ވިޔަފާރި

ރާއްޖޭގައި މަލްޓި ޕެކޭޖިންގ ސެންޓަރެއް ޤާއިމްކުރަނީ


ދިވެހިންގެ އަމިއްލަ އުފެއްދުންތައް އިތުރުކުރައްވައި، އެ އުފެއްދުންތަކަށް އެކަށީގެންވާ މާރކެޓް ހޯއްދަވައި ދެއްވުމަކީ ސަރުކާރުން އިސްކަން ދެއްވާކަމެކެވެ. އަދި އެކަމަށް ތަފާތު ކަންކަން ރާއްވަވައި ތަންފީޒުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.  މި މަސައްކަތުގެ ދަށުން، ދިވެހި އުފެއްދުންތަކުގެ ޕެކޭޖިންގ ފެންވަރު ރަނގަޅުކުރެއްވުމަށްޓަކައި ރާއްޖޭގައި މަލްޓި ޕެކޭޓިންގ ސެންޓަރެއް ޤާއިމުކުރެއްވުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށްޓަވާފައެވެ.

އިކޮނޮމިކް މިނިސްޓަރުގެ، ނާއީބް ޢަބްދުﷲ މުޙައްމަދު ވިދާޅުވީ މި ސެންޓަރ ޤާއިމުކުރެއްވުމަށްޓަކައި އެކަމާގުޅޭ ދިރާސާތައް ކުރައްވަމުން ގެންދަވާކަމަށެވެ. އެސެންޓަރ ޤާއިމްކުރެއްވުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ސެންޓަރު ޤާއިމްކުރެއްވުމަށް ރާއްވަވާފައިވަނީ ސަބާ ޕްރޮޖެކްޓްގެ ދަށުންކަމަށް ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/7883.jpg|އިކޮނޮމިކް މިިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ މުހައްމަދު / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

މި ޕެކޭޖިން ސެންޓަރ ޤާއިމްކުރެއްވުމަށް ހަމަޖެހިފައިވަނީ ސަބާ މޯލްޑިވްސްއަށް ސަރުކާރުން ދެއްވާފައިވާ ބިމުގައި އެޅުއްވުމަށް ހަމަޖެހިފައިވާ 10 ބުރީގެ ޢިމާރާތުގައި ކަމަށާއި އެތަން ޢިމާރަތްކުރެއްވުމަށް ބޭނުންވާ ފައިސާ ހޯއްދެވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށް ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ސަބާ މެދުވެރިކޮށް އިރާކުރެއްވިއްޔާ އަންނަ އަހަރުގެ ކުރީކޮޅުގައި އެންމެ ލަސްވެގެން މަލްޓި ޕެކޭޖިންގ ސެންޓަރެއް ޤާއިމްކޮށް، ހަމަ އެތަނުން އެއްޗެހި ފަރުމާވެސް ކޮށްދޭނެ ޕެކޭޖްވެސް ކޮށްދިނުމުގެ ޚިދުމަތް ދިނުމަކީ އަޅުގަނޑުމެންގެ އަމާޒަކީ" ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.

ސަބާ މޯލްޑިވްސް ޕްރޮޖެކްޓަކީ ސާކް ޑިވެލޮޕްމަންޓް ފަންޑުން ޚަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޮމިއުނިޓީ ފެސިލިޓީ ސެންޓަރުތައް ޤާއިމްކުރެއްވުމުގެ މަސައްކަތް ސަބާ މޯލްޑިވްސްއިން ގެންދަވަނީ ހިންގަވަމުންނެވެ. އެގޮތުން އައްޑޫ ސިޓީގައި ނަމޫނާ ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށް ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14731690810081.jpg|ސަބާ ޖަމްއިއްޔާގެ އުފެއްދުންތަކެއް / ފޮޓޯ: ސަބާ

"އައްޑޫސިޓީ ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރ ނަމޫނާ ސެންޓަރަކަށް ހަދާފައި، ޒަމާނީ ވަސީލަތްތައް އެތަނުގައި އިރާދަކުރެއްވިއްޔާ ޤާއިމްކުރާނަން، މިދެންނެވީ އައްޑޫ ބޮނޑިވެސް ޒަމާނީ ފެންވަރަކަށް ޑިޒައިންކުރެވިގެން ޕެކޭޖިންގ ހެދިގެން ބާޒާރަށް ނުކުންނާނެ ނިޒާމެއް ޤާއިމްކުރާނަން" ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ. 

ސަބާއަކީ ދިވެހި އަންހެނުން އުފައްދާ ތަފާތު ބާވަތްތައް މާރކެޓްކޮށް، ތަކެތި އުފައްދާ ފަރާތްތަކަށް އެހީތެރިވުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.