ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން، އާއިލާއަކަށް ވަގުތީ އެހީ ފޯރުކޮށްދީފަވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓިން ވިދާޅުވެއްޖެއެވެ.
އެންޑީއެމްއޭއިން ވިދާޅުވި އެހީތެރިކަން ފޯރުކޮށްދީފަވަނީ، އަލިފާން ރޯވި އިމާރާތަ އިންވެގެން ހުރި ގޭގެ އެޕަރޓްމަންޓެއްގެ ފެން ހޮޅިއަކަށް ގެއްލުންވެގެން އެގެއިން ފެނުގެ ޚިދުމަތް ކެނޑިފައިވާތީކަމަށެވެ. އެގޮތުން އެ އެޕަރޓްމަންޓްގައި ދިރިއުޅެމުންދިޔަ 2 މީހުންނަށް ރެއިން ފަށިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަވާކަމަށާއި، ފެނުގެ ނިޒާމަށް ލިބުނު ގެއްލުން ދެނެގަނެ އެކަން ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
ރޭ 23:22 ހާއިރު، އަލިފާން ރޯވެފައިވަނީ ސައިރިކްސް ކޮލެޖު ކައިރިން ހަދަމުންދިޔަ އިމާރާތެއްގައެވެ. ބައިގަޑިއެއްހާއިރުތެރޭގައި އަލިފާން ވަނީ ނިންވާފައެވެ.
މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށްވެސް އަދި އިތުރު ބޮޑު ގެއްލުމެއްވެސް ނުވާކަމަށް އެންޑީއެމްއޭއިން ވަނީ މަޢުލޫމާތު ދީފައެވެ.