ޓުއަރިޒަމް

ވޯލްޑް ޓްރެވަލް އެވޯޑްސް ޑިސެމްބަރުމަހު، ރާއްޖޭގައި


ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭ މިއަހަރުގެ ޑިސެމްބަރުމަހުގެ ދެވަނަ ދުވަހު، ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮޅުވެލި ބީޗް އެންޑް ސްޕަރ ރިސޯޓްގައެވެ. އެވޯޑް ޝޯ ރާއްޖޭގައި ބޭއްވުމާއި ގުޅޭގޮތުން ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރައީސް، ގްރަހަމް ކުރޫކް ވިދާޅުވީ ރާއްޖޭގައި މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭ ބާއްވާކަން ހާމަކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި އެވޯޑް ޝޯ ރާއްޖޭގައި ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/7173.jpg|ވޯލްޑް ޓްރެވަލް އެވޯޑުގައި ރާއްޖެއަށް ލިބުނު އެވޯރޑަކާ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ހަވާލުވެވަޑައިގެންނަވަނީ / ފޮޓޯ: ޑަބްލިއު.ޓީ.އޭ

ކޮންމެ އަހަރަކުވެސް ރާއްޖެއަށް ވޯލްޑް ޓްރެވަލް އެވޯޑްގައި ރަން އެވޯޑްތަކެއް ލިބެއެވެ. އިންޑިއަން އޯޝަންގެ ބައިން މި އެވޯޑްގައި މިފަހަރުވެސް އެކި ކެޓަގަރީތަކަށް އެންމެ ގިނައިން ނޮމިނޭޓްވެފައިވަނީ ރާއްޖޭގެ ކުންފުނިތަކާއި ރިސޯޓްތަކެވެ. މައިގަނޑު 7 ދާއިރާއަކުން 33 އެވޯޑް ދިނުމަށް ހަމަޖެހިފައިވާ މި އެވޯޑްގައި އިންޑިޔާ ކަނޑުގެ ސަރަޙައްދުން ރާއްޖެއާއި ވާދަކުރަނީ މޮރިޝަސް އާއި، ސީޝެލްސް އާއި، މަޑަގަސްކަރަ އާއި ރިޔޫނިއަން އައިލެންޑްސްއެވެ.

މި އެވޯޑްގައި ރާއްޖެ ނޮމިނޭޓްވެފައިވާ އެވޯޑްތަކަށް ބަލާއިރު، އެންމެ މަޤްބޫލް މަންޒިލް އަދި އެންމެ މަޤްބޫލު ޑައިވް، ހަނީމޫން، އަދި ކްރޫޒް ޑެސްޓިނޭޝަންވެސް ހިމެނެއެވެ.