ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ފޮނުވި 1.2 މިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ، އޭނާ އިތުރު 23 އަހަރަށް ޖަލަށް ލުމާއެކު 44 މިލިޔަން ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފިއެވެ.
ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި ބައްސާމަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުގެ ފަރާތުން ވަނީ ކޯޓުގައި އެދިފައެވެ.
އޭނާ މިހާރު ވެސް ގެންދަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެއީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން މީގެކުރިން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމެކެވެ.
ކްރިމިނަލް ކޯޓުގެ ޝަރިއަތުން ކަނޑައަޅާފައިވާ ގޮތުގައި ކޮވިޑް-19 ރިލީފް ލޯނުގެ ގޮތުގައި ލިބުނު ފައިސާ، ބައްސާމް ބޭނުން ކޮށްފައިވަނީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ. އެކަން ކޮށްފައިވަނީ ދައުވާގައިވާ ގޮތުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެފައިސާ އެޕާޓްމެންޓް ގަތުމަށް އަމިންއަށް ޖަމާކޮށްގެންނެވެ.
ބައްސާމްގެ މައްޗަށް ޖުމްލަ 23 އަހަރުގެ ހުކުމް އައީ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 15 އަހަރުގެ ހުކުމަކާއި، ޚިޔާނާތުގެ ކުށަށް އަށް އަހަރު އައުމުންނެވެ. މި މައްސަލައިގައި ދައުލަތުން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ވެސް ދައުވާކޮށްފައިވެއެވެ. އެހެންނަމަވެސް އަމިން ކޮންސްޓްރަކްޝަން ވަނީ އެ މައްސަލައިން ސަލާމަތްވެފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ބައްސާމް ގަނެފައިވާ އެ އެޕާޓްމެންޓްތައް، ކޯޓު އަމުރެއްގެ ދަށުން 2024 އޮކްޓޯބަރު މަހު ފުލުހުންނާ ހަވާލުކޮށްފައިވާއިރު، އެ އަމުރު އިސްތިއުނާފު ކުރަން ބައްސާމްގެ ފަރާތުން ހައިކޯޓަށް ވަނީ ހުށަހަޅާފައެވެ. އެހެން ނަމަވެސް އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމާފައެވެ.