ޚަބަރު

އެމްއޭސީއެލްއިން ޓެކްނޮލޮޖީގެ ކަންކަމަށް ޙައްލު ދޭނެ ބަޔަކު ހޯދަނީ


  • އީމެއިލް މެދުވެރިކޮށް ޝައުޤުވެރިކަން ފާޅުކުރުމަށް ވަނީ އެދިފައި

  • އިޤްތިސާދީ ތަރައްޤީއާއިބެހޭ ވުޒާރާގައި، ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާންޖެހޭ

  • ޓީމުގައި މަދުވެގެން 5 ދިވެހިން ހިމެނެންވާނެ

"ޓެކްނޮލޮޖީ ސޮލިއުޝަންސް ޕްރޮވައިޑާސް" ގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން އިއުލާނުކޮށްފިއެވެ.

"ޓެކްނޮލޮޖީ ސޮލިއުޝަންސް ޕްރޮވައިޑާސް"އަކީ، ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، އީޖާދީ އުފެއްދުންތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ ކުންފުނިތަކެވެ. އޭގެ ތެރޭގައި ކްލައުޑް ކޮމްޕިއުޓިން، ސެކިއުރިޓީ، އޭއައި، ސޮފްޓްވެއަރ ޑިވެލޮޕްމަންޓް އަދި ނެޓްވޯކް އިންފްރާސްޓްރަކްޗަރ ފަދަ ދާއިރާތައް ހިމެނެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ކުރި އިއުލާނުގައި ވާގޮތުން، ޓެކްނޮލޮޖީ ސޮލިއުޝަން ޕްރޮވައިޑާއެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭނީ އެކުންފުނިން އަންގާ ގޮތަކަށެވެ. އަދި ޓެކްނޮލޮޖީއާ ގުޅުންހުރި ޚިދުމަތްތައް ފަރުމާކޮށް، ބިނާކުރުމުގެ އިތުރުން އެ ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު ބެލެހެއްޓުން ފަދަ މަސައްކަތްތައް ކުރަން ޖެހޭނެއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކަކީ، އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާންވާނެ ކަމަށެވެ. އަދި ޓީމުގައި މަދުވެގެން 5 ދިވެހިން ހިމެނެންވާނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ޝައުޤުވެރިކަން ފާޅުކުރުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ. އަދި ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި، އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރެއްގެ އިތުރުން ލިޔެކިޔުންތައް ހުށަހަޅަންވާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، އެކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މަސައްކަތް ހަވާލުކުރެވޭނެ ކަމަށެވެ.