ކުޅިވަރު

ހަތަރުސަތޭކަ މީޓަރު ފްރީސްޓައިލްގެ ގައުމީ ރެކޯޑް ސާރާ އައުކޮށްފި


އަންހެނުންގެ ޝޯޓްކޯސް 400 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު ސާރާ މުހައްމަދު އައުކޮށްފިއެވެ.

އޭނާ މި ރިކޯޑު އަައުކޮށްފަވަނީ ދުބާއީގައި ކުރިއަށްދިޔަ ހެމިލްޓަން އަކުއާޓިކްސް ވިންޓަރ ވޮންޑަރގައި ވާދަކޮށް 5 މިނިޓް 13 ސިކުންތު 78 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެފަހުން އައުކޮށްފަވަނީވެސް ސާރާއެވެ. އޭނާ މި ރިކޯޑު ހަދާފައިވަނީ ފާއިތުވެދިޔަ 2025 ވަނަ އަހަރު ދުބާއީގައި ކުރިއަށްދިޔަ ހެމިލްޓަން އަކުއާޓިކްސް ޝޯޓްކޯސްގައި ވާދަކޮށް 400 މީޓަރު ފްރީސްޓައިލް އިވެންޓު 5 މިނިޓް 23 ސިކުންތު 90އިން ނިންމައިގެންނެވެ.

ސާރާ އަކީ އެންމެ ފަހުން ސަޢޫދީ ޢަރަބިއްޔާގެ ރިޔާދުގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެ ތަމްސީލުކުރި ގައުމީ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ފެތުންތެރިއަކަށްވާއިރު އޭނާވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި އަންހެނުންގެ ޝޯޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑްވެސް 2 މިނިޓް 56 ސިކުންތު 77 އިން އިވެންޓު ނިންމައިގެން އައުކޮށްފައެވެ.

މީގެ ކުރިން މި އިވެންޓުގެ ގައުމީ ރިކޯޑް އޮންނަނީ ޙަމްނާ އަހްމަދުގެ އަތުގައެވެ. އެއީ، 2024 ވަނަ އަހަރު ހަންގޭރީގައި ބޭއްވި އެގައުމުގެ 20 ވަނަ ނެޝަނަލް ޝޯޓް ޓްރެކް ޗެމްޕިއަންޝިޕްސް ގައި 200 މީޓަރު ބެކްސްޓްރޯކް އިވެންޓު 03:00.53 އިން ނިންމައިގެންނެވެ.