ހިޔުމަން ރައިޓްސް ކޮމިޝަނުން އާންމުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގެ އައު ބާބެއް ފެއްޓެވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް އެދިވަޑައިގެންފިއެވެ.
ނާޡިމް މިކަމަށް އެދިވަޑައިގެންނެވީ އެޗްއާރުސީއެމްގެ ދައުރާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ވިދާޅުވީ ހިޔުމަންރައިޓްސް ކޮމިޝަނަކީ އިންސާނީ ޙައްގުތައް ކަށަވަރުކުރުމަށް ކޮންމެހެން އުފައްދަންޖެހިގެން އުފެއްދި މުއައްސަސާއެއް ކަމަށާއި އެ މުއައްސަސާ އުފެއްދީ ބައިނަލްއަގުވާމީ މިންގަނޑުތަކާއެއްގޮތަށް ރާއްޖޭގެ އިންސާނީ ޙައްގުތައް ރައްކާތެރިކުރެވިފައިވާކަން ކަށަވަރުކުރުމަށް ކަމަށެވެ. އަދި އެޗްއާރުސީއެމް ހިންގަން ވާނީ މިނިވަންކަމާއި މުސަތަގިއްލު ކަމާއެކު ކަމަށްވެސް ވިދާޅުވިއެވެ.
އެޗްއާރުސީއެމަށް މެންބަރުން އައްޔަން ކުރަނީ ކޮންމެ 5 އަހަރަކުން އެއްފަހަރުކަން ފާހަގަކުރައްވައި މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ ކޮންމެ ސަރުކާރަކަށްވެސް އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް އެއްވެސް މެންބަރެއްގެ ކިބައިގައި ސިޔާސީ ކުލަ ޖެހިގެން ނުވާނެ ކަމަށެވެ.
ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދޮގު މައުލޫމާތު ފެތުރުން ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް އެޗްއާރުސީއެމްގެ ދައުރު މުހިންމު ކަމަށްވެސް ނާޡިމް ފާހަގަކުރެއްވިއެވެ. އެގޮތުން، މުޒާހަރާތަކުގައި ހައްޔަރު ކުރާ މީހުން، ހައްޔަރު ކުރި އިރު ހުރި ސިއްޙީ ހާލަތާއި އެ މީހުންގެ ސިއްޙަތާ ގުޅޭގޮތުން ހައްޔަރު ކުރުމަށްފަހު ފެތުރޭ ޚަބަރުތަކާ ގުޅޭ ސައްޙަ މައުލޫމާތު ފޯރުކޮށްދިނުމުގައި އެޗްއާރުސީއެމުން އިސް ދައުރެއް އަދާކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި މަޖިލީހުގެ ފަރާތުން އަލަށް އައްޔަން ކުރެއްވި މެންބަރުންނާއި ހިޔުމަންރައިޓްސް ކޮމިޝަންގެ ފަރާތުން އަޅުގަނޑު އެދެނީ އައު ބާބެއް ފައްޓަވައިދެއްވުމަށް. ތެދު މައުލޫމާތުރައްޔިތުންނަށް ހާމަކޮށްދިނުމުގައި ތަންކޮޅެއް އިސް ދައުރެއް އަދާކުރުމަށް،" ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.
މިއީ ސޯޝަލް މީޑިއާގެ ޒަމާނަށްވާއިރު އެޗްއާރުސީއެމްގެ މަސައްކަތްތައް ފުރިހަމައަށް ވަގުތުން ވަގުތަށް ކުރެވިގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ވެސް ނާޡިމް ވިދާޅުވިއެވެ. އަދި މުޒާހަރާތައް އޮބްޒާވްކުރުމުގައި ކޮމިޝަންގެ މެންބަރުން ހައިސިއްޔަތު އެނގޭގޮތަށް ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ވިދާޅުވިއެވެ.