ވިޔަފާރި

"ކްރެޑިޓް ރޭޓިންގެ ސަބަބުން ލޯނު ހޯދުމުގައި ލުއިތަކެއް ލިބޭނެ"


ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީތަކުގެ ތެރޭގައި ހިމެނޭ "މޫޑީސް އިންވެސްޓްމަންޓް ސަރވިސް"އިން ޢާންމު ކުރި ކްރެޑިޓް ރޭޓިންގައި ރާއްޖެ އަށް ލިބުނީ "ބީ-2" ރޭޓިންއެވެ. ތަރައްގީވަމުން އަންނަ ގައުމުތަކާއި ކުދި އިގްތިސާދުތައް ހިމެނޭ މި ރޭޓިން ރާއްޖެއަށް ދީފައި ވަނީ، ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދުވެލި މެދުރާސްތާގައި ރަނގަޅު ރޭޓެއްގައި ކުރިއަރާނެކަމަށް ލަފާކޮށްފައެވެ. 

މި ރޭޓިން އާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ ކްރެޑިޓް ރޭޓިންގެ ސަބަބުން، ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް ބޭނުންވާ ފައިނޭންސް ހޯދުމަށް މަގުފަހިވެ، ފައިނޭންސިންއަށް ހިނގާ ހަރަދު މިހާރަށްވުރެ ކުޑަވެގެން ދާނެކަމަށެވެ. އަދި ރާއްޖޭގެ މާލީ ބާޒާރުގައި ވިއްކާ ބޮންޑާއި ސުކޫކް ފަދަ ޑެޓް އިންސްޓްރުމަންޓް ތަކަށްވެސް ކްރެޑިޓް ރޭޓިންއެއް ލިބި، ބައިނަލްއަގުވާމީ ބާޒާރުން ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މީގެ ސަބަބުން ސަރުކާރުން ފަށްޓަވާފައިވާ އިޤްތިސާދީ އެޖެންޑާއަށް ބޭނުންވާ ފައިނޭންސިންގ އާއި އަމިއްލަ ކުންފުނިތަކުގެ ފަރާތުން ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކަށް ހެޔޮއަގެއްގައި ފައިނޭންސިންގ ލިބުމުގެ މަގު ފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކްރެޑިޓް ރޭޓިންގ ޝާއިއުކުރެއްވުމަކީ މި ސަރުކާރުން މާލީ ނިޒާމް ތަރައްގީކުރެއްވުމަށް އެޅުއްވި އެންމެ މުހިއްމު ފިޔަވަޅުކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14687363009789.jpg|ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު -

"ސަރުކާރުގެ ވިސްނުމަކީ މެގަ ޕްރޮޖެކްޓްތަކަށް ރަނގަޅު ފައިނޭންސެއް ހޯދާ އަދި ޚާއްސަކޮށް ޕްރައިވެޓް ސެކްޓަރ އަށް ފައިނޭންސް ލިބޭނެ ލުއިގޮތްތަކެއް ހޯދާ ދެއްވުން.. މިކަމުގެ ސަބަބުން ގިނަ އިންވެސްޓްމެންޓްތައް ގެނައުމަށް މަގިފަހިވެގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ. 

މޫޑީސް އިންވެސްޓަރސް ސަރވިސަސްއިން ޢާންމު ކުރި ރާއްޖޭގެ ކްރެޑިޓް ރޭޓިންއާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސީއެމްޑީއޭގެ ސީއީއޯ އަޙްމަދު ނަޞީރު ވިދާޅުވީ ކްރެޑިޓް ރޭޓިން ރަނގަޅުވާ ވަރަކަށް މާކެޓުން ފައިސާ ހޯދުން ފަސޭހަވެ، ޚަރަދު ކުޑަވެގެންދާނެކަމަށެވެ. ނަޞީރު ވިދާޅުވީ ބޭރުގެ އިންވެސްޓަރުންނާއި ރާއްޖޭގެ އިންވެސްޓަރުންނަށް ވެސް އިންވެސްޓް ކުރެވޭނެ ފަދަ ބޮންޑް މާކެޓެއް ރާއްޖޭގައި ތަރައްގީކުރުމަކީ މިހާރު މުހިއްމުވެފައިވާ ކަމެއްކަމުގައެވެ. މިގޮތުން ކްރެޑިޓް ރޭޓިންގއަކީ ހަރަކާތްތެރި ބޮންޑް މާކެޓެއް ރާއްޖޭގައި ތަރައްގީކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއްކަމުގައި ނަޞީރު ވިދާޅުވިއެވެ. 

"ގައުމުގެ ރޭޓިންއާއި އެއްފެންވަރެއްގައި ކުންފުނިތައްވެސް ރޭޓްކުރެވޭނެ. ބޮންޑު މާކެޓެއް ތަރައްގީވުމުގެ އެންމެ ބޮޑު އެއްބޭނުމަކީ އަދި އަމާޒަކީ ކުދި ވިޔަފާރިތަކާއި އާންމުނެގ މެދުގައި ފަހަށް ރައްކާކުރުމުގެ އާދާ އަށަގެންނެވުން." ނަޞީރު ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/8005.jpg|ފިނޭންސް މިނިސްޓްރީ / ފޮޓޯ: ފައިލް

ޤައުމުތަކުގެ ކްރެޑިޓް ރޭޓިންގ ހެދުމުގައި މޫޑީސް އިން ބަލާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ އަދި ދަރަނީގެ ސިޔާސަތާއި، އިޤްތިސާދީ ދުޅަހެޔޮކަމާއި، ދައުލަތުގެ އިދާރީ ނިޒާމުގެ ހަރުދަނާކަމާއި، ސިޔާސީ މާހައުލުގެ ހަމަޖެހުންފަދަ ކަންތައްތަކެވެ. ސޮވެރިން ކްރެޑިޓް ރޭޓިންއަކީ ގައުމެއްގެ ކްރެޑިޓް ރިސްކާއި އިންވެސްޓްމަންޓްގެ މާހައުލު ތިންވަނަ ފަރާތަކުން ހަމަހަމަ ގޮތެއްގައި ބެލުމަށްފަހު ހާމަކުރާ މިންގަނޑެވެ. އެހެންކަމުން، ސޮވްރިން ކްރެޑިޓް ރޭޓިން އަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކަށާއި ބޮޑެތި އިންވެސްޓަރުން އިތުބާރުކުރާ އަދި މާލީ ނިންމުންތައް ނިންމުމުގައި ބަލާ މުހިންމު އެއްމިންގަނޑެވެ. މީގެ ކުރިންވެސް ރާއްޖޭގެ ސަރުކާރު ތަކުން މިފަދަ ރޭޓިން އެއް ހެދުމަށް މަސައްކަތް ކުރައްވާފައިވެއެވެ.