ޚަބަރު

ލީގުގެ ކުރީގަ އޮތް މާޒިޔާ އަށް އުނދަގޫ މޮޅެއް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އެއްވަނައިގަ އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ލީގުގެ ފަހަތުގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން އުނދަގޫ މޮޅެއް ހޯދައިފިއެވެ. މި މެޗު މާޒިޔާ ކާމިޔާބު ކުރީ 2-1 ލަނޑުންނެވެ.

މި ނަތީޖާ އެކު މާޒިޔާއިން ވަނީ ލީގު އެއްވަނައިގަ ލީޑު ދަމަހައްޓާފައެވެ. ކުޅުނު 13 މެޗުން ހޯދި 37 ޕޮއިންޓާއެކު މާޒިޔާއިން މި ވަނީ އެއްވަނައިގަ ހަމަޖެހިލާފައެވެ. ތާވަލުގެ ދެވަނާގަވާ އޮޑި ސްޕޯޓްސް ކުލަބާ 9 ޕޮއިންޓުގެ ފަރަގެއް އޮތްއިރު އޮޑިން ލީގުގައި އަންގާރަ ދުވަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނާނެއެވެ.

ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ޔޫވީން ވަނީ އެވްރެޖް ކުޅުމެއް ދައްކާފައެވެ. މެޗުގެ 7 ވަނަ މިނިޓުގައި ޔޫވީގެ މިސްރު ފޯވާޑް މުސްތަފާ މަހްމޫދް އެލް ޝާޒްލީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ވަނީ ގޯލާ ސީދާ ނުވެފައެވެ.

މެޗުގެ ޔޫވީން ވަނީ މާޒިޔާ އެޓޭކްތައް ހުއްޓުވުމުގައި ދިފާއުގަ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅުގައި މާޒިޔާގެ ހަމްޒާ މުހައްމަދު ފޮނުވާލި ހަމަލާއެއް ގޯލު އޭރިއާ ތެރެއިން ޔޫވީގެ ޑިފެންޑަރ މިގްދާދް ސައީދު ވަނީ ދިފާއުކޮއްފައެވެ.

އޭގެފަހުން އޭރިއާ ބޭރުން މުހައްމަދު އިލާން އިމްރާން ފޮނުވާލި ބޯޅައެއް ގޯލާ އަމާޒު ނުވެ ދިޔައީ ބޭރަށެވެ. ފުރަތަމަ ހާފުގައި މަހްމޫދަށް ވެސް ވަނީ ޔޫވީއަށް ލަނޑެއް ޖަހއިދޭން ރަނގަޅު ފުރުސަތެއް ލިބިފައެވެ.

މާޒިޔާ މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގެ 31 ވަނަ މިނިޓުގައި ޔޫވީގެ ކީޕަރު އަލީ އަދެލް މުސްތަފާ އަލީ އޭރިއާތެރެއިން ދިފާއުރަން ފޮނުވާލި ބޯޅައެއް ހަމްޒާގައި ޖެހިފަ ކޮންޓްރޯލް ވުމުން ދެވަނަ ފަހަރު އެނާ ގޯލަށް ބޯޅަވައްދާލައިގެން ކާމިޔާބުކޮއްދިން ލަނޑުންނެވެ.

މެޗުގެ 52 ވަނަ މިނިޓުގައި ޔޫވީގެ އިބްރާހިމް މަތިން ފޮނުވާލި ބޯޅައެއް މާޒިޔާގެ ގޯލުގައި ހުރި އިޔާން އަބްދުލް އަލީމް ދިފާއު ކުރިއިރު އޭގެ 10 މިނިޓް ފަހުން އޭރިއާ ތެރެއިން އިމްރާން ފޮނުވާލި ބޯޅަ ދިޔައައީ ބޭރަށެވެ.

މާޒިޔާ ދެވަނަ ލަނޑަކީ ލިބުނު ކޯނަރެއްގައި މާޒިޔާގެ ޕޯޗުގަލް ޑިފެންޑަރ ލުއިސް ޕައުލޯ އަލްމޭޑާ ބޮލުން ގޯލަށް ވައްދާލި ލަނޑެކެވެ. ހުސްކޮށް ހުރެ ލުއިސް މި ލަނޑު ޖެހީ މެޗުގެ 82 ވަނަ މިނިޓުގައެވެ.

ޔުވީ މެޗުގައި ޖެހި ހަމަ އެކަނި ލަނޑަކީ އިތުރު ވަގުތުގެ އެޓީމުގެ ބިދޭސީ ފޯވާޑް މުހައްމަދު ސާމިރު އޭރިޔާ ބޭރުން ފޮނުވާލި ބޯޅައަކުން ކާމިޔާބު ކުރި ލަނޑެކެވެ.
މި މިލީގުގައި މާޒިޔާ އިން ހޯދި 12 މޮޅެވެ.