ޚަބަރު

ސަރުކާރުން ފެށި އައިވީއެފް ޚިދުމަތުގެ ކާމިޔާބީ؛ އެތައް ޢާއިލާއަކަށް އައު އުންމީދެއް!


  • މި ކާމިޔާބީއަކީ ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއަރާފައިވާ މިންވަރު ދައްކުވައިދޭ ކަމެއް

ރާއްޖޭގެ ނިސްބަތުން ދަރިމައިވުމުގެ މައްސަލައަކީ ގިނަ އާއިލާތަކެއް ތަހައްމަލް ކުރަމުންދާ ބޮޑު މައްސަލައެވެ. ދަރިމައިވުމުގެ މައްސަލަތަކަށް ރާއްޖޭގައި ތިބެގެން ފަރުވާކުރެވެން ނެތުމުން އެތައް އާއިލާއެއް ރާއްޖެއިން ބޭރަށް ދެއެވެ. ހަރަދު ބޮޑުނަމަވެސް އެ އާއިލާތަކުގެ ހުވެފެނަކީ އުފަން ދަރިއަކު ލިބުމެވެ.

އެތައް ފަރުވާއަކަށްފަހު ދަރިއަކު ލިބޭނެކަމުގެ އެންމެ ފަހު އުންމީދަކީ އައިވީއެފް (އިން-ވިޓްރޯ ފާޓިލައިޒޭޝަން)އެވެ. މި ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ މާލީ ގޮތުންނާއި ނަފްސާނީ ގޮތުން އާއިލާތަކަށް އުފުލަންޖެހޭ ބޮޑު ތަކުލީފެކެވެ. އައިވީއެފް ހެދުމައްފަހު ވަކި މުއްދަތެއްވަންދެން އެތަނެއްގައި މަޑުކޮށްގެން ތިބެންޖެހުމަކީ ހަރަދު ބޮޑުކަމަށްވުމާއެކު ފަރުވާގެ މެދުތެރެއިން ފައިސާ ހުސްވެ އިސްޖަހާލައިގެން އެންބުރި ރާއްޖެ އަންނަންޖެހޭ ފަހަރުވެސް މަދެއް ނޫނެއެވެ.

އެހެންނަމަވެސް ރައްޔިތުން އުފުލަމުންދިޔަ މި ކެކުޅުމަށް ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 5ވަނަ ދުވަހު އާސަންދައިގެ ދަށުން އައިވީއެފްގެ ޚިދުމަތް ދެއްވުމަށް ނިންމެވިއެވެ. އަދި މިކަމުގެ ހުރިހާ އިންތިޒާމުތަކެއް ހަމަަޖައްސަވާ އެއްވެސް އަގަކާ ނުލައި މި ޚިދުމަތް ދޭން ފެށުނުއެވެ.

އައިވީއެފްގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް، ރައްޔިތުންނަށް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި 2024ވަނަ އަހަރުގެ ފަހުކޮޅު ދަރުމަވަންތަ ހޮސްޕިޓަލުގައި ނޭޝަނަލް ފަރޓިލިޓީ ސެންޓަރެއްވެސް ހުޅުވިއެވެ. މި ސެންޓަރު މެދުވެރިކޮށް ގިނަ ބަޔަކަށް ޚިދުމަތް ފޯރުކޮށްދެމުންދާއިރު، ސަރުކާރުން ދަނީ މިކަމަށް ބޭނުންވާ މާލީ އެހީތެރިކަންވެސް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންނެވެ.

"ވަރަށް ގިނަ ދިވެހި ރައްޔިތުންގެ ހިތްދަތިކަމާ ގުޅިފައިވާ ޞިއްޙީ އަނެއް މައްސަލައަކީ، ދަރިމައިނުވުމުގެ މައްސަލަ. އެކަމާ ގުޅިގެން، ދެމަފިރީންގެ ކިބައިން ބަލަންޖެހޭ ކަންކަމާއި، ދޭންޖެހޭ ފަރުވާ ރާއްޖެއިން ނުލިބުމުގެ ހިތާމަވެރި މައްސަލަ. އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 17 ނޮވެންބަރު 2024ގައި ދަރުމަވަންތަ ހޮސްޕިޓަލުގައި، ނޭޝަނަލް ފަރޓިލިޓީ ސެންޓަރެއް ގާއިމުކޮށް، މިހާރު އެ ޚިދުމަތް ދަނީ ފޯރުކޮށްދެމުން." މިދިޔަ އަހަރުގެ ރިޔަސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި މި ސަރުކާރުން ޤާއިމްކުރި ފުރަތަމަ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުން ދިވެހި ފަސްގަނޑުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ދަރިއަކު މިވަނީ އުފަންވެފައެވެ. މީގެ ކުރިން އާންމު ރައްޔިތެއްގެ ޖީބަށް ކެތްނުވާވަރުގެ އަގުބޮޑު ޚިދުމަތެއްގެ ގޮތުގައި އޮތް އައިވީއެފްގެ ފަރުވާ، މިއަދު އަމިއްލަ ވަޒަނުގައި ތިބެގެން ޖީބަށް ލުއިކޮށް އަދި އެހާމެ ލުއި ފަސޭހަކަމާއެކު ލިބިގެންދިއުމަކީ ގިނަ ބަޔަކު ގަބޫލުކުރަންވެސް ދަތިވި ހަގީގަތެކެވެ.

އައިވީއެފް ފަރުވާއަކީ ރިސްކް ބޮޑު އަދި މި ފަރުވާ ހޯދުމުގައި ފުރާނައަށް ނުރައްކާ ވެދާނެ ފަދަ ފަރުވާއެކެވެ. އެހެންކަމުން މިފަދަ ފަރުވާއެއް އެހާމެ ކާމިޔާބު ކަމާއެކު ރާއްޖޭގައި ކުރެވިގެންދިއުމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއަރާފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް ޞިއްޙީ މާހިރުން ގަބޫލުކުރެއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ދަރިއަކު އުފަންވުމަކީ މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާއަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

މި ތާރީހީ ކާމިޔާބީއަކީ ދަރިމައިވުމުގެ މައްސަލައަށް ފަރުވާކުރަމުންދާ ފަރާއްތަކަށް ލިބުނު ބޮޑު އުއްމީދެކެވެ. ޖީބަށް ބުރަބޮޑުވި ޚިދުމަތް މިއަދު އަމިއްލަ ފަސްގަނޑުގައި ހިލޭލިބި އާއިލާތަކަށް އެއާއިލާގެ އުނގު ފަޅުފިލުވާލާނެ ކުއްޖަކު ލިބުމުގެ އުއްމީދު މިވަނީ އަލާވެގެން ގޮސްފައެވެ.