ޚަބަރު

ވެނެޒުއެލާގެ ތެޔޮ އެމެރިކާއިން ވިއްކުމަށް ތައްޔާރުވަނީ


އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ވެނެޒުއެލާގައި ތާށިވެފައިހުރި 50 މިލިއަނެއްހާ ފީފާ ތެޔޮ، އެމެރިކާ މެދުވެރިކޮށް ވިއްކުމަށް ވެނެޒުއެލާގެ އިންތިޤާލީ ސަރުކާރާއެކު މަޝްވަރާ ކުރެވެމުންދާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާ ބަންދުގައި، އެމެރިކާއިން ވަނީ ވެނެޒުއެލާއަށް ޙަމަލާ ދީ، އެ ޤައުުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ޤައުމުން ބޭރަށް ގެންގޮސްފައެވެ. އެމެރިކާއިން ވަނީ ޑްރަގް ވިޔަފާރު ކުރުމާއި ނިރުބަވެރި ކަމަށް ހިތްވަރު ދިނުމަށް ޑްރަގް ވިޔަފާރި ބޭނުންކުރުން ހިމެނޭ ގޮތަށް ހަތަރު ދައުވާއެއް މަދޫރޯއާ ދެކޮޅަށް އުފުލައިފައެވެ. ނަމަވެސް އެ ދައުވާތަކަށް މަދޫރޯ އިންކާރުކުރައްވައެވެ.

ވެނެޒުއެލާގެ ވަގުތީ ރައީސްގެ މަޤާމާ އެ ޤައުމުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޑެލްސީ ރޮޑްރިގެޒް ޙަވާލުވެވަޑައިގެންފައިވާއިރު، މިއީ އެމެރިކާ އާއެކު އިންތިޤާލީ ސަރުކާރުން ރަސްމީ ސިފައެއްގައި މަޝްވަރާއެއް ކުރެވޭކަން ހާމަވި ފުރަތަމަ ފަހަރެވެ.

ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، 30 މިލިއަނާއި 50 މިލިއަން އާ ދެމެދުގެ ފީފާ ތެޔޮ، ވަކި އިންތިޒާމެއްގެ ދަށުން އެމެރިކާއަށް ގެނެސް، ދުނިޔޭގެ ބާޒާރުގައި ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެ ތެޔޮ ވިއްކައިގެން ލިބޭ ފައިސާ، ސީދާ އޭނާގެ ބެލުމުގެ ދަށުން ހޭދަކުރާނީ ވެނެޒުއެލާ އާއި އެމެރިކާގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ވެނެޒުއެލާގެ ތެލުގެ އަގު މިވަގުތު ހުރި މިންވަރަށް ބަލާނަމަ، މި އެއްބަސްވުމުގެ ޖުމްލަ އަގު 1.9 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތިވާނެއެވެ.

އެމެރިކާގެ ތެޔޮ ކުންފުނިތަކުން، ވެނެޒުއެލާގެ ވަޅުޖެހިފައި އޮތް ތެލުގެ ވިޔަފާރިއާ ޙަވާލުވެ، ބޮޑެތި އިންވެސްޓްމަންޓުތައް ކުރާނެކަމަށް ޓްރަމްޕް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މިގޮތުން، އެ ކުންފުނިތަކާއި އެމެރިކާ ސަރުކާރުގެ ކަމާގުޅޭ އިސް ބޭފުޅުންނާއެކު ބައްދަލުވުމެއް މާދަމާއަށް ތާވަލުކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.