ޚަބަރު

އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަން ކުރަން ފާސްކޮށްފި


  • ރަމީލާ އައްޔަން ކުރުމަށް ފާސްކުރީ 38 މެންބަރުންގެ ވޯޓުން

  • ރަމީލާ އެޗްއާރުސީއެމަށް އައްޔަން ކުރެއްވީ ޑިސެމްބަރު މަހުގެ 3ވަނަ ދުވަހު

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ރައީސްގެ މަޤާމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުންގެ ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ އެޗްއާރުސީއެމްގެ ރައީސްކަމަށް ރަމީލާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި މައްސަލަ ހިޔުމަންރައިޓްސް އެބްޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް، އޭނާ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އަދި އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 3ވަނަ ދުވަހުއެވެ.

އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ފޮނުވުމުން، ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ އެނާގެ ނަން ކޮމެޓީގައި ބައިރިވެރިވި މެންބަރުން އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އޭނާ އެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ދައުރުން ބޭރުން މިއަދު ބޭއްވި ޚާއްސަ ޖަލްސާގައި 38 މެންބަރުންގެ އިއްތިފާގުންނެވެ.

ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަަމަށް އައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވުމުންނެވެ. މުނާގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާއެކު އެޗްއާރުސީއެމްގެ ރައީސްގެ މަގާމުވެސް މިހާރު އޮތީ ހުސްކޮށެވެ. އެ މަޤާމަށް ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

އެޗްއާރުސީއެމްގައި 5 މެންބަރުން ތިއްބަވައެެވެ. އެއީ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާޢު އަޙުމަދު ނަޖީބާއި، އިސްމާއިލް ޙަބީބާއި އަޙްމަދު މަޤުސޫމް އަދި ޑރ. ޢާއިޝަތު ރަމީލާއެވެ.