ޚަބަރު

ޝަރުތުހަމަވާ ދުވަހުން ފެށިގެން މަޤާމުގެ ކުރިއެރުންދޭ ގޮތަށް އުސޫލު އިސްލާހުކޮށްފި


  • މީގެ ކުރިން ކުރިއެރުން ދެނީ މާލީ ވުޒާރާގެ ހުއްދަ ލިބޭ ތާރީޙުން ފެށިގެން

  • މުސާރައިގެ ކުރިއެރުން ލިބޭނީ އެ މަޤާމުގައި 2 އަހަރު ވިދިވިދިގެން ދެމިހުރުމުން

އައު ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގެ އުސޫލުގެ ތެރެއިން މަޤާމުގެ ކުރިއެރުން ހައްޤުވާ ތާރީޚުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށް ސިވިލް ސާވިސް ކޮމިޝަނުގެ އުސޫލު އިސްލާހު ކޮށްފިއެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު މުސާރައިގެ ކުރިއެރުން ދެވޭނ،ީ މުސާރައިގެ ކުރިއެރުން ދިނުމަށް ކަނޑައަޅާފައިވާ އެންމެހައި ކަންތައްތައް ފުރިހަމަވުމުންނެވެ. މީގެ ކުރިން އުސޫލުގެ ދަށުން މަޤާމުގެ ކުރިއެރުން ދެނީ، މާލީ ވުޒާރާއިން އެކަމަށް ދޭ ހުއްދައާއެކު ކޮމިޝަނަށް ހުށަހެޅުމުން މާލީ ވުޒާރާއިން އެކަމަށް ހުއްދަ ދޭ ތާރީޙުން ފެށިގެންނެވެ. ނަމަވެސް އުސޫލަށް މިހާރު ގެނައި އިސްލާހުގުވާގޮތުން މާލީ ވުޒާރާގެ ހުއްދައާއެކު ކޮމިޝަނަށް ހުށަހެޅުމުން އެ މުވައްޒަފަށް ކުރިއެރުން ދޭނީ، އެ މުވައްޒަފަކަށް ކުރިއެރުން ހައްގުވާ ތާރީޚުން ފެށިގެންނެވެ.

ސީއެސްސީން އުސޫލަށް ގެނައި ބަދަލުގެ ސަބަބުން މަޤާމުގެ ކުރިއެރުން ހައްޤުވެ މުސާރައިގެ ކުރިއެރުން ލިބުމުގައި އިދާރީ ގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިމަވުމާއި ހަމައަށް މުސާރައަށް ކުރިއެރުން ނުލިބޭ މުވައްޒަފުންނަށް ކުރިއެރުން ފަހުން ލިބުނު ކަމުގައިވިއަސް އެ މުއްދަތަށް ނުލިބިވާ މުސާރަ އެފަރާތްތަކަށް ލިބޭނެ ކަމަށް، ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވެއެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ފުރަތަމަ އާންމު ކުރީ މިދިޔަ އަހަރު އޮކްޓޯބަރ މަހުއެވެ. މި އުސޫލުގައިވާ ގޮތުން، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ ދަށުން މުސާރައިގެ ކުރިއެރުންކަމުގައި ބަލާފައިވަނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ "މަޤާމުގެ
އެލަވަންސް" ގެ 1ވަނަ ހަރުފަތުން 2 ވަނަ ހަރުފަތަށް އަދި 2 ވަނަ ހަރުފަތުން 3 ވަނަ ހަރުފަތަށް ލިބޭ ކުރިއެރުމަށެވެ.

އެގޮތުން ކުރިއެރުން ލިބޭނީ، މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް އެ މަސައްކަތުގެ ފެންވަރުބެލުމުން ދެ އަހަރު ވެސް ވިދިވިދިގެން މަދުވެގެން %85 މާކްސް ހޯދުމުންނެވެ. މިއިން ކޮންމެ ހަރުފަތަކުންވެސް ކުރިއެރުން ލިބޭނީ މިމަގުން ކަމަށް އުސޫލުގައިވެއެވެ. އުސޫލުގައިވާ ގޮތުން، މަޤާމުގެ ފެންވަރުބެލުމުގެ ނިޒާމުން މަދުވެގެން 2 އަހަރު ވަންދެން %85 އިންސައްތަ އެފަރާތެއް ހޯދިނަމަވެސް، އޭނާ އެ މަޤާމެއްގައި 2 އަހަރު ދުވަހުގެ މުއްދަތެއް ހޭދަ ކުރަން ޖެހެއެވެ.

ސިވިލްސާ ސާވިސް މުވައްޒަފުންގެ ތެރެއިން މިހާރު އައު ޕޭ ފްރޭމްވޯކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއިދާރާއަކުން ކުރިއެރުން ދޭއިރު، ކުރިއަށް އޮންނަ އަހަރުގެ ބަޖެޓު ހުށަހަޅާ އިރު، ކުރިއަށް އޮންނަ އަހަރުގެ ތެރޭގައި މުސާރައިގެ ކުރިއެރުންދޭންޖެހޭނެކަމަށް އަންދާޒާކުރާ މުވައްޒަފުން ފާހަގަކުރުމަށް އުސޫލުގައި ހިމެނެއެވެ. އަދި އެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންދިނުމަށް އިތުރަށް ހިނގާނެ ޚަރަދު ބަޖެޓުގައިހިމަނަން ޖެހެއެވެ. މި ނޫން ހާލަތްތަކުގައި ކުރިއެރުން ދެވޭނީ މާލީ ވުޒާރާއިން ވަކިން ލިއުމުން ހުއްދަ ހޯދައިގެން ކަމަށް ސިވިލް ސާވިސްގެ ޤަވާއިދުގައިވެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވީ ޤަވާއިދަށް މިހާރު ޢަމަލުކުރަން ފަށާފައިވާއިރު، މި ޤަވާއިދު މިހާރު ޕޭއި ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނާއި އަދި ކުރިއަށް ބަދަލުވާނެ މުވައްޒަފުންނަށްވެސް ހިންގާނެ ކަމަށެވެ. މި ވަގުތު މި އުސޫލުގެ ޝަރުތުތައް ފުރިހަމަވާނީ މުދައްރިއްސުންނަށާއި ސިއްޙީ ޚިދުމަތްތެރިންނަށް ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވެއެވެ.