ފަލަސްޠީނުގެ ޣައްޒާ ހިޞާރުން ނައްތާލުމުގެ މަސައްކަތް ދޫކޮށްނުލާ ކާމިޔާބު ވަންދެން ކުރިއަށްދާނެ ކަމަށާއި ދެން ދަތުރު ފަށާނީ ކުރިޔަށްވުރެ ބޮޑަށް ތައްޔާރުވެގެން ކަމަށް ޣައްޒާ ހިޞާރުން ނައްތާލުމަށް އިސްވެ މަސައްކަތް ކުރަމުންދާ ގްލޯބަލް ޞުމޫދު ފްލޮޓިއްލާ ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން މިކަން ހާމަކޮށްފައިވަނީ، ކޯލިޝަނުގެ މަސައްކަތްތަކާއި ތަޖުރިބާތައް ޙިއްސާ ކުރުމަށް ޕީއެސްއެމްއަށް ދެއްވި ޚާއްޞަ ބަސްތީގަތުމެއްގެ ތެރެއިންނެވެ.
މި ކޯލިޝަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ސްޓިއަރިން ކޮމެޓީގައި ހިމެނޭ 4 މެންބަރުންގެ އިސްވަފުދެއް ވަނީ، މިމަހުގެ 6 އިން 8 އަށް ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި ވަފުދުގައި ހިމެނެނީ، ޞުމޫދު ފްލޯޓިއްލާގެ ސްޓިއަރިން ކޮމެޓީގެ މެންބަރުން ކަމުގައިވާ ބްރެޒިލްގެ ތިއާގޯ އަވިލާ، ފަލަސްޠީނުގެ ސައީދު އަބޫކޭޝެކް، މެލޭޝިޔާގެ މުޙައްމަދު ނާދިރު އަލް-ނޫރީ އަދި ގްރީސްގެ ކްލިއޮނިކީ އެލެކްސޯޕޯލޯއެވެ.
މިޒިޔާރަތުގެ ތެރެއިން މި ވަފުދުގެ ބައިވެރިން ޕީއެސްއެމްއަށް ދެއްވި ޚާއްޞަ ބަސްތީގަތުމެއްގައި ޣައްޒާ ހިޞާރުން ނައްތާލުމަށް އެފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކާއި، އެންމެފަހުން ކުރި ދަތުރުގެ ތަޖުރިބާތައް ޙިއްސާ ކޮށްދެއްވިއެވެ. އެ ދަތުރުގައި ރާއްޖެ ހިމެނޭހެން ދުނިޔޭގެ 44 ޤައުމަކުން 500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ. ޔަހޫދީން ވަނީ ޞުމޫދު ފްލޯޓިއްލާގެ ބޯޓުތަކަށް ހަމަލާދީ، ކަނޑުމަތިން އަނިޔާވެރިކޮށް އެފަރާތްތައް ހައްޔަރުކޮށްފައެވެ. މި މީހުން ދޫކޮށްލީ، ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވި ފިއްތުންތަކާއި ގުޅިގެންނެވެ.
ދަތުރުގެ ބައިވެރިއެއް ކަމަށްވާ ތިއޯގޯ ކިޔައިދިން ގޮތުގައި އެމީހުން ހައްޔަރުކޮށްފައި ބޭތިއްބި ތަންތަނަކީ، ފަލަސްޠީނު ރައްޔިތުންނަށް އެތަކެއް އަނިޔާތަކެއް ދީފައިވާ ތަންތަނެވެ. އޭނާ ކިޔައިދިން ގޮތުގައި އެތަނުގެ ފާރުތަކުގައި ފަލަސްޠީނު ރައްޔިތުންނަށް ދޭ ލާއިންސާނީ ޢަނިޔާތަކުގެ ވާހަކަތައް ލިޔެފައިވެއެވެ. އޭގެ ތެރޭގައި ޖަލުތަކުގައި ފަލަސްޠީނު ރައްޔިތުންނަށް ދީފައިވާ ޖިންސީ، ޖިސްމާނީ އެކި އަނިޔާތަކުގެ ވާހަކަތައް ލިޔެފައި ހުރިކަން އޭނާ ފާހަގަކުރިއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އެމީހުން ހައްޔަރުކޮށް، އެމީހުންނާއި މެދު އަމަލު ކޮށްފައިވަނީ އަނިޔާވެރި ކޮށްކަން އޭނާ ފާހަގަކުރިއެވެ.
"އިސްރާއިލުން ދަނީ، މެދުކެނޑުމެއްނެތި ބައިނަލްއަޤްވާމީ ޤާނޫނުތައް މުގުރާލާ އެކި ކުށްތަކަށް އަރައިގަންނަމުން. އަހަރުމެންނަށް ކުރެވުނު ތަޖުރިބާއަކީ، ފަލަސްޠީނު ރައްޔިތުންނާއި މެދު އެމީހުން ކަންތައް ކުރާ ގޮތާއި މެދު އެއްވެސް ގޮތަކަށް އަޅާ ކިޔޭނެ ކަމެއް ނޫން. އަހަރުމެންނަކީއެއް ނޫން އަސްލު ވާހަކައަކީ. އަހަރުމެން މިކަން ކުރަނީ، މިކަން ކުރަންޖެހޭ ޤައުމުތަކުން މި އަނިޔާވެރި ޢަމަލުތައް ނުހުއްޓުވާތީ" ތިއާގޯ އޭނާއަށް ކުރެވުނު ތަޖުރިބާއާއި ގުޅޭގޮތުން ބުންޏެވެ.
ފްލޯޓިއްލާގެ ވަފުދުން ބުނީ މި ދަތުރުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ވޭނާއި، ދަތިތަކުގެ ކުޑަ ނަމަވެސް ތަޖުރިބާއެއް ލިބިއްޖެ ކަމަށެވެ. މިފަދަ ހަރަކާތެއް ރާވައި ހިންގާއިރު، ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް އެޓީމުން ދެން އޮތް ދަތުރަށް މިހާރަށްވުރެ ބޮޑަށް ތައްޔާރުވާނެ ކަމަށް ވަނީ ބުނެފައެވެ.
ސްޓިއަރިން ކޮމެޓީގެ މެންބަރު ސައީދު އަބޫކޭޝެކް ބުނި ގޮތުގައި މި ދަތުރުގެ ބައިވެރިންނަށް އަދި މުޅި ޓީމަށްވެސް މިމަސައްކަތުގައި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ކުރީގެ ތަޖުރިބާގެ އަލީގައި ބޮޑު ޓީމެއް އެކުލަވާލައި، މިހާރު އައު ދަތުރަށް ތައްޔާރު ވަމުންދާ ކަމަށް އޭނާ ބުންޏެވެ. މިފަދަ ކޮންމެ ހަރަކާތެއްގައިވެސް މީހުންގެ އެހީތެރިކަމާއި، އެމީހުންގެ ރައްކާތެރި ކަމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި މިހާރުވެސް އެކަން ކަމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.
"އަހަރުމެން މިހާރު ބޮޑު ލޮޖިސްޓިކަލް ޓީމަކާއި އޮޕަރޭޝަން ޓީމެއް ބިނާ ކޮށްފިން. ކުރިން ދިމާވި ކަންކަމާއި ބަލައި ރަނގަޅު އުސޫލުތަކެއް ޤާއިމްކޮށްފިން. އެހެންނަމަވެސް އަޅުގަނޑުމެންގެ ކޮންޓްރޯލް ދަށުގައި ނުހުންނަ ކަންކަން އެބަހުރި. އިސްރާއިލުން އަހަރުމެންގެ ބޯޓުތަކަށް ބޮން އެޅުން ނުހުއްޓުވޭނެ. އެމީހުން ޑްރޯންތައް ނުހުއްޓުވޭނެ. ސަރުކާރުތަކުން ޤައުމުތަކުން ބަނދަރުތަކުން ފުރަން ހުއްދަ ނުދީފިއްޔާ ކުރެވޭނެ ކަމެއް ނެތް. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެބަ އަޅަން މި ދަތުރުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް" ސައީދު އަބޫކޭޝެކް ބުންޏެވެ.
މި ވަފުދުން ވަނީ، ރާއްޖެ ފަދަ ކަނޑު ދަތުރުފަތުރަށް އަހުލުވެރިވެފައިވާ ޤައުމަކަށް މި ކަމުގައި ވަރަށް ބޮޑަށް ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެކަން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ބޯޓުތަކުގެ އިންޖީނަށާއި ބޯޓުތަކަށް ދިމާވާ މައްސަލަ ޙައްލު ކުރުމާއި، ކަނޑުމަތީގައި ސަމާލުކަން ދޭންޖެހޭ ކަންކަން ދެނެގަނެ ތައްޔާރުވުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަން ފާހަގަކުރިއެވެ.
ސުމޫދު ފްލޮޓިއްލާގެ ކޯލިޝަނުން ދެން ކުރާ އެންމެ ބޮޑު ދަތުރު މިއަހަރުގެ ބަހާރު މޫސުމުގައި ކުރަން ވަނީ ނިންމާފައެވެ. މި ދަތުރުގައި 100 ޤައުމަކުން 3000 އެއްހައި މީހުން ބައިރިވެރިވާނެ ކަމަށް ދަނީ ބެލެވެމުންނެވެ.