ޚަބަރު

ބޮޑެތި ބަލިތަކަށް ބޭސްކުރަން ޕެންޝަނުން ޚަރަދުކުރެވޭ ގޮތް ހަދަނީ!


  • ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު

  • މާދަމާ ބާއްވާ ޖަލްސާގައި މި ބިލަށް ބަހުސްކުރާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވި ގޮތަށް، ފުރާނައަށް ނުރައްކާވާފަަދަ ބޮޑެތި ބަލިތަކަށް ބޭސް ކުރުމަށް ޕެންޝަން ފައިސާއިން ޚަރަދުކުރެވޭ ގޮތް ހެދުމަށް، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި ބިލަށް ބަހުސްކުރުން ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާގައި ކުރިއަށް ގެންދިޔުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ފުރާނައަށް ނުރައްކާވާފަަދަ ބޮޑު ބައްޔެއް ނުވަތަ ޓާމިނަލް އިލްނަސްގެ ޙާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރުމަށް ކަނޑައެޅުމާއި އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ޤާނޫނުގައި ހިމެނުމެވެ.

ފުރާނައަށް ނުރައްކާވާފަަދަ ބޮޑު ބައްޔެއް ކަމަށް އެ އިސްލާހުގައި ބުނެފައިވަނީ އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދިން ނަމަވެސް، 12 މަހަށް ވުރެ ދިގު މުއްދަތަކަށް އެ މީހަކު ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް އެފަދަ ބައްޔަކާ ބެހޭ ސްޕެޝަލިސްޓު ޑޮކްޓަރަކު ކަނޑައަޅާފައިވާ ޞިއްޙީ ހާލަތްތަކަށެވެ.

ސަރުކާރުން މި ހުށަހަޅުއްވާ ހުށަހެޅުއްވުމަކީ ޕެންޝަން ގާނޫނަށް މާއްދާތަކެއް އިތުުރު ކުރުން ކަމަށް ވާއިރު، އެ މާއްދާތަކުގެ ތެރޭގައި ޕެންޝަން ލިބޭ އުމުރު ހަމަނުވިކަމުގައިވިޔަސް ބޮޑު ބައްޔަކަށް ފަރުވާ ހޯދާ ހާލަތެއްގައި ޕެންޝަންގައި ހުރި ފައިސާ ދޫކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ފައިސާ ދޫކުރެވޭނެ ގޮތަށް ހެދުން ހިމެނެއެވެ.

އެގޮތަށް ފައިސާއަށް އެދޭއިރު ވަކިވަކިން ނުވަތަ އެއްފަހަރާ އެ ފައިސާ ދޫކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބިދެވޭ ފައިސާއަށްވުރެ ބޮޑު ޢަދަދެއްގެ ފައިސާ އެ މީހަކަށް އާމްދަނީގެ ގޮތުގައި ލިބޭ މީހުންނަށް، އަސާސީ ޕެންޝަން ލިބިނުދެވޭނެކަމަށް ކަނޑައެޅުމާއި އެކަމާ ގުޅޭ އުސޫލުތައް ޤާނޫނުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން، ޙައްޖުވުމަށްޓަކައި ކުރިއާލައި ޖާގަ ރިޒާވްކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެކަމަށް ކަނޑައެޅުމަށާއި، އެނޫންވެސް ޤާނޫނު ހިންގުން ހަރުދަނާކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ހައްޖަށް ދިއުމަށްޓަކައި ހައްޖު ކޯޕަރޭޝަނަށް ދައްކަންޖެހޭ އަގުގެ 20 އިންސައްތަ ދައްކައިފިނަމަ، ބާކީ 80 އިންސައްތަ ފައިސާ، ޕެންޝަން އެކައުންޓުން ދެއްކޭ ގޮތަށްވެސް ޕެންޝަން ގާނޫނު އިސްލާހުކުރުމަށް ހުށަހަޅާފައިވެއެވެ.

ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ލިބޭގޮތަށް މަޖިލީހުގެ ކުރިއަށްއޮތް ދައުރުގައި ޤާނޫނަށް އިސްލާޙު ގެންނަން ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހުގެ 7ވަނަ ދުވަހު ގަލޮޅު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

"ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތަށް، އާދެ އެޚާއްސަ ހާލަތްތައް އޭގައި ބަޔާންކުރެވޭނެ، އެހެންވީމަ މިހާރަށްވުރެ ގިނަ ފުރުޞަތުތައް އެމީހާގެ ޕެންޝަން ފައިސާ ބޭނުންކުރެވޭގޮތަށް ޤާނޫނަށް އިސްލާހު އެބަ ހުށަހަޅަން" ރައީސް ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގެ ޕެންޝަން ނިޒާމު އޮތްގޮތުން ދައުލަތުގެ ބަޖެޓަށް ބުރަވާތީވެ، ޕެންޝަން ނިޒާމަށް އަހަރުން އަހަރަށް ޚަަރަދުކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއެވެ. މިކަން ހައްލުކުރުމަށް އެކި ސަރުކާރުންތަކުން އެކި ފަހަރު މަސައްކަތްކުރި ނަމަވެސް، އެކަށީގެންވާ ހައްލެއް މިހާތަނަށް ގެނެވިފައެއް ނުވެއެވެ. ނަމަވެސް ޕެންޝަން ނިޒާމުގައި ހުރި ނަހަމަ އެތައް ކަމެއް ހައްލުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.