ޚަބަރު

ދަނޑުތަކަށް ފަސޭހައިން ކަރަންޓާއި ފެން ލިބޭނެ އިންތިޒާމު ހަމަޖައްސަން މަޝްވަރާކޮށްފި


  • މަޝްވަރާކުރީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި ފެނަކައާ ދެމެދު

  • ރަށްރަށުގައި ދަނޑު ހައްދަނީ މީހުން ދިރިއުޅޭ ހިސާބާ ދުރު ސަރަޙައްދުތައް

ރަށްރަށުގައި ދަނޑުވެރިކަން ކުރާ ސަރަޙައްދުތަކަށް ފަސޭހަކަމާއެކު ކަރަންޓާއި ފެން ލިބޭނެ ގޮތް ހަމަޖެއްސުމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު މަޝްވަރާކޮށްފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާހު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ ދަނޑުވެރިކަން ކުރާ ރަށްރަށުގެ ދަނޑު ބިންތަކަށް ބޭނުންވާ ކަރަންޓާއި ފެނުގެ ޚިދުމަތް ފެނަކައާ ގުޅިގެން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަކީ އާމްދަނީ ހޯދުމަށް ދަނޑުވެރިކަންކުރަމުން އަންނަ ރަށްތަކެވެ. އަދި ބައެއް ރަށްތަކުގައި ރިސޯޓްތަކާއި މާލެއަށްވެސް ވިއްކާ މިންވަރަށް ދަނޑުވެރިކަމުގެ ބާވަތްތައް ހައްދައެވެ.

ރަށްރަށުގައި ދަނޑު ހެއްދުމަށް ދޫކުރާ ސަރަޙައްދުތަކަކީ މިހުން ދިރިއުޅޭ ސަރަޙައްދާ ދުރުން، ބިން ދޫކޮށްގެން ދަނޑު ހައްދާ ސަރަޙައްދުތަކެވެ. ދަނޑުތަކަށް ފެން ހޯދަނީ، އަމިއްލައަށް ވަޅު ކޮނެ ޕަމްޕް ބަހައްޓައިގެނެވެ. އެހެންކަމުން މިކަންވަނީ، ދަނޑުވެރިންނަށް ކުރިމަތިވާ ވަރަށް ބޮޑު ދަތިކަމަމަށެވެ. ދަނޑުވެރިންގެ ޝަކުވާތަކަށް ބަލާ، ދަނޑުތައް ދޫކުރާ ސަރަޙައްދުތަކަށް ފެނާ ކަރަންޓުގެ ވިއުގަ ގުޅައިދިނުމަމީ ރައީސުލްޖުމްހުރިއްޔާގެ މުހިންމު ވަޢުދެއްކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގެ 150އަށްވުރެ ގިނަ ރަށަށް ފެނާ ނަރުދަމާގެ ޚިދުމަތް ފޮރުކޮށްދެމުންދާ ކުންފުންޏެކެވެ.