ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކުރިމަތިވަމުންދާ އިންސާނީ ދަތިތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ ގްލޯބަލް ސުމޫދު ފްލޮޓިލާގެ އިސް ވަފުދެއް މިއަދު ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ 3 ދުވަހުގެ މި ދަތުރުގައި (މި މަހުގެ 6 އިން 8 އަށް) ހަތަރު މެންބަރުން ހިމެނޭ ވަފުދެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިއާގޯ އަވިލާ، ސައީދު އަބޫކޭޝެކް، މުހައްމަދު ނާދިރު އަލް-ނޫރީ އަދި ކްލިއޮނިކީ އެލެކްސޯޕޯލޯއެވެ. މި ވަފުދުގެ މެންބަރުންނަކީ މި ހަރަކާތުގެ ސްޓިއަރިންގ ކޮމިޓީގައި ހިމެނޭ އިސް ފަރާތްތަކެވެ.
މި ޒިޔާރަތުގެ ތެރެއިން ފްލޮޓިލާގެ ވަފުދުން ސަރުކާރުގެ އިސްވެރިންނާއި، މަދަނީ ޖަމިއްޔާތަކާއި އަދި ގުޅުންހުރި އެކި ފަރާތްތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުންތަކުގައި ފްލޮޓިލާގެ މަގުސަދުތަކާއި، މިހާތަނަށް ކުރެވިފައިވާ ތަޖުރިބާތަކާއި އަދި ކުރިއަށް ހުރި ރޭވުންތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރާނެއެވެ.
އިންޓަނެޝަނަލް އެއިޑް ކެމްޕައިން، އައިއޭސީން ބުނީ، މި ހަރަކާތަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ވަކާލާތުކުރާ އުސޫލުތަކާ ގުޅޭ ހަރަކާތެއް ކަމަށެވެ. ސުމޫދު ފްލޮޓިލާއިން މިދިޔަ އަހަރު ކުރި މަސައްކަތްތަކާއި، މިއަހަރުގެ ބަހާރު މޫސުމަށް ރޭވިފައިވާ ކަންކަމުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަކީވެސް މި ދަތުރުގެ އެއް ބޭނުމެއް ކަމަށް އައިއޭސީން ބުނެއެވެ.
ގްލޯބަލް ސުމޫދު ފްލޮޓިލާއަކީ ޢައްޒާގައި ދިގުލައިގެން ގޮސްފައިވާ އިންސާނީ ކާރިސާއަކަށް ދެވޭ ދެމެހެއްޓެނިވި، ސުލްހަވެރި ބައިނަލްއަގުވާމީ އިޖާބައެކެވެ. މި ހަރަކާތުން ދަނީ ދުނިޔޭގެ ސަމާލުކަން މިކަމަށް ހޯދައި، ޢައްޒާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ފެށި މި އިސްނެގުމަކީ ނޮން-ވައިލެންސް ނުވަތަ ސުލްހަވެރި ހަރަކާތްތަކުގެ މައްޗަށް ބިނާވެފައިވާ، މަދަނީ އިންސާނީ އެހީގެ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކަނޑު ދަތުރުފަތުރުގެ މިނިވަންކަމާއި، އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަކާލާތުކުރުމެވެ.