ޚަބަރު

"ކޮންމެ ކައުންސިލް އިމާރާތެއްގައިވެސް 40 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ"


  • ކޮންމެ ކައުންސިލަރަަކަށް ކޮޓަރިއެއް ހުންނާނެ

  • 42 ރަށެއްގައި ކައުންސިލް އިމާރާތުގެ މަސައްކަތް ކުރިއަށްދޭ

ސަރުކާރުން މިޙާރު ތަރައްޤީކުރާ ކޮންމެ ކައުންސިލް އިމާރާތެއްގައިވެސް 40 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ހުންނާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، 55 ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބާވެ ވީރާނާވެފައިވާ ކައުންސިލް ޢިމާރާތްތައް ތަރައްގީކުރުމަށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 17ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން، 42 ރަށެއްގައި އިމާރާތްކުރާ ކައުންސިލްތަކުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް ސިޓީތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ ތެރެއިންވެސް ގިނަ ރަށެއްގައި ފައުންޝޭޝަންގެ މަސައްކަތް ނިމި ކޮލަމްގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

ކައުންސިލް އިމާރާތްތަކުގައި މިހާރު ކުރިއަށްދާ މަސައްކަތްތައް:

* 16 ރަށެއްގައި ފައުންޑޭޝަން ނިމި ކޮލަމަތައް އެޅުމުގެ މަސައްކަތް ފެށިފައި
* 13 ރަށެއްގައި ބީމްގެ މަސައްކަތް ފެށިފައި
* 4 ރަށެއްގައި ފައުންޑޭޝަންގެ މަސައްކަތް ނިމިފައި
* 3 ރަށެއްގައި ރޭނުމުގެ މަސައްކަތް ފެށިފައި
* 2 ރަށެއްގައި ސިޑި ހެދުމުގެ މަސައްކަތް ފެށިފައި
* 1 ރަށެއްގައި ކޮލަމްގެ މަސައްކަތް ނިމިފައި
* 1 ރަށެެއްގައި ގްރައުންޑް ވޯކްގެ މަސައްކަތް ފެށިފައި
* 1 ރަށެއްގައި ސުޕަރ ސްޓްރަކްޗަރގެ މަސައްކަތް ފެށިފައި
* 1 ރަށެއްގައި ތަޅުން އެޅުމުގެ މަސައްކަތް ފެށިފައި

މި މަޝްރޫއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތަައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، މިއަހަރުގެ ޖުލައި މަހުގެ ކުރިން މި އިމާރާތްތަކުގެ މަސައްކަތް ނިންމާ ބޭނުންކުރެވެން ފެށޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި އިމާރާތްތަކުގެ މަސައްކަތްތައް ނިންމާލެވޭއިރު ކައުންސިލް އިދާރާގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހުންނާނެ ކަމަށެވެ. އަދި ވަގުތުން ޚިދުމަތްތައް ފޯރުކޮށްދޭނޭ ހުރިހާ އިންތިޒާމެއްވެސް މި އިމާރާތްތަކުގައި ޤާއިމްކޮށްފައިވާނެ ކަަމަށާއި، ސާވާ ރޫމްތައްވެސް ޤާއިމްކުރާނެ ކަަމަށް ވަޒީރު ވިދާޅުވިއެވެ.

"ސަރުކާރުން މި އަޅާ ކޮންމެ ކައުންސިލް އިމާރާތެއްގައިވެސް 40 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ހުންނާނެ. ދެން އަޅުގަނޑުމެން މިތަން ޕްލޭންކުރަމުންދިޔަ އިރުގަ އޭރު 5 ނުވަތަ 7 ކައުންސިލުން ތިބުމާއެކުގައި ކޮންމެ ކައުންސިލަރަކަށްވެސް ރޫމެއް ހުންނާނެ. މިހާރު މި އައި ބަލަދާލާއެކީގައި އިތުރު މަސައްކަތްތަކެއް ކުރުމަށް 2 ކޮޓަރި ލިބިގެންދާނެ." ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފު ވިދާޅުވީ، މި ކައުންސިލް އިމާރާތްތަކުގައި ޑަބްލިއުޑީސީއަށް ހާއްސަކޮށްފައިވާ ތަންތަންވެސް ހުންނައިރު، ޕާސްޕޯޓް އަދި އައިޑީ ކާޑު ހެއްދުމުގެ އިންތިޒާމުތައްވެސް ހަމަޖެހިގެންދާ ކަމަށެވެ. މީގެ އިތުރުން، ރައްޔިތުންނާ ބައްދުލުކުރުމަށް ހޯލެއްވެސް މި އިމާރާތްތަކުގައި ޤާއިމްކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.