ޚަބަރު

ގުޅިފަޅުގެ ދެވަނަ ފިޔަވައްސަށް 115 ހެކްޓަރުގެ ބިން ހިއްކަނީ


މާލެ ސަރަޙައްދުގައި ހިނގާ ސިނާޢީ މަސައްކަތްތަކަށް ބޭނުންވާ ބިންތައް ލިބުމުގައި ހުރި ދަތިތަކަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ރައީސް ޔަމީންގެ އިސްނެންގެވުމާއެކު ސަރުކާރުން ގެންދަވަނީ ގުޅީފަޅު މަޝްރޫޢަށް ޒަމާނީ ބަދަލުތަކެއް ގެންނަވަމުންނެވެ. ކުރިން މީހުން އާބާދުވާ ރަށެއްގެ ގޮތުގައި ޑިޒައިން ކުރެވިފައިވީ ނަމަވެސް، މިހާރު އެރަށަކީ އިންޑަސްޓްރިއަލް ރަށެކެވެ. މާލެ ސަރަޙައްދުގެ ބިމުގެ ޑިމާންޑް ބޮޑުވަމުން ދިއުމުން، ގުޅީފަޅުގައި މިހާރު ހިއްކާފައިވާ 8 ހެކްޓަރަކީ އެކަށީގެންވާވަރުގެ ބިމެއް ނޫންކަމަށް ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް، ޖީ.އައި.އެލްއިން ފާހަގަކުރެއެވެ. 

img:http://s3.psmnews.mv/images/660x400/14731681776429.jpg|ގުޅިފަޅު / ދެވަނަ ފިޔަވަހި ތަރައްޤީކުރެއްވުމަށް 115 ހެކްޓަރުގެ ބިން ހިއްކެވުމަށް ވަނީ ނިންމަވާފައި

ބިމަށް އޮތް ޑިމާންޑަށް ބަލާއިރު، ކުއްޔަށް ދޫކުރާ ބިންތަކާއި، ދިގު މުއްދަތަކަށް ވިއްކުމަށް ނިންމާފައިވާ ބިންތައްވެސް ހުރީ ފުރިފައެވެ. އިތުރަށް ބިން ނުހިއްކާ ގުޅީފަޅު މަޝްރޫޢު ކުރިއަށް ނުގެންދެވޭނެ ކަމަށް ޖީ.އައި.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ފަޒީލް ވިދާޅުވިއެވެ. އަދި މަޝްރޫޢުގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންދިއުމަށް 115 ހެކްޓަރުގެ ބިން ހިއްކުމަށް ރައީސް ޔާމީން ލަފާދެއްވާފައިވުމުން، އެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ފަޒީލް ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށް ހަމަޖެހިފައިވަނީ، ގުޅީފަޅު މަޝްރޫޢުގެ މާސްޓަރ ޕްލޭނާ އެއްގޮތަށް ކަމަށް ފަޒީލް ފާހަގަކުރެއްވިއެވެ. ގުޅީފަޅުގެ ދެވަނަ ފިޔަވަހީގެ ބިންވެސް ބޭނުން ކުރެވިގެންދާނީ ގުދަން ކުރުމަށް ބިން ދޫކުރެއްވުމަށާއި، ސިނާޢީ މަސައްކަތްތަކަށް ކަމަށް ފަޒީލް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/9781.jpg|ގުޅިފަޅު / ފޮޓޯ: ޕީއެސްއެމް

ސަރުކާރުން ވަނީ ގުޅިފަޅުގައި މީހުން އާބާދުކުރުމަށް ހިނގަންފެށި ފްލެޓްތަކުގެ މަޝްރޫޢަށް ބަދަލުގެންނަވައި، ލޭބަރ ޕާކެއް އެތަނުގައި ހެއްދެވުމަށް ނިންމަވާފައެވެ. ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑުން މިހާރު ވަނީ ލޭބަރ ޕާކް ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށްވެސް ޢިއުލާންކޮށްފައެވެ. އަލަށް ހިއްކާ ބިމުގައިވެސް ލޭބަރ ޕާކްގެ ބައިތައް ހެދިގެންދާނެ ކަމަށް ޖީ.އައި.އެލްއިން ފާހަގަކުރެއެވެ.