ދިވެހި ފްރިމިއަރ ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ފަސް މެޗު އޮތްއިރު، ބުރު ސްޕޯޓްސް ކުލަބުގެ އަމާޒަކީ ބާކީހުރި ހުރިހާ މެޗަކުން ވެސް ތިން ޕޮއިންޓު ހޯދުންކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
ލީގުގައި ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް 1-3 އިން ކުރިހޯދި މެޗުގައި، ކުޅުންތެރިން ދެއްކި ކުޅުމާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނިޒާމް ބުނީ، ފުރަތަމަ ހާފުގައި ޓީމުގެ ކުޅުންތެރިން ދެއްކީ ވަރަށް މޮޅު، ވަރަށް ރަނގަޅު ކުޅުމެއް ކަމަށެވެ.
އެހެންނަމަވެސް، ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ނިޔަތުގައި ގެނައި ބަދަލުތަކާއެކު، ދެވަނަ ހާފުގައި ކުޅުންތެރިންނަށް މެޗު މާބޮޑަށް ފަސޭހަކޮށްލުމުގެ ސަބަބުން ޓީމު "ވެއްޓިގެންދިޔަ" ކަމަށް ނިޒާމް ބުންޏެވެ.
އަނިޔާގެ ސަބަބުން ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހުމަށްފަހު ގްރީންއާ ދެކޮޅަށް ބުރުން ކުޅުނު މެޗުގައި އަބްދުﷲ ޔާމީން (ޔާނު) ކުޅެންއެރިއިރު، މެޗުގައި ޔާނުގެ ފަރާތުން ފެނުނު ކުޅުމަށް ނިޒާމް ވަނީ ތައުރީފުކޮށްފައެވެ. ޔާނު ޓީމާ ގުޅުން އެއީ ލިބުނު އިތުރު ހިއްވަރެއްގެ ގޮތުގައި ސިފަކޮށް، ކުރިއަށް ހުރި މެޗުތަކުގައި ވެސް އެ ކުޅުން ފެންނާނެކަމަށް އުއްމީދުކުރާކަމަށް ނިޒާމް ބުންޏެވެ.
މި މެޗުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔާނު ވަނީ ލަނޑެއް ވެސް ޖަހާފައެވެ. ލީގުގައި މިހާތަނަށް 13 މެޗު ކޮންމެ ޓީމަކުން ވެސް ކުޅެފައިވާއިރު ކުރިއަށް އޮތް ފަސް މެޗަށް ކަނޑައަޅާފައިވާ ޓާގެޓާ ގުޅޭގޮތުން ވެސް ނިޒާމް ވާހަކަދެއްކިއެވެ.
"ލީގު ނިމޭއިރު ބުރުގެ ޓާގެޓަކީ ހަމަ ކޮންމެ މެޗެއްވެސް ވިންކޮށްގެން ހަމަ ލީގު ޓޭބަލްގައި ވީ އެންމެ ކުރިއަކަށް ދިއުން" ނިޒާމް ބުންޏެވެ.
ލީގުގެ މިހާތަނަށް އައިއިރު، ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ކުޅުމެއް ދެއްކުމަށް ހުރިހާ ޓީމަކަށް ވެސް އުނދަގޫވިކަމާއި އެކަން ވެފައިނެތްކަން ނިޒާމް ފާހަގަކުރިއެވެ. އެހެންކަމުން، ގްރީން ސްޓްރީޓްސްއާ ދެކޮޅަަށް ބުރުގެ ކުޅުންތެރިން ދެއްކި ކުޅުން، ކުރިއަށް އޮތް މެޗުގައި ވެސް ދައްކަން މަސައްކަތްކޮށް، އެ ކޮންސިސްޓެންސީ ހިފަހައްޓަން މަސައްކަތްކުރާނެކަމަށް ނިޒާމް ބުންޏެވެ.
ދިވެހި ލީގުގައި 13 ހަފްތާގެ ކުޅުން ނިމުނުއިރު ބުރު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އެއީ 13 މެޗުން 23 ޕޮއިންޓު ހޯދައިގެންނެވެ. ބުރުން މިހާތަނަށް ހަތް މެޗުން މޮޅުވެފައިވާއިރު ހަތަރު މެޗުން ވަނީ ބަލިވެފައެވެ. އަދި ދެމެޗުން އެއްވަރުވެފައި ވެސް ވެއެވެ.