ޚަބަރު

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވަނީ


ގަލޮޅު އެސްބަރިގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު، އެހީތެރިކަމަށް ބޭނުންވާ ޢާއިލާތަކުން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ވީހާވެސް އަވަހަކަށް އެންގެވުމަށް އެ ސެންޓަރުން އިލްތިމާސް ކުރައްވައިފިއެވެ.

މިރޭ 10:00 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި ގ.އެސްބަރި ގޭގެ އިތުރުން، އެގެއާއި އިންވެގެން ހުރި އިތުރު 2 ގެއަކަށްވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް އެމް.އެން.ޑީ.އެފުން މަޢުލޫމާތުދެއްވައެވެ. މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ލިބިފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާގައި ގ.އެސްބަރި ގޭގެ 2 ވަނަ އަދި 3 ވަނަ ފަންގިފިލާއާއި، ގ.މެމޮރީވިލާ ތިންވަނަ ފަންގިފިލާއާއި، ގ.އަސޭނާގެ އެއްވަނަ އަދި ދެވަނަ ފަންގިފިލާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ސިފައިންނާއި، ފުލުހުން ކުރެއްވި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ 11:15 ހާއިރުއެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ޢާއިލާތަކުގެ ތެރެއިން މިރޭގެ 11:30ގެ ނިޔަލަށް ދެ ޢާއިލާއެއްގެ 7 މެންބަރުން އެހީތެރިކަމަށް އެދި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގައި ނަން ނޯޓްކޮށްފައިވެއެވެ. އަދި އެ ފަރާތްތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި އިތުރު އެހީތެރިކަން ފޯރުކޮށްދެމުންގެންދަވާ ކަމަށް އެން.ޑީ.އެމް.ސީން ވިދާޅުވެއެވެ. އަދި މާލޭގެ ގެސްޓްހައުސްތަކުގައި އެފަރާތްތަކަސް ނިދޭނެ އިންތިޒާމް ހަމަޖައްސަމުން ގެންދަވާ ކަމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މަޢުލޫމާތުދެއްވައެވެ.

އެހީތެރިކަމަށް ބޭނުންވާ އިތުރު ޢާއިލާތައް ތިބުން އެކަށީގެންވާތީ، އެ ފަރާތްތަކުންވެސް ޑިޒާސްޓަރ މެނޭޖްމަންޓްގެ ހޮޓްލައިން ނަންބަރު 115 އަށް ގުޅުއްވުމަށް އެ ފަރާތުންވަނީ އިލްތިމާސް ކުރައްވާފައެވެ.

tw:https://twitter.com/MRC_MLE/status/773587827514892288

އަލިފާނުގެ ހާދިސާއާއި ގުޅިގެން ދިވެހި ރެޑްކްރެސެންޓުން ދަނީ މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ ސައިކޮލޮޖިކަލް ސަޕޯޓް ފޯރުކޮށްދެމުންނެވެ.

މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުގެ ސީދާ ތަފްޞީލްތައް ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.