ޚަބަރު

ސިޓީގެ ޖާދޫ ގެއްލި އާސެނަލްއަށް ބޮޑު ފުރުޞަތެއް، ޔުނައިޓެޑަށް ޕޮއިންޓެއް


އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި މެންޗަސްޓަރ ސިޓީން ދައްކަމުން އައި ޖާދޫ ގެއްލި، މި ސީޒަނުގެ ތަށި ހޯދުމުގެ ރޭހުގައި އާސެނަލްއަށް ފުރުޞަތު ފަހިވެއްޖެއެވެ.

ލީގުގަައި ރޭ ބްރައިޓަންއާ ދެކޮލަށް ކުޅެ ސިޓީ ވަނީ 1-1އިން އެއްވަރުވެފައެވެ. މިއާއެކު މި ވަގުތު 20 މެޗު ކުޅެފައިވާ އާސެނަލްއަށްވުރެ އެއް މެޗު އިތުރަށް ކުޅެ ސިޓި ތާވަލުގެ ދެވަނައިގައި އޮތީ 43 ޕޮއިންޓާއެކުއެވެ. އެހެންކަމުން މިރޭ ލިވަޕޫލް އަތުން މޮޅުވެގެން، އާސެނަލްއަށް އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

އަނެއްކޮޅުން ސިޓީ އަދިވެސް އޮތީ ތާވަލުގެ ތިންވަނައިގައި އޮތް އެސްޓަންވިލާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. ސިޓީއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި އެންމެފަހުން ސިޓީން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ވަނީ އެއްވަރުވެފައެވެ. އެއީ އެންމެފަހުން ކުޅުނު ތިން މެޗެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސިޓީންނެވެ. މި ލަނޑު، ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން ޖަހައިދިނީ އާލިން ބްރައުޓް ހާލަންޑެވެ.

ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، އޭގެ ބޭނުން ނުހިފުމުގެ އިތުރުން ޑިފެންސް ލައިނުގައި ވެސް ސިޓީގެ ކުޅުންތެރިންގެ ފަރާތުން ގޯސްތަކެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި، މެޗުގެ 60 ވަނަ މިނެޓުގައި ބްރައިޓަންއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކައުރޫ މިޓޮމާއެވެ.

ސިޓީގެ އިތުރުން މެންޗަސްޓަރގެ އަނެއް ކުލަބުކަމަށްވާ ޔުނައިޓެޑު ވެސް ރޭ ޖެހުނީ ޕޮއިންޓަކުން ފުއްދާލަންށެވެ. ކޯޗު ރުބެން އަމޯރިމް މަގާމުން ވަކިކުރުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި، ރެލިގޭޝަން ޒޯނުގައި އޮތް ބާންލީއާ ވާދަކޮށް ޔުނައިޓެޑް އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ބާންލީން ވަނީ ލީޑު ނަގައިފައެވެ. މިއީ މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ޔުނައިޓެޑްގެ އައިޑެން ހޭވަން އަތުން ބައިކޮޅަށް ވަން ގޯލާއެކު އެ ޓީމަށް ލިބުނު ލީޑެކެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑްގެ ބެންޖަމިން ސެސްކޯ ވަނީ 10 މިނިޓް ތެރޭ ދެ ލަނޑު ޖަހައި، ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. އެހެންނަމަވެސް ޔުނައިޓެޑުން ފުރަތަމަ ފަހަރަށް މެޗުގައި ލީޑުނެގިތާ ހަ މިނެޓުފަހުން ބާންލީން ވަނީ އަނެއްކާވެސް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ 66 ވަނަ މިނިޓްގައި ބާންލީގެ ޖޭޑަން އެންތަނީ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ނަތީޖާއާއެކު ޔުނައިޓެޑް މިވަގުތު އޮތީ 21 މެޗުން 32 ޕޮއިންޓާއެކު ލީގު ތާވަލުގެ ހަވަނައިގައެވެ.

މި ދެ މެޗުގެ އިތުރުން، އެންމެފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ހޯދިފައި ނުވާ ޗެލްސީން ރޭ ކުޅުނު މެޗުގައި ވެސް ވަނީ ފުލަމް އަތުން ބަލިވެފައެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗުން ޗެލްސީ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފެނިގެންދިޔަ ތިން ލަނޑަކީ ވެސް ދެވަނަ ހާފުގައި ޖަހާފައިވާ ލަނޑުތަކެކެވެ. ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ފުލަމްއިންނެވެ. 55 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރައުލް ހިމެނޭޒްއެވެ. އެފަހުން ލިއަމް ޑިލަޕް ވަނީ 72 ވަނަ މިނެޓުގައި ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފުލަމްއިން ދެވަނަ ފަހަރަށް ލީޑު ނެގީ 81 ވަނަ މިނެޓުގައި ހެރީ ވިލްސަން ޖަހައިދިން ލަނޑުންނެވެ.

ލީގު ތާވަލަށް ބަލާލާއިރު ޗެލްސީ މިވަގުތު އޮތީ 21 މެޗުން 31 ޕޮއިންޓާއެކު އަށްވަނައިގައެވެ. ޗެލްސީ އަތުން މޮޅުވި ފުލަމްއަށް ވެސް 21 މެޗުން 31 ޕޮއިންޓު ލިބިފައިވާއިރު އޮތީ ތާވަލުގެ ހަތްވަނައިގައެވެ. ޗެލްސީއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.