މިދިޔަމަހު މީރާއަށް 3.24 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އަދަދަކީ 2024ވަނަ އަހަރުގެ ޑިސެމްބަރު މަހު ބަަލައިގަތް އާމްދަނީއަށްވުރެ %30.7 އިތުރު އަދަދެކެވެ. 2024ވަނަ އަހަރުގެ ޑިސެމްބަރު މަހު މީރާއިން ވަނީ 2.48 ބިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ބަލައިގެންފައެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި، 2024ވަނަ އަހަރުގެ ޑިސެމްބަރުމަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ބަަލައިގެންފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީއާއި ގްރީން ޓެކުހުގެ އިތުރުން، ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު %12.8 އިތުރުވުމަކީވެސް މި މުއްދަތުގެ ތެރޭގައި މީރާއިން ބަލައިގަތް އާމްދަނީ އިތުރުވެެގެންދިޔަ ސަބަބެއްކަމަށް މީރާއިން ވިދާޅުވެއެވެ.
ނިމިދިޔަ ޑިސެމްބަރު މަހު މީރާއިން އަންދާޒާކޮށްފައިވާ އަދަދަށްވުރެ %17.4 އިތުރު އަދަދެއް އާމްދަނީ ބަލައިގެންފައިވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީގެ އިތުރުން ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބުންކަމަށް މީރާއިން ވިދާޅުވެއެވެ. ހަަމަމިއާއެކު ބިން ވިއްކުމާއި، ބިން ބަދަލުކުރުމުގެ ފީ އާއި، ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބްލިޓީގެ ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންވެސް އަންދާޒާއަށްވުރެ ބޮޑު އަދަދެއް އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، ޑިސެމްބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %53.2 ނުވަތަ 1.72 ބިލިޔަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލީގެ ޓެކުހުންނެވެ. އެއީ 519 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން، މިދިޔަ މަހު ގްރީން ޓެކުހުގެ ގޮތުގައި 218.7 މިލިޔަން ރުފިޔާ، ޑިޕާރޗަރ ޓުކުހުގެ ގޮތުގައި 191.3 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 176 މިލިޔަން ރުފިޔާ އަދި އާމްދަނީއިން ނަގާ ޓެކުހުގެ ގޮތުގައި 160 މިލިޔަން ރުފިޔާ މީރާއަށް ވަނީ ލިބިފައެވެ.
މީރާއިން ވިދާޅުވީ، ޑިސެމްބަރު މަހު މީރާއަށް ބަލައިގެންފައިވާ ޢާމްދަނީގެ ތެރޭގައި 157.83 މިލިޔަން އެމެރިކާ ޑޮލަރުވެސް ހިމެނޭކަމަށެވެ. މިއީ، 2024ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މީރާއަށް ބަލައިގަނެފައިވާ 112.82 މިލިޔަން އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު %40 އިތުރު އަދަދެކެެވެ.