ޚަބަރު

ޖުވާ ކުޅުން ޖިނާޢީ ކުށަކަށް ހެދުމުގެ އިސްލާހު މަޖިލީހަށް!


  • މި ބިލު ހުށަހެޅުއްވީ މެންބަރު އަޙްމަދު އަޒާން

  • މާދަމާ ބޭއްވުމަށް ތާވަލުކޮށްފައިވާ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާނެ

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެ ކުށް ކުރާ ފަރާތްތަކަށް އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނަ ގޮތަށް ޤާނޫނުލްޢުޤޫބާތަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޒާން މަރްޒޫޤްއެވެ.

ޖުވާއަކީ ދެ މީހަކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކު ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރުގައި ބެހެއްޓި ފައިސާ މޮޅުވާ ފަރާތަށް ދޭން ޝަރުތު ކުރެއެވެ. ފަހަކަށް އައިސް ޖުވާ ކުޅުން ވެފައިވަނީ މުޖުތަމައުގެ ތެރޭގައި ވަރަށް އާންމުވެފައިވާއިރު، ޖުވާ ކުޅެވޭ ބައިނަލްއަގުވާމީ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ދިވެހީން ޖުވާ ކުޅޭކަން ފާހަގަކުރެވެއެވެ.

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް އިސްލާހުގެނައުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް މިވަނީ ހުށަހަޅާފައެވެ.

ދައުރުން ބޭރުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުށަހެޅުމަށް ހަމަޖެހިފައިވާ މި ބިލުގައިވާ ގޮތުން، ޖުވާ ކުޅުމާއި އެފަދަ ތަނެއް ހިންގުމުގެ ކުށުގެ ދަރަޖައަކީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައެވެ. މި ދަރަޖައިގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ 1 އަހަރާއި 7 މަސް އަދި 6 ދުވަހުގެ ޖަލު ހުކުމެކެވެ. ކުށުގެ ބާވަތަށް ބަލައި 4 އަހަރާ ހަމައަށް އަދަބު ބޮޑުކުރެވޭއިރު، އެންމެ ކުޑަ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

މި އިސްލާހުގައި ޖުވާ ކުޅުމުގެ މާނަ ވަނީ ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައެވެ. އެގޮތުން ޖުވާކުޅުމަކީ ވަކި މުބާރާތެއްގައި، ކުޅިވަރެއްގައި ނުވަތަ ވަކި ސްކީމެއްގައި އިލެކްޓްރޯނިކް ކޮށް ނުވަތަ ޖުވާކުޅުމުގެ އާލާތެއް މެދުވެރިކޮށް، ކުރިއަށް އޮތް ތަނުގައި ހިނގާނެ ވަކި ކަމެއްގެ މައްޗަށް ބިނާކޮށް، އެކަމުން ނުކުންނާނެ ނަތީޖާއެއް ލިބިގަތުމަށްޓަކައި އަތުގައި ހުރި އެއްޗެއް ދޫކޮށްލުމެވެ. މީގެ އިތުރުން، އޮންލައިންކޮށް ހިންގާ ޖުވާ ކުޅުމުގެ ވިޔަފާރިވެސް މި އިސްލާހުގެ ދަށުން ކުށެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ބައެއް ކަންކަން ޖުވާގެ ތެރެއަކު ނުހިމެނެއެވެ. އޭގެ ތެރޭގައި މުނިފޫހިފިލުވުމަށް ބާއްވާ މުބާރާތްތަކުން ލިބޭ އިނާމާއި، އެއްވެސް އަގެއް ދިނުމަކާ ނުލައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޭ ފައިސާ ނުވަތަ އިނާމު ހިމެނެއެވެ. އަދި ކުޅިވަރުގެ ބޭނުމަށް ފަރުމާކޮށްފައިވާ މެޝިންތަކުން ލިބޭ ވަނަތަކާއި، އެފަދަ ތަކެތި ރިޑީމްކުރުމަށް ބޭނުންކުރާ ޓޯކަން ފަދަ ތަކެތި ބޭނުންކުރުން ވެސް ޖުވާގެ ތެރެއަކުން ނުހިމެނެއެވެ.

ރާއްޖޭގައި ޖުވާކުޅުން އިތުރުވަމުންދާތީ އާންމުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު މިފަދަ ބިލެއް ހުށަހަޅުއްވާނެކަން އިޢުލާން ކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ ޖުވާ ކުޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެކަން ހުއްޓުވުމަށް ޤާނޫނީ ބާރުވެރިކަން ހޯދުމެވެ.