ޚަބަރު

ނަޝީދު ހިމެނޭގޮތަށް 5 ބޭފުޅެއްގެ ޕާސްޕޯޓް ކެންސަލްކޮށްފި


ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި އިތުރު ހަތަރު ބޭފުޅެއްގެ ޕާސްޕޯޓް މޯލްޑިވްސް އިމިގްރޭޝަނުން ކެންސަލް ކުރައްވައިފިއެވެ. 

ނަޝީދުގެ އިތުރުން ޕާސްޕޯޓް ކެންސަލްކޮށްފައިވާ އެހެން ބޭފުޅުންނަކީ، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދުއާއި، ކުރީގެ ދެ ސްޓޭޓް މިނިސްޓަރުންކަމަށްވާ އަކްރަމް ކަމާލުއްދީންއާއި، އަހުމަދު ނަސީމްގެ އިތުރުން، ހެންވޭރު ހާޖަރާގޭ އަބްދުﷲ ލުތުފީއެވެ. 

އިމިގްރޭޝަނުން ވިދާޅުވީ، މިބޭފުޅުންގެ ޕާސްޕޯޓް ކެންސަލްކުރަން ނިންމީ، ރާއްޖޭގެ ޝަރުޢީ ދާއިރާއި ތަހްޤީޤީ އިދާރާތަކުން ބައްލަވަމުން ގެންދަވާ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ގިނަ ހުރަސްތަކެއް ކުރިމަތިވެގެންކަމަށެވެ. 

އަދި ޕާސްޕޯޓް ކެންސަލްކޮށްފައިވާ ފަރާތްތަކުން ރާއްޖެއަށް އައުމަށް ބޭނުންވާނަމަ، ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިމިގްރޭޝަނަށް ހުށަހެޅުމުން ރާއްޖެ އައުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ހަދާދެވޭނޭކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. 

އިމިގްރޭޝަނުން ޕާސްޕޯޓް ކެންސަލްކޮށްފައިވާ ފަސް ބޭފުޅުންގެ ތެރެއިން ރައީސް ނަޝީދާއި ހާޖަރާގޭ ލުތުފީއަކީ ދިގު މުއްދަތެއްގެ ޖަލު ހުކުމް އިއްވާފައިވޭ ދެ ފަރާތެވެ. ދެން ތިއްބެވި 3 ބޭފުޅުންނާއި ގުޅޭ މައްސަލައެއްގެ ތަހްޤީޤަށް ފުލުހުން ވަނީ އެމީހުން ހޯދުމަށް އާއްމުކޮށް އިއުލާންކޮށްފައެވެ.