ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް ވެލެންސިއާ އިން ވިކްޓްރީ ސްޕޯޓްސް ކްލަބް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ. މި ދެ ޓީމު ވަދާކުރި މެޗު ނިމުނީ 1-1 އެއްވަރުވެގެންނެވެ.
މި ނަތީޖާ އެކު ކުޅުނު 13 މެޗުން ހޯދި 8 ޕޮއިންޓާއެކު ވެލެންސިއާ ވަނީ ލީގުގެ ފުލުން ކުރިއަށް 9 ވަނައަށް ޖެހިލާފައެވެ. ވިކްޓްރީ ފަސްވަނައިގަ އޮތީ 20 ޕޮއިންޓާ އެކުއެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހަން މާ ރަނގަޅު ފުރުސަތުތަކެއް ހޯދިފައެއް ނުވެއެވެ. އެހެން ނަމަވެސް ދެ ޓީމުން އެޓޭކެއް އުފައްދަން ވަނީ މަސައްކަތް ކޮއްފައެވެ.
މެޗުގެ ދެވަނަހާފުގައި ބަދަލުތަކަކާ އެކު ދެޓީމުން ވެސް ނުކުމެ އެޓޭކުތަކުގައި ރަނގަޅު ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ.
މެޗުގެ 49 ވަނަ މިނިޓުގައި ވިކްޓްރީގެ އަލީ ނަސޫހު ރަޝީދު ވަނީ އަށް އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ދިޔައީ ދަނޑިމަތިން ބޭރަށެވެ. މި ހާފުގައި ވެލެންސިއާގެ އުރުގުއާއީގެ މިޑްފީލްޑަރ އެމިޓިއެސް މާޓިނޭޒް ހާފުގެ މެދެއްހާ ހިސާބުގަ ހުރެފަ ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއު ކޮއްފައެވެ.
ވެލެންސިއާ އިން މެޗުގައި ލީޑު ނެގީ 58 ވަނަ މިނިޓުގައި އޭރިއާ ތެރެއިން މާޓިނޭޒް ފޮނުވާލި ބޯޅައެއް ދަނޑީގަ ޖެހިފަ ނުކުތުމުން ދެން ލިބުނު ބޯޅައިގަ ވެލެންސިޔާގެ ފްރާންސް ފޯވާޑް ސްޓެފަން ބްލެންކް ގޯލަށް ވައްދާލި ބޯޅައިންނެވެ. މެޗުގެ 60 ވަނަ މިނިޓުގައި ދަނޑުގެ ލައިޓްތަކަށް ދިމާވި މައްސަލައަކާ ހުރެ ކަރަންޓް ދިއުމުން މެޗުގެ ކުޅުން އަލުން ފަށާފަވަނީ 24 މިނިޓް ފަހުންނެވެ.
އިތުރު ވަގުތުގެ ގޮތުގައި 31 މިނިޓް ކުޅުނުއިރު ވިކްޓަރީ ލަނޑު ޖެހީ އިތުރު ވަގުތު ތެރޭގައެވެ. ވިކްޓަރީގެ ބިދޭސީ ޑިފެންޑަރ ޖޯހިރް އަޒަމޯވް ނަގައިދިން ބޯޅަށް އޭރިއާތެރެއިން ކީޕަރު އެބޯޅައަށް ނުކުތް ވަގުތު ގޯލަށް ވައްދާލީ މެޗުގެ ފަހުބައިގަ ބަދަލަކަށް ނުކުތް ސަފްރާޒް އިބްރާހިމްއެވެ.
މެޗުގެ އިތުރު ވަގުތުތެރޭގަ ވެސް ވިކްޓަރީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރަސަތުތަކެއް ލިބިފައެވެ. ލީގުގައ މި ދެޓީމު ވާދަކުރި ފުރަތަމަ މެޗު ވެލެންސިއާ ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ. މިއީ މި ދެޓީމު ވެސް ލީގުގައި އެއްވަރުވި ދެވަނަ މެޗެވެ.