ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްގެން އެމެރިކާއިން ގެންދިޔުމުން، އެ ޤައުމު އިތުރު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓުމުގެ ފުރުޞަތު ބޮޑުވެފައިވާކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް ފާޅުކުރައްވައިފިއެވެ.
އެމެރިކާއިން ވަނީ ޖެނުއަރީ 3ގެ މެންދަމުގެ ވަގުތެއްގައި، ވެނެޒުއެލާއަށް ޙަމަލާދީ މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްގެން އެމެރިކާއަށް ގެންގޮސްފައެވެ.
މަދޫރޯއާ ދެކޮޅަށް އެމެރިކާއިން އުފުލާފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނިރުބަވެރިކަމަށް ހިތްވަރު ދިނުމުގެ ދަޢުވާތަކަށް ނިއު ޔޯކުގެ މެންހަޓަން ފެޑެރަލް ކޯޓަށް މިއަދު ހާޒިރުކުރުމުގެ ކުޑަވަގުތުކޮޅެއް ކުރިން، 15 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ އދގެ ސަލާމަތީ މަޖިލީހުން ވަނީ ވެނެޒުއެލާގެ މައްސަލައިގައި ބައްދަވުމެއް ބާއްވާފައެވެ.
އެ ބައްދަލުވުމުގައި ގުތެރޭޝްގެ ފަރާތުން އިއްވި ބަޔާނުގައި އޭނާ ވިދާޅުވީ، މަދޫރޯ ހައްޔަރުކޮށްގެން ގެންދިޔުމުން ވެނެޒުއެލާގެ އިތުރުން މުޅި ސަރަޙައްދު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓުމުގެ ފުރުޞަތު ބޮޑުވެފައިވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އަދި ޤައުމުތަކުގެ މެދުގައި އުފެދޭ މައްސަލަތައް ޙައްލުކުރުމުގައި މިފަދަ ޢަމަލުތައް ހިންގުން އިތުރުވެދާނެތީ ވެސް ގުތެރޭޝް ވަނީ ކަންބޮޑުވުންފާޅުކުރައްވައިފައެވެ.
އެކަމުގެ ދިފާޢުގައި އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ވޯލްޓްސް ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން އޮޕަރޭޝަނެއް ހިންގާފައިވަނީ، އެމެރިކާއަށް ގެއްލުން ދިނުމުގައި ބައިވެރިވެ، "ފިލައިގެން" އުޅުނު ދެ މީހުން އަތުލައިގަތުމަށް ކަމަށެވެ.
އަދި ވެނެޒުއެލާ އާއި އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް އެއްވެސް ޢަދާވަތްތެރިކަމެއް ނެތް ކަމަށާއި، އަސްކަރީ ކުރިމަތިލުމަކަށް ދިޔުމުގެ ވިސްނުމެއް އެމެރިކާއިން ނުގެންގުޅޭކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެމެރިކާއިން ވެނެޒުއެލާއަށް ވެރިގަތުމުގެ ނިޔަތެއް ނެތްކަމުގެ ޔަޤީންކަން ވެސް އޭނާ ދެއްވިއެވެ.
އެ ބައްދަލުވުމުގައި ވެނެޒުއެލާގެ މަންދޫބު ވަނީ އެމެރިކާއިން ވެނެޒުއެލާގައި ހިންގި އޮޕަރޭޝަންގެ ޤާނޫނީ ސައްޙަކަމާމެދު ސުވާލު އުފައްދަވައިފައެވެ. އަދި މަދޫރޯ ހައްޔަރުކޮށްގެން ދިޔުމަށްފަހު، ސަރުކާރާއި ދައުލަތް ހިންގުން ހުއްޓުމަކަށް އައިސްފައިނުވާކަމުގެ ޔަޤީންކަން ވެސް އޭނާ ދެއްވިއެވެ.
ގުތެރޭޝް ވަނީ މަޝްވަރާގެ ރިވެތި އުޞޫލެއް ކުރިއަށް ދެވޭނެ މަގެއް ހޯދުމަށް އިލްތިމާސްކުރައްވައި، އެކަމުގައި އދގެ ފުރިހަމަ އެހީތެރިކަން ވެނެޒުއެލާއަށް ލިބޭނެކަމަށް ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި ޗައިނާ އާއި ރަޝިޔާގެ އިތުރުން ކޮލަމްބިއާއިން ވަނީ އެމެރިކާއިން ހިންގި ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފަށް ހިންގި އޮޕަރޭޝަން ކުށްވެރިކޮށްފައެވެ. ދެން ތިބި މެމްބަރު ޤައުމުތަކުން ފާޅުގައި އެމެރިކާއަށް ފާޅުގައި ފާޑުކިޔާފައިނުވިނަމަވެސް، އދގެ ހުރިހާ މެމްބަރު ޤައުމުތަކުން ވެސް، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދގެ ހަމަތަކަށް އިޙްތިރާމްކުރުމަށް އެ ޤައުމުތަކުން ވަނީ ބާރުއަޅައިފައެވެ.
މިއަދު ކޯޓުގައި އޮތް އަޑުއެހުމުގައި މަދޫރޯގެ ދެކަނބަލުން ވެސް ވަނީ އެމެރިކާއިން އުފުލި ދަޢުވާތަކަށް އިންކާރުކުރައްވައިފައެވެ. މި މައްސަލައިގައި ދެން އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައި ވަނީ މާރިޗު މަހުގެ 17ވަނަ ދުވަހަށެވެ.