރިވި އިރު އެޓީމުން ވަނީ މި ހާފުގެ ކުރީ ކޮޅު ގިނަ ހަމަލާތަކެއް އީގަލްސްގެ ގޯލާ އަމާޒުކޮށް ފޮނުވާލިއެވެ.
މެޗުގެ 48 ވަނަ މިނިޓުގައި ޔޫވީގެ މިސްރު ފޯވާޑް މުސްތަފާ މަހްމޫދު އެލް ޝާޒްލީ އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ކީޕަރު ދިފާއު ވަނީ ދިފާއުކޮއްފައެވެ. އޭގެ ފަހުން އީގަލްސް އިން އުފެއްދި ހަމަލާއެއް ޔޫވީގެ ގޯލުގެ ދަނޑީގަ ވެސް ވަނީ ޖެހިފައެވެ.
ޔޫވީން ލަނޑު ޖެހީ 59 ވަނަ މިނިޓުގައި މަހްމޫދު ނަގައިދިން ކޯނަރެއް އެޓީމުގެ މިސްރު ފޯވާޑް މުހައްމަދު ސާމިރު ބޮލުން ގޯލުގެ ތެރެއަށް ވައްދައިލައިގެންނެވެ. މި ލަނޑަށްފަހު އީގަލްސްއަށް ލިބުނު ފުރުސަތެއްގައި ޒައިން ވަނީ ހުސްކޮށް ހުރެ ގޯލަށް ވައްދަލައިގެން އީގަލްސް އަށް ތިން ވަނަ ލަނޑު ޖަހައިދީފައެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ 64 ވަނަ މިނިޓުގައެވެ.
މެޗުގެ 74 ވަނަ މިނިޓުގައި ޔޫވީން ބަދަލަކަށް ނުކުތް އިބްރާހިމް އިމްރާން ފޮނުވާލި ބޯޅައެއް އީގަލްސްގެ ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، އީގަލްސްގެ ހަތަރުވަނަ ލަނޑު މަހުދީ ކާމިޔާބުކޮށްދީ 88 ވަނަ މިނިޓުގައެވެ.
ލީގުގެ ފުރަތަމަ ބުރުގައި އީގަލްސް، ޔޫވީގެ މައްޗަށް ކުރި ހޯދީ 3-1 ލަނޑުންނެވެ. މިއީ އީގަލްސް މި ލީގުގައ މޮޅުވި 6 ވަނަ މެޗެވެ.