ޚަބަރު

މި އަހަރުވެސް ރާއްޖޭގެ 12 ރެފުރީއަކަށް ފީފާ ބެޖު


ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާގެ ބެޖު މި އަހަރުވެސް ދިވެހި 12 ރެފުރީންނާއި އެސިސްޓަންޓް ރެފުރީން ހާސިލުކޮށް، ރާއްޖެއަށް ކަނޑައަޅާފައި ހުރިހާ ސްލޮޓެއް ފުރިހަމަކޮށްފިއެވެ.

އެ ގޮތުން މި އަހަރަށްވެސް ފީފާ ބެޖު ލިބިފައިވަނީ ފަސް ރެފުރީންނާއި ހަތް އެސިސްޓަންޓް ރެފުރީންނަށެވެ. ފީފާ ބެޖު ހާސިލުކުރި ފަސް ރެފުރީންނަކީ އާދަމް ފަޒީލާއި، ޒަހީރު ހުސެއިން އާއި، މުޙައްމަދު ޖާވިޒާއި، އަފްޝީން ނަސީރު އަދި ސިނާން ހުސެއިނެވެ.

މީގެ ތެރެއިން ފަޒީލް އާއި ޖާވީޒް ފީފާގެ ބެޖު ހާސިލުކުރީ 2016 ވަނަ އަހަރެވެ. އަދި ސިނާނަށް 2020 ވަނަ އަހަރު ފީފާ ބެޖު ލިބުނުއިރު، ޒަހީރު ވަނީ 2024 ވަނަ އަހަރު ފީފާ ބެޖު ހާސިލްކޮށްފައެވެ. އަދި އެންމެ ފަހުން ފީފާ ބެޖު ހޯދީ މިދިޔަ އަހަރު އެ ހާސިލުކުރި އަފްޝީނެވެ.

ފީފާ ބެޖު ކުރިއަށް އޮތް އަހަރަށްވެސް ހާސިލުކުރި އެސިސްޓަންޓް ރެފުރީންނަކީ ޖައުފަރު ރަޝީދާއި، އަޙްމަދު ޢަބްދުﷲ އާއި، އަޙްމަދު އަފްސަހު އާއި، ނިއުޝާދު މުޙައްމަދާއި، އަޙްމަދު ހަސަން އާއި، ޢަބްދުﷲ ޝާތިރު އަދި ރައީފް ރައޫފެވެ.

މީގެ ތެރެއިން އަފްސަހު އާއި ޖައުފަރު، އެންމެ ފުރަތަމަ ފީފާ ބެޖު ހާސިލްކުރީ 2012 ވަނަ އަހަރެވެ. އަޙްމަދު އަބްދުﷲ އަށް 2015 ވަނަ އަހަރު ފީފާ ބެޖު ލިބުނުއިރު، އަޙްމަދު ހަސަން ބެޖު ހާސިލުކުރީ 2023 ވަނަ އަހަރެވެ. އަދި 2024 ވަނަ އަހަރު ރައީފް އާއި ޝާތިރު ވަނީ ފީފާ ބެޖު ހާސިލުކޮށްފައެވެ.