ޚަބަރު

އިންގްލެންޑުގެ ކުރީގެ ކޯޗު، ކީގަންއަށް ކެންސަރު ޖެހިއްޖެ


ޔޫރަޕު ފުޓުބޯޅައިގެ ބާރެއްގެ ގޮތުގައި ބަލާ އިނގިރޭސިވިލާތަށް މީގެކުރިން ކުޅެދީ، ކޯޗުކަން ވެސް ކޮށްދީފައިވާ ކެވިން ކީގަން، ކެންސަރަށް ޑައިގްނޯސް ކޮށްފިއެވެ.

އުމުރުން 74 އަހަރުގެ ކީގަން އަކީ ޑްރިބްލިން ހުނަރު ހުރި، ހަލުވި އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި 1970 ގެ ފަހުކޮޅުގައި އަދި 1980 ގެ ތެރޭގައި ވިދާލި ކުޅުންތެރިއެކެވެ.

ކީގަން އަށް ކެންސަރު ޖެހިފައިވާކަން ހާމަކޮށް އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ، މިފަހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ކުރި ތަހުލީލުތަކަކުން ކީގަންއަށް ކެންސަރު ޖެހިފައިވާކަން އެނގިފައިވާކަމަށާއި އެކަމަށް ފަރުވާހޯދަމުންދާ ކަމަށެވެ. އަދި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެންމެހާ ފަރާތްތަކުން ވެސް ކީގަންއާއި އާއިލާގެ މަސްލަހަތު އިސްކޮށް، އެމީހުންނަށް ދޭންޖެހޭ ޕްރައިވަސީ ދިނުމަށް އާއިލާއިން އެދިފައިވެއެވެ.

ސްކަންތޯޕް ޔުނައިޓެޑް އެފްސީން 1968 ވަނަ އަހަރު ސީނިއަރ ކެރިއަރު ފެށި ކީގަން ކުލަބު ފެންވަރުގައި އެންމެ ގިނަ މެޗު ކުޅެދީފައިވަނީ ލިވަޕޫލަށެވެ. 1971 ވަނަ އަހަރާއި 1977 ވަނަ އަހަރާ ދެމެދު އޭނާ ވަނީ ލިވަޕޫލްގެ ޖާޒީގައި 322 މެޗު ކުޅެދީ 100 ލަނޑު ޖަހައިދީފައެވެ.

ލިވަޕޫލަށްފަހު ކީގަން ވަނީ ޖަރުމަނުގެ ހެމްބާގާ އެސްވީ އަށާއި އިނގިރޭސިވިލާތުގެ ސައުތެމްޕްޓަންއަށް އަދި ނިއުކާސަން ޔުނައިޓެޑަށާއި އޮސްޓްރޭލިއާގެ ބްލެކްޓައުން ސިޓީއަށް ވެސް ކުޅެފައެވެ.

1972 ވަނަ އަހަރު އިނގިރޭސި ސީނިއަރ ގައުމީ ޓީމަށް ކުޅެން ފެށި ކީގަން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 1982 ވަމަ އަހަރުއެވެ. އެ 10 އަހަރުގެ ތެރޭގައި އޭނާ ވަނީ އިނގިރޭސި ގައުމީ ޓީމަށް 63 މެޗު ކުޅެދީ، 21 ލަނޑު ޖަހައިދީފައެވެ.

ފުޓުބޯޅައިގައި ކެވިން ކީގަން ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި، އޭރުގެ އިނގިރޭސި ޓޮޕް ޑިވިޝަން ލީގު ތިން ފަހަރު، އެފްއޭ ކަޕް އެއްފަހަރު، އެފްއޭ ޗެރިޓީ ޝީލްޑް ދެ ފަހަރު އަދި ޔޫރަޕިއަން ކަޕް އެއްފަހަރު ހޯދައި ޔޫއެފާ ކަޕް ދެފަހަރު ހޯދާފައެވެ.

އޭނާ ހޯދާފައިވާ އިންޑިވިޖުއަލް އެވޯޑުތަކަށް ބަލާއިރު، ދެ ފަހަރަށް ބެލަންޑޯ އެވޯޑު ހޯދާފައިވެއެވެ.

ކީގަން އޭނާގެ ކޯޗިން ކެރިއަރު ފެށީ 1992 ވަނަ އަހަރު ނިއުކާސަލް އިންނެވެ. އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހަ އަހަރު ހޭދަކުރުމަށްފަހު ފުލަމްއަށް ދެ އަހަރު ކޯޗުކަންކޮށްދީ، 1999 ވަނަ އަހަރު އިނގިރޭސި ގައުމީ ޓީމަށް ވެސް ކޯޗުކަން ކޮށްދީފައިވެއެވެ. މީގެއިތުރުން މެންޗަސްޓަރ ސިޓީއަށް ހަތަރު އަހަރުގެ މުއްދަތަކަށް ވެސް ކޯޗުކަންކޮށްދީފައިވެއެވެ. ކޯޗެއްގެ ގޮތުގައި ކީގަން ކެރިއަރު ނިންމާލީ ވެސް ނިއުކާސަލް އިންނެވެ.

ކޯޗެއްގެ ގޮތުގައި އޭނާ ވަނީ ނިއުކާސަލް އަދި ސިޓީއާއެކު އިނގިރޭސި ޓޮޕް ޑިވިޝަން ލީގުގެ ޓްރޮފީ އުފުލާލާފައެވެ.