ތަޢުލީމު

މިއަދަކީ ލިޔަންކިޔަން ދަތުމުގެ ދުވަސް


ދިވެހިރާއްޖޭގައި 1980 ގެ އަހަރުތައް ފެށުނުއިރު ލިޔަން ކިޔަން ނުދަންނަ މީހުންގެ ނިސްބަތް ގިނައެވެ. ރާއްޖޭގައި ލިޔަންކިޔަން ދަސްކޮށްދިނުމުގެ އެންމެ ފުޅާ މަސައްކަތްތަކެއް ކުރެވިފައިވަނީ 1980 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އިޢުލާނުކުރެވުނު އަސާސީ ތަޢުލީމުގެ މަޝްރޫޢުއިންނެވެ. މި މަޝްރޫޢު އިޢުލާންކުރެވުނުއިރު ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ 19215 މީހުން ތިއްބެވެ. މިއީ އޭރުގެ އާބާދީގެ ނިސްބަތުން ބަލާނަމަ އާބާދީގެ 18.3 އިންސައްތައެވެ.

ޕްރައިމަރީ ތަޢުލީމު ރާއްޖޭގައި ޢާންމު ކުރެވިފައި ނެތުމާއެކު ދިވެހިންގެ ގިނަބަޔަކަށް ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު އޭރު ލިބިފައެއް ނުވެއެވެ. ސްކޫލެއް ނެތް ކިތަންމެ ރަށެއް ހުއްޓެވެ. ތަޢުލީމް ދެނީ އެދުރުގެތަކުންނާއި ދަންނަ މީހުން އެމީހުންގެ ގާތް މީހުންނަށް ކިޔަވައިދޭ އުޞޫލުންނެވެ. ބައެއް ރަށްރަށުގައި މަކުތަބު ހުރިނަމަވެސް އެފަދަ ތަޢުލީމް ދިނުން ދެމެހެއްޓޭނެ ގޮތްތައް އިންތިޒާމްކުރެވިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ތާނައަކުރުން ލިޔެފައި ހުންނަ ލިޔުންތައް ކިޔަން ނޭނގޭ އަދި ތާނައިން ލިޔަންވެސް މަންމައިންނާއި ބައްޕައިންނާއި ކާފައިން ތިއްބެވެ. ޒުވާނުންވެސް ތިއްބެވެ. އަދި ދިވެހިންނަކީ މުސްލިމުންނަށް ވީއިރު، ޢަރަބިން ލިޔެފައި ހުންނަ އެއްޗެހި ކިޔަން ނޭނގުމުގެ ޙާލަތުވެސް ހުރީ މި ގޮތަށެވެ.

img:http://s4.psmnews.mv/images/660x400/14733167940994.jpg|މަޖީދިއްޔާ ސްކޫލް ދަރިވަރުންތަކެއް

ކަން މިހެން ހުރުމާއެކު، އޭރުގެ އެޑިޔުކޭޝަން މިނިސްޓްރީން ޕްރައިމަރީ ތަޢުލީމްގެ ފަސްއަހަރުގެ މަޝްރޫޢެއް އެކުލަވާލެއްވިއެވެ. 1980 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 23 ގައި އިޢުލާންކުރެއްވި މި މުޤައްރަރަކީ، ރާއްޖޭގައި ފަށާ ތަޢުލީމްގެ މުޤައްރަރެއް އިޢުލާންކުރެއްވި ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ލިޔަންކިޔަން ދަތުން ޢާންމުކުރެއްވުމަށްޓަކައި، 1980 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 24 ގައި ސަރުކާރުން ޚާއްޞަ ޤައުމީ މަޝްރޫޢެއް ފެއްޓެވިއެވެ. އަސާސީ ތަޢުލީމްގެ މަޝްރޫޢުގެ ނަމުގައި ފެއްޓެވި 6 އަހަރު ދުވަހުގެ މި މަޝްރޫޢުގެ އަމާޒަކަށްވީ ދިވެހިންގެ ތެރޭގައި ތިބި ލިޔަން ކިޔަން ނުދަންނަ އެންމެންނަށް ލިޔަންކިޔަން ދަސްކޮށްދެއްވުމެވެ. އަނެއް ބަޔަކީ މުޖުތަމަޢުގައި މަޤްބޫލް މީހަކަށް ވުމަށްޓަކައި ކޮންމެ މީހަކުވެސް ދަތުން ވާޖިބު ކަންތައްތައް ދަސްކޮށްދެއްވުމެވެ.  

މި މަޝްރޫޢުގައި ތަފާތު ޕްލެޓްފޯމްތަކުގައި ތަފާތު ޢުމުރުގެ މީހުންނަށް ކިޔަވައިދެއްވިއެވެ. ސްކޫލްގެ ރަސްމީ ތަޢުލީމްގައި ޕްރައިމަރީ ފެންވަރަށް ކިޔަވާ ޢުމުރުން މަތީގެ ކުދިންނާއި ޒުވާނުންނާއި އެކި ޢުމުރުފުރާތަކުގެ އަންހެނުންނާއި ފިރިހެނުންނަށް ކިޔަވައިދެއްވިއެވެ. އޭރުގެ އެންމެ ވަރުގަދަ މީޑިއާކަމުގައިވި ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް ކިޔަވައިދެއްވިއެވެ. ރަށްރަށުގެ ރައްޔިތުންގެ ޢިމާރާތްތަކާއި މަދަރުސާ މަކުތަބުފަދަ ތަންތަން ހުރި ރަށްރަށުގެ އެފަދަ ތަންތަން ކުލާސްތަކުގެ ގޮތުގައި ބޭނުންކުރެއްވިއެވެ. އަދި ޖާގައިގެ ތަނަވަސްކަން ހުރި ގޭގޭގެ ފެންޑާއާއި މައިގެތައްވެސް މިކަމަށް ބޭނުންކުރެވުނެވެ. ރަށްރަށުގައި ތިއްބެވި ކަތީބުން، މުދިމުން، މެޖިސްޓްރޭޓުން އަދި ލިޔަންކިޔަން އެނގޭ އެހެން މީހުންގެ މައްޗަށް ވޮލަންޓްރީކޮށް، ރަށްރަށުގެ ރައްޔިތުންނަށް ލިޔަން ކިޔަން ދަސްކޮށްދެމުން ގެންދިޔައެވެ. މިކަމުގައި ގެންގުޅުނު އެއް ޝިޢާރަކީ އެނގޭ ކޮންމެ މީހަކު ނޭނގޭ ކޮންމެ މީހަކަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ ޝިޢާރެވެ.

img:http://s1.psmnews.mv/images/660x400/14631585513566.jpg|އަމީނިއްޔާ ސްކޫލް / ރާއްޖޭގެ އެންމެ ގިނަދުވަސް ވީ އެއް ސްކޫލެއް

އަސާސީ ތަޢުލީމްގެ މަޝްރޫޢަކީ، ކާމިޔާބު މަޝްރޫޢަކަށްވެ، ފުރަތަމަ ދިހަ އަހަރު ދުވަހުގެ މަޝްރޫޢުގެ ފުރަތަމަ 10 އަހަރު ނިމުނުއިރު، ލިޔަން ކިޔަން ނޭގޭ އާބާދީގެ ގޮތުގައި އޮތް ނަވާރަހާހެއްހާ މީހުންގެ އާބާދީ ސާދަސަތޭކަ މީހުންނަށް ދަށްކުރެވުނެވެ. ރާއްޖޭގައި އޭރު ލިބެންހުރި ވަޞީލަތްތަކާއެކު ރާއްޖެއިން ހޯދި ކާމިޔާބީއަކީ މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުން ފާހަގަކުރި މަސައްކަތެކެވެ.

ރާއްޖޭގައި އަސާސީ ތަޢުލީމުގެ މަޝްރޫޢު ފެއްޓެވިއިރު، އޭރު ކިޔަވަން ދިޔަ މަރިޔަމް ޖަމީލާ ބުނީ އަސާސީ ތަޢުލީމު ފެށުމުގެ ކުރިން ކިޔެވީ ގޭގައިކަމަށާއި ޤުރުއާންކަމަށެވެ. އަދި އޭރު ކިޔަވައިދޭ މަދަރުސާތައް ހުޅުވައި ދީނީ ފޮތްތަކުގެ އެކި ބައިތައްވެސް ކިޔަވައިދިންކަމަށް އޭނާ ބުންޏެވެ.

އަސާސީ ތަޢުލީމުގެ މަޝްރޫޢުން މުޅި ރާއްޖެއަށް ޢިލްމު ފެތުރި، މީހުންގެ ވިސްނުން މުޅިން ބަދަލުވެ، ތަޢުލީމުގެ މުހިއްމުކަން އިޙްސާސްކުރެވި، އަމިއްލަ ދަރިން ސްކޫލްތަކަށް ފޮނުވަންފެށިއެވެ. ކިރިޔަކިރިޔާ ފުއްދާލެވޭ މިންވަރުން އަދި ފުއްދާލެވެން ނެތްކަން ކަށަވަރުވެ، އިތުރަށް ކިޔެވުމުގެ ވާދަވެރިކަމާއި ޝައުޤުވެރިކަން އިތުރުވެ، ރަށްރަށުގައި ސްކޫލްތައް ޢިމާރާތްކޮށް، ތަޢުލީމު ފުޅާކުރެވިގެންދިޔައެވެ.

މިއާއެކު ރާއްޖޭގައި ލިޔަން ކިޔަން ދަތުމުގެ ނިސްބަތް މިސަރަޙައްދުގެ އެންމެ ރަނގަޅު ޤައުމަކަށް ރާއްޖޭ ވެގެންދިޔައެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭގޮތުގައި ރާއްޖޭގެ ލިޔަންކިޔަން ދަސްވެފައިވާ މީހުންގެ ނިޞްބަތަކީ 98.4 އިންސައްތައެވެ.