ޚަބަރު

75 އަހަރު ވަންދެން ވަޒީފާ އަދާކުރެވޭ ގޮތަށް ގެނައި އިޞްލާޙު ތަސްދީޤު ކުރައްވައިފި


  • މި ބިލު ފާސްކުރީ މި މަހުގެ 5 ވަނަ ދުވަހު

  • ޤާނޫނުގައި ބަޔާންކޮށްފައިވާ ވަކި ވަޒީފާތަކެއް އަދައެއް ނުކުރެވޭނެ

އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލު ފާސްކުރައްވާފައިވަނީ، މިމަހުގެ 5 ވީ ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރު ދައުރުން ބޭރުގައި ބޭއްވި ޚާއްޞަ ޖަލްސާ 1 (އެކެއް) ގައެވެ.

މި ބިލުގެ މަޤްޞަދަކީ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، ޢުމުރުން 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ހަމައަށް މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް މަގުފަހި ކޮށްދިނުމަށްޓަކައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި ޢަމަލު ކުރެވޭނެ އުސޫލުތައް ބަޔާން ކުރުމެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ބިލު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި ސިފައިން، ފުލުހުން، ފަނޑިޔާރުން، ޤާނޫނު އަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން ޢައްޔަން ކުރެވޭ މަޤާމުތައް އަދާކުރާ ފަރާތްތައް ނުހިމެނޭ ކަމަށް ބަޔާންކޮށްފައިވެއެވެ.

މި ބިލުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ، ޢުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ހަމައަށެވެ. މީގެ އިތުރުން، ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔަ ފަރާތްތަކުގެ ތެރެއިން ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިއަށް ހިނގާފައިވާ 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންޝަން ޙައްޤުވާ ޢުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށްވެސް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވިދާނެއެވެ.

މި ބިލަށް ޢަމަލުކުރަން ފަށާނީ، މިއަދުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.