ޚަބަރު

ބަނގުރާ ވިއްކި ބިދޭސީންތަކެއް ޑީޕޯޓްކޮށްލަނީ


  • މި މީހުންގެ ތެރޭގައި ހިމެނެނީ ނޭޕާލު 4 މީހުންނާއި ބަންގްލަދޭޝް މީހެއް

  • މި މީހުން ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައި

މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބިދޭސީންތަކެއް ކަމަށެވެ.

މާލޭގައި ބަނގުރާ އުފައްދާ ގެންގުޅެ އަދި ބޭނުންކޮށް، ބަނގުރަލުގެ ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މިމަހުގެ 5 ވަނަ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ މިއޮޕަރޭޝަންގައި މާލޭގެ ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކާއި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވަނީ، މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރު އާންމުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ، ނޭޕާލަށް ނިސްބަތްވާ ޑިއު ކުމަރް މެޔޮންގްބައާއި، ސުމަން އަދިކަރިއާއި، ރާމްޖި ޕަރިޔަރްއާއި ބިކްރަމް ނެޕަލީގެ އިތުރުން ބަންގްލަދޭޝަށް ނިސްބަތްވާ މޮޒައްމެލް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، މި މީހުން ޑީޕޯޓް ކުރުމަށްޓަކައި މިހާރު މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލަ ފުލުހުން ދަނީ، ތަޙުޤީޤު ކުރަމުންނެވެ.